English Edition
Dhivehi Edition

ނުވަވަނަ ގަރުނުގެ އަނގޮޓީއެއް ސްވިޑުންގެ މަހާނައަކުން ހޯދައިފިއެވެ. އެ އަނގޮޓީގައި ވަނީ ﷲ ގެ މޫރިތި އިސްމުފުޅު އަރަބި ބަހުން ލިޔެފައެވެ.

އެ އަނގޮޓި ފެނިފައިވަނީ 19 ވަނަ ގަރުނުގެ މަހާނައެއް ކޮންނަމުން ދަނިކޮށްނެވެ. އަނގޮޓި ފެނުނު މަހާނައަކީ ސްޓޮކްހޯމްއާ 19 މޭލު (30 ކިލޯމީޓަރު) ދުރުގައިވާ ބޯކޯ އައިލެންޑް (ބާޗު އައިލެންޑް) ބިރުކާ ކިޔާ ރަށެއްގައިހުރި މަހާނައެކެވެ.

އެ އަނގޮޓީގެ ސަބަބުން އެދުވަސްވަރު ޔޫރަޕުގައި އުޅުނު ވައިކިންގް މީހުންނާއި އޭރުގެ އިސްލާމީ ޚިލާފަތްތަކާ އޮތްގުޅުން އަންގައިދެއެވެ.

އެ އަނގޮޓި މިހާރު ވަނީ ސްވިޑްންގެ ތާރީޚީ ދާރުލް އާސާރުގެ ކަލެކްޝަނެއްގެ ގޮތުގައި ހިމަނައިފައެވެ. ދާރުލްއާސާރުގައި އެ އަނގޮޓިއާއި ބެހޭ ގޮތުން ހިއްސާކޮށްފައިވާ މައުލޫމާތުގައި ވަނީ އެ އަނގޮޓި އަކީ ރިހިން ހަދައި ރަނުން ގިރިޓީ ކޮށްފައިވާ އަނގޮޓިއެއް ކަމަށެވެ. އަދި އޭގައި ހަރުކޮށްފައިވަނީ ވައިލެޓް ކުލައިގެ އެހެކެވެ. އެ އެހުގައި ﷲ ގެ އިސްމުފުޅު ބިންވަޅު ނަގައިފައެވެ.

އަނގޮޓިއާ ބެހޭ ގޮތުން، ސްޓޮކްހޮލްމް ޔުނިވާސިޓީގެ ބަޔޯފިޒިސްޓެއް ކަމަށްވާ ސެބެސްޓިއަން ވެއާމްލޭންޑާއި އޭނާގެ ޓީމުން ކުރިދިރާސާ ތަކުން ދައްކާފައިވަނީ އެ އަނގޮޓި ހަދާފައިވަނީ އަސްލު ރިހި ބޭނުން ކޮށްގެން ކަމަށެވެ. އަދި އޭގައިވާ އެހަކީ ކުލަ ބިއްލޫރިން ހަދާފައިވާ އެހެއް ކަމަށެވެ. އަނގޮޓިއާ ބެހޭ ގޮތުން ކުރި ދިރާސާ ގެ ނަތީޖާ ހިއްސާ ކުރަމުން ސެބެސްޓިއަން ބުނެފައިވަނީ، ކުލަ ބިއްލޫރިއަކީ މިޒަމާނުގައި އެހާ އަގެއް ހުރި އެއްޗަކަށް ނުވާ ކަމަށެވެ. އެހެން ނަމަވެސް އަނގޮޓި ހަދާފައިވާ ޒަމާނަށް ބަލައިލާއިރު، ކުލަ ބިއްލޫރިއަކީ އަގު ބޮޑު އެއްޗެއްގެ ގޮތުގައި ފާހަގަ ކޮށްލެވިފައިވާ އެއްޗެއް ކަމަށެވެ.

އަނގޮޓިއާ ބެހޭގޮތުން ހޯދި ހޯދުން ތަކުގެ މަށްޗަށް ބިނާކޮށް، ސެބެސްޓިންގެ ޓީމުން، ގަބޫލުކޮށްފައިވަނީ އެ އަނގޮޓިއަކީ އަރަބިކަރައިގެ، ކަނބުރުވެރިއަކު، ސްވިޑްންގެ އަންހެނަކަށް ހަދިޔާ ކޮށްފައިވާ އަނގޮޓިއެއް ކަމަށެވެ. އެހެން ކަމުން، ދުނިޔޭގައި އެއިރު އޮތް އިސްލާމީ ދުނިޔެއާއި، އެޒަމާނުގައި ސްކެންޑެނީވިއާ ސަރަހައްދުގައި ދިރި އުޅެމުންދިޔަ ވައިކިންގް މީހުންނާ ދެމެދު ގުޅުމެއް އޮތްކަން ދޭހަވާ ކަމަށެވެ.

ބުނެވޭ ގޮތުގައި ވައިކިންގް މީހުންނަކީ، ސްކެންޑެނޭވިއާގެ ދަރިކޮޅަކަށް ނިސްބަތްވާ ބައެކެވެ. އެ މީހުންނަކީ 8 ވަނަ ގަރުނާއި 11 ވަނަ ގަރުނުގެ ދުވަސްވަރު، ކަނޑުމަގުން ދަތުރުކޮށް، ޔޫރަޕްގެ އެކި ސަރަހައްދު ތަކަށް ހަމަލާދީ، އެ ސަރަހައްދު ތަކުގައި ދިރިއުޅެންފެށި ބައެކެވެ.