English Edition
Dhivehi Edition

އައްޑޫސިޓީގައި ހުރި ގަދީމީ އަދި ތާރީޚީ ތަންތަނުގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ބުނެލެވޭ އެއްތަނަކީ މީދޫ ކޯގަންނުގެ ވާހަކައެވެ. އެތަނުގައި ހުރި މިސްކިތްތަކާއި އިލްމުވެރިންގެ މަހާނަތަކުގެ ވާހަކައެވެ. 900 ސަތޭހަ އަހަރުވީ މިތަނުން ކިޔައިދެނީ ރާއްޖޭގެ ތާރީޚާ ގުޅޭ އެތައް ކަމެއްގެ ވާހަކައެވެ. ތާރީޚަށް ޝައުގުވެރިވާ ހަމަ ކޮންމެ މީހަކު އައްޑޫއަށް ޒިޔާރަތް ކުރި ކަމުގައިވިޔަސް އެންމެ ފުރަތަމަ ދާން ބޭނުންވާ ތަނަކީ މީދޫގެ ކޯގަންނެވެ. އެއީ މީދޫމީހުންގެ ފަޚުރެވެ. މުޅި އައްޑޫގެ ވެސް ފަޚުރުމެއެވެ. ކުރީގައި އެއީ ހަމައެކަނި ގަބުރުސްތާނެއް ކަމުގައި ދެކުނު ނަމަވެސް މިހާރު އެއީ ރާއްޖޭގައި ހިމާޔަތް ކުރެވިގެން ބަލަހައްޓާ އެއް މަރުކަޒު ކަމުގައި ވަނީ ވެފައެވެ. ހެރިޓޭޖް ސެންޓަރުގެ ބޭފުޅުން މާލެއިން ވަޑައިގެން އެތަން ބައްލަވާ ހައްދަވާފައިވެއެވެ. އެތަނުގެ ހާލަތު ދެކިލުމަށް ސިޓީކައުންސިލުން ވެސް މިދިޔަ އަހަރުގެ ތެރޭގައި ޒިޔާރަތެއް ކޮށްފައިވެއެވެ. ނަމަވެސް އެތަނަކަށް އައި އިތުރު ބަދަލެއް ނެތެވެ. އޮތީ ވީރާނާވާން ދޫކޮށްލެވިފައެވެ. އެތަނުގައި ހުރި މިސްކިތްތަކުގެ ހާލަތު ދުވަހުން ދުވަހަަށް ދަށަށް ގޮސް ކުނި ގޮނޑަކަށް އޮތީ ވެފައެވެ. މަކުނުވަލާއި ހިކަނދި ގުއިގެ އިތުރުން އެކި އެކި ސޫފާ ސޫފީގެ ހާއްޔަކަށް މިސްކިތްތައް އޮތީ ވެފައެެވެ. އެތަން ދެކިލުމަށް ޒިޔާރަތް ކުރައްވާ ބޭބޭފުޅުންވެސް ހަމައެކަނި އެތަނުގައި “ސެލްފީ” ނަންގަވާ ލެއްވުމަށްފަހު އެނބުރިވަޑައިގަންނަވަނީއެވެ. ކޯގަންނައިގައި ހުރި 4 މިސްކިތުގެ ތެރެއިން އެއް މިސްކިތް ބެލެހެއްޓުމަށް ރަސްމީކޮށް މުވައްޒަފަކު އައްޔަން ކޮށްފައިހުރި ނަމަވެސް އެތަނުގައި އިތުރު 3 މިސްކިތްވެސް އެބަހުއްޓެވެ. ކާބަފައިންގެ ދުވަސްވަރުން ފެށިގެން ވެސް ކޯގަންނުގައި ހުރި 4 މިސްކިތަކީ އެތަންތަން ބެލެހެއްޓުމަށް މީދޫގެ އަމިއްލަ ރައްޔިތުންގެ ތެރެއިން ވަކި ޚާއްޞަ ބަޔަކު ކަނޑައަޅައި، އިސްކަމެއްދީގެން ކަނޑައެޅޭ ގޮތެއްގެ މަތިން ބަލަހައްޓަމުން ދިޔަ ތަނެކެވެ. ކޮންމެ މިސްކިތަކަށް ވަކި މީހަކު އައްޔަންކޮށް އެމިސްކިތް ސާފުކޮށް ބަލަހައްޓަމުން ގޮސްފައިވެއެވެ. ނަމަވެސް ފަހަކަށްއައިސް ސަރުކާރުން އެ މިސްކިތްތައް އުވާލުމަށް ބޭނުންވުމުން މީދޫގެ އިސްވެރިން ވަނީ އެކަމަށް އެއްބަސްނުވެފައެެވެ. އެހެންނަމަވެސް އެތަނުން 3 މިސްކިތް އުވާލައި 1 މިސްކިތް ބެލެހެއްޓުމަށް މުދިމަކާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން 4 މިސްކިތް ހިމެނޭގޮތަށް ހުރި ކޯގަންނުގެ އެއް މިސްކިތް ފިޔަވައި އެހެން މިސްކިތްތައް ވީރާނާވާން ދޫކޮށްލީއެވެ. މީގެ އިތުރުން އެތަނަކަށްޓަކައި ފަޚުރުވެރިވާ ކޯގަންނުގެ މަހާނަތަކުގައި ޖަހާފައި ހުރި މަހާނަ ގާތަކަށް ވެސް ބަޔަކު ވަނީ ގެއްލުން ދީފައެވެ. މިކަމާ ގުޅިގެން ނެރުނު ކޯޓު އަމުރުގެ ދަށުން މިހާރު ފުލުހުން ދަނީ އެތަނުގެ ސެކިއުރިޓީވެސް ބަލަހައްޓަން ފަށާފައެވެ. މިކަންތައްތަން ދެކެ ކުޅިބަލަން ނުތިބެވުނީ މީދޫގެ ޒުވާނުންނަށެވެ. ލިބިފައިވާ އަގުހުރި ތަރިކައެއް މިގޮތަށް ފަނާވާން ބަލަންތިބެން ކެތް ނުކުރެވުނީ އެތަނަށްޓަކައި ފަޚުރުވެރިވާ މީދޫގެ ދަރިންނަށެވެ. މީދޫ ރޭވަ، ޙުސައިންރަޝީދު އަމިއްލައަށް އިސްނަގައިގެން ފެށި މަސައްކަތުގައި މިހާރު މީދޫގެ އިތުރު ޒުވާނުންވަނީ ބައިވެރިވެފައެވެ. މީދޫގެ ވިޔަފާރިވެރިންގެ އެހީތެރިކަން އެކިގޮތްގޮތުން ދަނީ ލިބެމުންނެވެ. “އަހަރެން އަމިއްލަ އަށް ސާފުކުރުމުގެ މަސައްކަތް ފެށީ މިއީ ފަރުދީ ޒިންމާއެއް ކަމަށް ގަބޫލުކޮށްގެން. މިއީ ކާބަފައިންގެ ޒަމާނުއްސުރެންވެސް ފެށިގެން މީދޫގެ އެންމެން ފަޚުރުވެރިވާތަނެއް. މިތަން މިގޮތަށް ވީރާނާވާން ދޫކޮށްލައިގެން އަހަރެމެންނަށް ބަލަން ނުތިބެވޭނެ” ވަޒީފާގައި އުޅެމުން ލިބޭ ހުސްވަގުތުތަކުގައި ކޯގަންނުގެ މިސްކިތްތަކުގެ ހާލަތު ރަނގަޅުކޮށް ސާފުކުރުމުގެ މަސައްކަތް ޙުސައިން ފެށިއެވެ. އެގޮތުން ކަރަންޓެއްވެސް ނެތް 3 މިސްކިތަށް ކަރަންޓްލިބޭނެގޮތް ހަދައި 3 މިސްކިތް ދިއްލާލިއެވެ. ޙުސައިންގެ މަސައްކަތް ފެނިފައި މީދޫގެ އިތުރު ޒުވާނުން ހުސައިން އާ ގުޅުނެވެ. މީދޫ ނަލަފެހި ގުރޫޕުން މި މަސައްކަތް ފޯރިއާއެކު ފެށިއެވެ. “މިސްކިތްތަކުގެ އެތެރޭގެ ހާލަތު ވަރަށް ގޯސް. ފާރުގައި ހުރީ ފެހިޖަހާ މުޅިން ހަލާކުވެފައި. ބިންމަތީގައި ހިރަފުހާއި އެކިވައްތަރުގެ ސޫފާސޫފީގެ މަރުވެފައިވާ ކަށިތައް ހުރީ” މީދޫ ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ލިބުނު ސާފުކުރުމަށް ބޭނުންކުރާ ސާމާނުގެ އެހީގައި ދުވާލަކަށް މިސްކިތެއްގެ ގޮތުގައި ސާފުކޮށް، 3 މިސްކިތް މިހާރުވަނީ ރީތިކޮށްފައެވެ. “އެއީ އާސާރީ ތަނެއްވީމާ މާބޮޑު މަރާމާތެއް ކުރެވޭކަށް ނެތް. އެހެނަސް ހަލާކުވެފައިވާ ތަންތަން އެތަނުގެ އަސްލު ނުގެއްލޭގޮތަށް ރަނގަޅު ކުރަމުން މިގެންދަނީ. ބޭނުންވަނީ ރަމަޟާން މަސް އަންނަންވާއިރަށް އެތަން ސާފުކޮށް ރީތިކޮށް ބެހެއްޓުން. އަދި މިސްކިތުގައި ނަމާދުކުރުމަށް ބޭނުންމީހުންނަށް ނަމާދުކުރެވޭނެ ފަދަ ތަނަކަށް މިތަން ހެދުން” ޙުސަން ބުންޏެވެ. ކޯގަންނުގެ ޚާއްޞަ އެއްކަމަކަށް ވެފައިވާ ދުވަސްވީކަދުރު ރުއްވެސް ވަނީ މީގެ ދުވަސްތަކެއް ކުރިން ވެއްޓިފައެވެ. އަދިވެސް އެގޮތަށް އެރުއް އެބައޮތެވެ. “އެއްވެސް މީހަކު އެ ރުއް ނަގަން އުޅޭތަނެއްވެސް ނުފެނޭ. މިހާރު މިގުރޫޕުން މިއުޅެނީ އެމަސައްކަތް ވެސް ކުރަން. ބަޔަކު ކުރާނެ ކަމަށް ބަލައިގެން ތިބޭކަށް ބޭނުމެއްނޫން” ވަޒީފާގައި އުޅެމުން ލިބޭ ހުސްވަގުތުގައި މިފަދަ މަސައްކަތްތަކެއް ކޮށްލެވުމަކީ ނަލަފެހި މީދޫ ގުރޫޕުގެ މެމްބަރުންނަށް ލިބޭ އެންމެ ބޮޑު އުފަލެވެ. މިހާރު މިގުރޫޕުން ބޭނުންވަނީ ކޯގަންނު އާ ދިމާއިން އަތިރިމަތީގައި ފިނިމައިޒާނެއް ހެދުމުގެ މަސައްކަތް ކުރުމަށެވެ. “މީދޫއަށް އަންނަ ކޮންމެ މީހަކު މިތަނަށް ޒިޔާރަތް ކުރޭ. މި ސަރަހައްދަށް ކުނިއަޅައި ހަޑިވެފައި އޮތުމުން ހުރިހާ ހުތުރެއް އޮތީ މިރަށުގެ ރައްޔިތުންނަށް. އެހެންވީމާ މިސަރަހައްދު ރީތިކޮށް، މިތަނަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ ތަނަކަށް ހެދުން އަމާޒަކީ” ނަލަފެހި މީދޫ ގުރޫޕުގެ އުއްމީދުތައް ވަރަށްވެސް ފޮންޏެވެ. ރަށަށް ޓަކައި ދެކޭ ހުވަފެންތައް ގިނައެވެ. މި މަސައްކތުގައި ނަލަފެއްސާއެކު މީދޫ މުލިމަތިި ޖަމިއްޔާވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ރަށް ސާފުކޮށްބެހެލެއްޓުމަށެވެ. އިޖުތިމާއީ ރޫހު ވަރުގަދަކޮށް ރަށްވަންތަކަން ދިރުވައިއާާލާކުރުމަށެވެ!