އައްޑޫސިޓީ ހުޅުމީދޫ ބަހާހުއްދީން މަގުގައި ތާރު އެޅުމުގެ އަމަލީމަސައްކަތް މިއަދު ނައިބްރައީސް އިބްރާހިމް ފައިސަލް އިފްތިތާހް ކޮށްދެއްވައިފިއެވެ.
ތާރުމަގުގެ އަމަލީމަސައްކަތް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ އެކަމަށްޓަކައި މިއަދު ހަވީރު ހުޅުމީދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއަދުގެ މިހަފްލާ ކުރިއަށް ދިޔައީ އެޖެންޑާ19 ކެމްޕޭން ޖަލްސާ ނިންމާލުމަށް ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ނައިބްރައީސް އައްޑޫ އަށް ކުރެއްވި ދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެންނެވެ. މިހަފްލާގައި މީދޫގެ މެމްބަރ ރޮޒޭނާ، ހުޅުދޫގެ ކުރީގެ މެމްބަރ އިލްޔާސް ލަބީބް، އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު، އައްޑޫސިޓީ މޭޔަރ ސޯބެ އަދި ހުޅުދޫގެ ކައުންސިލަރ ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިއަދު ގެ ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބްރައީސް ފައިސަލް ވިދާޅުވީ، ހުޅުމީދޫގެ މަގުގެ މައްސަލަ އަކީ އިންތިހާއަށް ރައްޔިތުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން މި ސަރުކާރުން އެމަގު ރަނގަޅު ފެންވަރެއްގައި ހެދިގެން ދާނެކަމަށާއި މިއީ މިއަދުގެ ސަރުކާރުގެ ވައުދެއް ކަމަށެވެ. މީގެ އިތުރުން ނައިބްރައީސް ވިދާޅުވީ ހުޅުމީދޫގެ މަގުތައް ހެދުމަށް ހަވާލުކޮށްފައިވާނީ ޒަމާނީ ފެންވަރަށް ހެދުމަށް ކަމަށެވެ. އަދި މަގު ހެދިގެން ނިމިގެން ދާނީ އެފެންވަރުގައި ކަމުގެ ޔަގީންކަންވެސް އެމަނިކުފާނުވަނީ އަރުވާފައެވެ.
“އަދި މަގު ރަނގަޅުފެންވަރެއްގައި ހެދިގެންދިޔަ ނަމަވެސް އަޅުގަނޑު އައްޑުސިޓީ ހުރިހާ ރައްޔިތުން ހިމަނައިގެން، ހާއްސަކޮށް އަލަށް ހުޅުމީދޫގައި ތާރު މަގު ހެދިގެންދާއިރު ހުޅުމީދޫ ހުރިހާ ރައްޔިތުން ކިބައިން އަޅުނަޑު އެދެނީ ޓްރެފިކް ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް، އަދި ބާރުސްޕީޑްގައި ވެހިކަލް ތައް ނުދުވުމަށް، ކޮން މައެއްގެ ހިތައްތޯ ކެތްވާނީ ގޭގައި ހުއްޓާ ފޯންކޯލަކުން ހިތާމަވެރި ހަބަރު ލިބުމުން، އެހެންވީމާ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ހުރިހާ ރައްޔިތުންވެސް ދުއްވާ މީހުންނަށާއި ހިނގާފައި ދާމީހުންނަށް އިހްތިރާމް ކުރުމަށް” ނައިބްރައީސް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވާހަކަ ދައްވަވަމުން ވިދާޅުވީ،ކަނޑައެޅިފައިވާ ތާރީހުގައި އެ މަގު ހަދައި ނިންމާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.
ސ.ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއަކީ 32 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.