English Edition
Dhivehi Edition

އައްޑޫވިމެންސް އެސޯސިއޭޝަނާއި ވިމެންސް އާޓްސް އެންޑް ކްރާފްޓް އެސޯސިއޭޝަން (އަވަ އަދި ވަކަމް) އަކީ އައްޑޫގެ ހީވާގި ކަނބަލުންތަކެއް އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ދެ އެސޯސިއޭޝަނެވެ. ހުނަރުވެރި ގިނަ މެމްބަރުންތަކެއް ހިމެނޭ މި އެސޯސިއޭޝަނުން މިއަހަރުގެ މިހާތަނަށް ކުރި އެންމެ ކާމިޔާބު މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އިސްނަންގަވައިގެން މިހާރު ކުރިއަށްގެންދާ “ހީވާާގި ކަނބަލުންގެ މައުރަޒް” ގައި ބައިވެރިވުމެވެ. ރައީސާ ޑރ މަރިޔަމް ޝަކީލާގެ ވިސްނުންތެރި ހިކުމަތުގެ ދަށުން ނައިބް ރައީސާގެ ފުރިހަމަ އިރުޝާދާއެކު މި މައުރަޒުގައި ބައިވެރިވުމަށް މި 2 އެސޯސިއޭޝަނުން ކުރި މަސައްކަތުގެ ނަތީޖާ ފޮންޏެވެ. ހީވާގިކަނބަލުންތަކެއް ގެ މިންނެތް މަސައްކަތުން ބައިވެރިވި މި މައުރަޒުންވެސް މި ކަނބަލުން ވަނީ ރަން ވަނަ ތަކެއް ހާސިލް ކޮށްފައެވެ. މައުރަޒުގައި 2 އެސޯސިއޭޝަނުން ގިނަ ކަނބަލުންތަކެއް މައުރަޒުގައި ބައިވެރިވެރި ކުރުވާ އެކަނބަލުންގެ ހުނަރު އެހެންމީހުންނަށް ފެނިގެންދާނެ ފުރުސަތު ހޯއްދަވާ ދެއްވާފައެެވެ.

ހީވާގި ކަނބަލުންގެ މައުރަޒަށް ތައްޔާރުވުމަށް މި އެސޯސިއޭޝަނުން ކުރަމުންދިޔަ މަސައްކަތް ގާތުން ދުށް މީހެއް ކަމުގައި އަޅުގަނޑުވާނެއެވެ. އަޅުގަނޑަށް އެންމެ ހައިރާންކަން ލިބިގެން ދިޔައީ މައުރަޒުގައި ބައިވެރިކުރުމަށް ޖުވޭ ތައްޔާރުކުރި ވޫލްގެ ބޮޑު ރަޖާފެނިފައެވެ. މި ދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޖުވޭ ފެންނަ ކޮންމެ ވަގުތަކު ވޫލް ބޮނޑިއެއް ހިފައިގެން މަސައްކަތުގައި އަވަދިނެތި އުޅޭތަން ފެންނަމުން ދިޔައެވެ. މުހިއްމު ބައްދަލުވުމަކަށް ދިޔަކަމުގައިވިޔަސް، ޕާޓީއަކަށް ދިޔަކަމުގައި ވިޔަސް އަދި ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ދިޔަކަމުގައި ވިޔަސް މިހުރިހާ ކަމެއްގެ ތެރެއިންވެސް ޖުވޭ ދިޔައީ އެއްވެސް ވަގުތެއް ނަގާނުލާ މަސައްކަތް ކުރަމުންނެވެ. މިކަމާ ހައިރާން ވެގެން ހުރެ ސުވާލުކޮށްލުމުން ޖުވޭ ބުނީ މިއީ ހީވާގި ކަނބަލުންގެ މައުރަޒަށް ހަދާ ބޮޑު ރަޖާއެއް ކަމަށާއި މިތައްޔާރުކުރަނީ އޭގެ މާތަށް ކަމަށެވެ.

ވޫލްގެ މަސައްކަތަށް ޖުވޭ ނުހަނު ފަރިތައެވެ. މެޝިނަކުން މަސައްކަތް ކުރާހައި އަވަސްކަމާއި އޮމާން ކަމާއެކު ޖުވޭ މަސައްކަތް ކުރާތަން ބަލަން އަޅުގަނޑަށް ހުރެވުނީ އަންތަރީސް ވެފައެވެ. އަދި މި ފޮތިގަނޑުގެ މަސައްކަތް އެދުވަސްތަކުގައި ރާއްޖޭން ބޭރަށް ޖުވޭކުރި ހުރިހާ ދަތުރެއްގައި ބޭރުގައުމުތަކުގައި ހުރެގެންވެސް މެދުކެނޑުމެއް ނެތި ކުރިކަމަށް ބުނުމުން އަޖައިބުވިއެވެ. އެހެންކަމުން މި ފޮތިގަނޑަކީ ރާއްޖޭން ބޭރު 6 ގައުމަކަށް ވެސް ގޮސްފައިވާ ފޮތިގަނޑަކަށް ވީއެވެ!

ޖުވޭ އަމިއްލައަށް މަސައްކަތް ކުރަމުން ދެން އިރުޝާދު ދެމުން ދިޔައީ އެ ސޯސިއޭޝަނުުގެ އެހެން މެމްބަރުން މައުރަޒުގައި ބައިވެރިކުރާނެ ސާމާން ތައްޔާރުކޮށް ވަގުތު ޖެހެންވާއިރަށް އެމަސައްކަތް ނިންމާ ހިންދެމިލުމަށެވެ. އެންމެ ފަހު ވަގުތަށް އެއްވެސް ކަމެއް ލަސް ނުކުރުމަށެވެ. އުފެއްދުންތެރި އަމިއްލަ ތަކެތި ތައްޔާރު ކުރުމަށެވެ.

“އުފެއްދުންތެރި އެއްޗަކަށް ނުވާނެ ޔޫޓިއުބް ބަލައިގެން އެއްޗެއް ތައްޔާރުކުރުމުން. އުފެއްދުންތެރި އެއްޗަކަށް ވާނީ އަމިއްލަ ވިސްނުމާއި ބުއްދި ބޭނުންކޮށްގެން އަމިއްލައަށް އުފައްދާއެއްޗެއް. ޖުވޭ ތައްޔާރުކުރިކަހަލަ ފޮތިގަނޑެއް އެއްވެސް ތަނަކުން ނުފެންނާނެ. އެއީ ހަމަ ޖުވޭގެ އަމިއްލަ އުފެއްްދުމަށް ވީތީ. އެސޯސިއޭޝަނުގެ އެހެން މެމްބަރުން ވެސް މަސައްކަތް ކުރީ ހަމަ މިގޮތަށް. މި ބަލަނީ އަބަދުވެސް އުފެއްދުންތެރި ގާބިލް އަންހެނުން މުޖުތަމައަށް ނެރެވޭތޯ. އެމީހުންގެ ހުރި ހުނަރު ދައްކާލެވޭތޯ” ޖުވޭ ކިޔައިދިނެވެ.

ޖުވޭއާއެކު މި ދެ އެސޯސިއޭޝަނުގައި މަސައްކަތް ކުރާ ހުރިހާ މެމްބަރުންވެސް މިފަދައިން ހުނަރުވެރިއެވެ. މި އެސޯސިއޭޝަނުގެ މެމްބަރުންގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ އަންހެނުންނަށް މިފަދަ ހުނަރާއި މައުލޫމާތުދީ މަސައްކަތަށް އަހުލުވެރިކުރުމަކީވެސް އެސޯސިއޭޝަނުން އިސްކަމެއް ދީގެން ހިލޭ ސާބަހަށް ކުރަމުންގެންދާ އިޖުތިމާއީ ޚިދުމަތެކެވެ. ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައި ވެސް މި އެސޯސިއޭޝަނުގެ މެމްބަރުން ގެންދަނީ މިފަދަ ޕްރޮގްރާމުތައް ހިންގަމުންނެވެ. ކަނބަލުން ހީވާގި ކުރުމަށެވެ! އުފެއްދުންތެރި ހީވާގި އަދި ހުނަރުވެރި ކަނބަލުން އުފެއްދުމަށެވެ!