English Edition
Dhivehi Edition

އައްޑޫ ސިޓީއަކީ ނިސްބަތުން އެންމެ ގިނަ އެކްސިޑެންޓް ހިނގާ އެއް އަތޮޅެވެ. ޚާއްސަކޮށް ލިންކުރޯޑާއި ތާރުއެޅި އެހެންމަގުތަކުގައި ހިނގާ އެކްސިޑެންޓްތައް ގިނައެވެ.

ޕޮލިސް ސަދަން ޑިވިޝަން ކޮމާންޑަރ އަލީ ޝަރީފް ވިދާޅުވެފައިވަނީ ދެހާސް ސަތާރަވަނަ އަހަރު އެންމެ އިސްކަމެއްދެއްވާނީ އެކްސިޑެންޓްޓައް މަދު ކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް މަދު ކުރުމަށް ކަމަށެވެ. އެހެންނަމަވެސް އަހަރުގެ ފުރަތަމަ މަސް ނިމުނުއިރު އެތައް އެކްސިޑެންޓެއް ހިނގައިފިއެވެ. މިމަހުގެ 27 ވަނަ ދުވަހު މަރަދުފޭދޫގައި ހިނގި އެކްސިޑެންޓެއްގައި އެކަކު މަރުވެއްޖެއެވެ. މިއީ އައްޑޫގައި މިމަހު ހިނގި އެކްސިޑެންޓްތަކުގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ. މިއީ އައު އަހަރުގެ ފުރަތަމަ މަސް ނިމުނުއިރު އެކްސިޑެންޓެއްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

ފާއިތުވި މުޅީ އަހަރު މަރުވެފައިވަނީ އެންމެ މީހެކެވެ. މިއަހަރުވެސް އިތުރު މީހަކު މަރުނުވެ ފަރުޖައްސައިލެވޭތޯ އެންމެން މަސައްކަތް ކުރަންޖެހެއެވެ. ޕޮލިހުންނާއި އާންމުން މިކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހެއެވެ.

އައްޑޫގައި ހިނގާ އެކްސިޑެންޓްތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް މީގެ ހަތަރުވަރަކަށް މަސްކުރިން ފުލުހުން ބުނެފައިވެއެވެ. ފާއިތުވި ހަތަރު އަހަރަށް ބަލާއިރު އައްޑޫގެ މަގުތަކުގައި މަދުވެގެން 931 އެކްސިޑެންޓް ހިނގާފައިވެއެވެ. އެ އެކްސިޑެންޓްތަކުގައި 11 މީހުންވަނީ މަރުވެފައިވެއެވެ. މިއީވެސް ހަގީގަތަށް ބަލާކަމަށްވަނަމަ މަދު އަދަދެއްނޫނެވެ. އެއީ ބޮޑު އަދަދެކެވެ.

މޯލްޑިވްސް ރެޑްކްރެސެންޓާއި އައްޑޫ ސިޓީ ގުޅިގެން އައްޑޫގައި މިހާރު ކުރިއަށް ގެންދާ ސާވޭއަށް މައުލޫމާތު ދޭ ވަރަށްގިނަ މީހުން އެންމެ ކަންބޮޑުވާ އެއްކަމަކީ އެކްސިޑެންޓްތައް ގިނަވުމާއި އެކްސިޑެންޓްތަކުގައި މީހުން މަރުވުމެވެ. އެކަމުގެ ހައްލަކަށް ގިނަމީހުން ބުނެފައިވަނީ މަގުމައްޗަށް ޓްރެފިކް ޕޮލިހުން ނެރުމާއި ޓްރެފިކް ލައިޓް ހަރުކުރުމެވެ. އެކްސިޑެންޓްތައް ހިނގުން މަދުކުރުމަށްޓަކައި މިކަންވެސް ކުރައްވެއްޖެއެވެ.

ފާއިތުވި 4 އަހަރަށް ބަލާއިރު 2013 ވަނަ އަހަރު ހިނގި އެކްސިޑެންޓުތަކުގައި 205 މީހުންވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން ފަރުވާ ހޯދައިފައެވެ. އެއަހަރުވަނީ 13 އަހަރުގެ ކުޑަކުއްޖަކު ނިޔާވެފައެވެ. ޖެހިގެން އައި 2014 ވަނަ އަހަރު ހިނގި އެކި އެކްސިޑެންޓުތަކުގައި 247 މީހަކުވަނީ އެޗުއާރުއެޗުން ފަރުވާ ހޯދައިފައެވެ. އަހަރު ހިނގި އެކްސިޑެންޓުތަކުގައި ތިން މީހުން މަރުވިއެވެ. 2015 ވަނަ އަހަރު ހިނގި އެކްސިޑެންޓުތަކާ ގުޅިގެން 273 މީހުންވަނީ އެޗުއާރުއެޗުން ފަރުވާ ހޯދައިފައެވެ. އެއަހަރު ހިނގި އެކްސިޑެންޓުތަކުގައި 6 މީހަކުވަނީ މަރުވެފައެވެ. ނިމިގެންދިޔަ 2016 ވަނަ އަހަރުވަނީ މަދުވެގެން 221 މީހުން އެޗުއާރުއެޗުން ފަރުވާ ހޯދައިފައިވެއެވެ. ފާއިތުވި ހަތަރު އަހަރު ހިނގާފައިވާ އެކްސިޑެންޓުތަކުގައި އިތުރުފަރުވާ ހޯދުމަށް 79 މީހުންނަށްވުރެ ގިނަމީހުން މާލެ ފޮނުވާފައިވެއެވެ.

މި އެކްސިޑެންޓްތައް އަދިވެސް މަދުކުރުމަށް އައްޑޫގެ ޓްރެފިކް ބެލެހެއްޓުމުގެ ނިޒާމަށްވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ދުވެލިމަތަ ވަނީ ލިންކް ރޯޑާއި ތާރުއަޅާފައިވާ މަގުތަކުގައި އަޅައިފައެވެ. އެކްސިޑެންޓްތައް މަދު ކުރުމަށް ތަފާތު މމަސައްކަތްތައް އަދިވެސް ގެންދަނީ ކުރަމުންނެވެ.

އެކްސިޑެންޓްތައް މިވަރަށް ހިނގަނީ ކީއްވެހެއްޔެވެ؟ ލައިސަންސް ދޫކުރުމުގައި މައްސަލަތަކެއް އުޅެނީ ހެއްޔެވެ؟ ދުއްވާމީހުން މަގުމަތީގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތަނީ ހެއްޔެވެ؟ މީހުން މާބޮޑަށް ފަރުވާކުޑައީ ހެއްޔެވެ؟ މިއީ ކިޔާލަން އާދައިގެ ސުވާލުތަކެކެވެ. އެކަމަކު މިއީ އެކްސިޑެންޓްތައް ގިނައިން ހިނގާ ތަނެއްގައި ހަގީގީ ޖަވާބު ހޯދަންޖެހޭ ސުވާލުތަކެވެ. މިކަންކަމުގައި މައްސަލަ ހުންނަ ކަމަށްވާނަމަ އެކަންކަން ރަނގަޅު ކުރަންޖެހެއެވެ. ލައިސަންސް ދިނުމުގައި ހަރުދަނާ އުސޫލެއް ހަމަޖައްސަންޖެހެއެވެ. ފަރުވާ ކުޑަވެގެން ހިނގާކަމެއް ކަމަށްވަނަމަ އެކަމަށް ފަރުވާތެރިވާންޖެހެއެވެ. ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތިގެންވާ ކަމެއް ކަމަށްވަނަމަ އެއީ ތިމާނޫން އެހެންމީހަކަށް ކުރެވޭނެ ކަމެއްނޫނެވެ.