ސްޕެނިޝް ލީގު ހޯދުމުގެ ރޭ އެންމެ ފަހުގެ ލީގު ޗެމްޕިއަން ބާސެލޯނާއިން އެ ކުލަބް އާއި މި ސީޒަންގައި ލީގު ހޯދުމަށް ވާދަކުރަމުން ގެންދާ ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލީގު ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މި ހަފްތާ މެންޗެސްޓަރ ޔުނައިޓެޑާ ވާދަކުރުމުގެ ކުރިން ބާސެލޯނާ އަމިއްލަ ދަނޑުގައި އެތުލެޓިކޯގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ.
ރޭގެ މޮޅާ އެކު ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު 31 މެޗުން 73 ޕޮއިންޓާ ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 31 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން 2-1 އިން އެއިބާ އަތުން މޮޅުވިއިރު، އެ ޓީމަށް 31 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.
ރޭގެ މެޗު ފަށައިގެން 28 ވަނަ މިނެޓާއި ހަމައަށް ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެތުލެޓިކޯ އަށް މައްސަލަ ކުރިމަތިވީ ފޯވާޑް ޑިއޭގޯ ކޮސްޓާ އަށް ރަތްކާޑު ދެއްކުމުންނެވެ. ކޮސްޓާއަށް ސީދާ ރަތްކާޑެއް ދެއްކީ ރެފްރީއާ ބޭއަދަބީ ބަހުން މުއާމަލާތު ކުރުމުންނެވެ.
ބާސެލޯނާ މި މެޗުން މޮޅުވި ލަނޑުތައް ޖެހީ މެޗުގެ ފަހު ފަސް މިނިޓް ތެރޭގަ އެވެ. މިގޮތުން 85 ވަނަ މިނިޓްގައި ލުއިސް ސުއަރޭޒް ބާސެލޯނާ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އިރު އޭގެ މިނިޓެއް ފަހުން މެސީ ވަނީ ބާސެލޯނާގެ ލީޑުފުޅާކޮށްދީފައެވެ.
ރޭގެ މޮޅާއެކު މެސީ ވެފައިވަނީ ސްޕެނިޝް ލީގުގެ އެންމެ ގިނަ މެޗުން މޮޅުވި ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 335 ލީގު މެޗުން މޮޅުވި އީކަ ކަސިޔަސް އަތުގައެވެ. ރެއާލް މެޑްރިޑުގައި މޮޅު ކުޅުމެއް ދެއްކި ކަސިޔަސް އަކީ މިހާރު ޕޯޗުގަލްގެ ޕޯޓޯގެ ކީޕަރެވެ. ރޭގެ މޮޅާއެކު މެސީ ވަނީ ލީގުގައި 336 މެޗުން މޮޅުވެފައެެވެ.