English Edition
Dhivehi Edition

އައްޑޫ ސިޓީގެ ރައްޔަތުން ފުރަތަމަ ފަހަރަށް އެ ސިޓީގެ ހަތް ގޮނޑި އެމްޑީޕީއަށް ދިނީ އައްޑޫސިޓީ ތަރައްގީ ކުރުވަން ކަމަށް އައްޑޫ ސިޓީގެ މޭޔާރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި ސޯބެ ވިދާޅުވީ އައްޑޫ ސިޓީގެ 07 ގޮނޑި އެމްޑީޕީއަށް ރައްޔަތުން ދިނީ މި ސިޓީ ތަރައްޤީކުރުވަންކަމަށާއި އެކަން ސަރުކާރުން ކޮށްދޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. މީގެ އިތުރުން ސޯބެ ވިދާޅުވީ އާ ސަރުކާރު ފެށުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫސިޓީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ފަށާފައިވާކަމަށެވެ. އަދި މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެ ސިޓީ ތަރައްގީކޮށްދޭނެ ކަމުގެ އުއްމީދު އައްޑޫސިޓީގެ ރައްޔިތުންނަށް އާވެފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ އިން ލިބުނު ކާމިޔާބީ އާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ސޯބެ ވިދާޅުވީ އެމްޑީޕީއަށް މިހާ ބޮޑު މަޖޯރިޓީއެއް ލިބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި 5.4 ބިލިއަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫއުގެ ސަބަބުންކަމަށެވެ. މީގެ އިތުރުން ސޯބެވަނީ އައްޑޫ ސިޓީގެ ރައްޔިތުންނަކީ ނަޒާހަތްތެރި، ކޮރަޕްޝަނާއި ދުރުހެލި މަޖިލީހެއް އަބަދުވެސް ބޭނުންވާ ސިޓީއެއް ކަމުގައި ފާހަގަކުރައްވާފައެވެ.