އައްޑޫ ސިޓީސްކެއަރ ތަރައްޤީކޮށް އެސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ކައުންސިލުން ރަސްމީކޮށް ފަށްޓަވައިފިއެވެ. އެ ސަރަޙައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިމަސައްކަތް ރަސްމީކޮށް ފެށުނުކަން އިޢުލާންކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ ސިޓީ ސްކެއަރ ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން އައްޑޫގެ ތަރައްޤީ ކުރައްވަންހުރި ކަންކަމުގެ ފެށުން ކަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައި އެހެނިހެން ގިނަ މަޝްރޫޢުތަކެއް ފެށިގެން ދާނެ ކަމަށެވެ.
ސިޓީ ސްކެއަރ ތަރައްޤީކޮށް އައްޑޫގެ ތަރައްޤީއަށް އަށް ހިންގޭ ބޮޑެތި މަޝްރޫޢުތައް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.
އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާ ޖެހިގެން އައްޑޫ ސްޓޭޓް ހައުސް ކުރިމަތިން އޮތް ބިމުގައި ސިޓީ ސްކެއަރ ފުރަތަމަ ހަދާފައިވަނީ 2011 ވަނަ އަހަރު ސާކު ސަމިޓާއި ގުޅުވައިގެން ރައީސް ނަޝީދުގެ ސަރުކާރުންނެވެ. ސިޓީ ސްކުއަރ ހެދުމަށް ފަހު އެއަހަރުގެ ޖުމްހޫރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އެތާ ބާއްވާފައިވެއެވެ. ނަމަވެސް ނަޝީދުގެ ސަރުކާރު ވެއްޓުނުފަހުން އެތަނާމެދު އަޅާނުލާ އެތަންވަނީ ވީރާނާކޮށްލާފައެވެ.
ސިޓީ ސްކެއަރ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުރެވޭ މަސައްކަތަކީ އެތަނުގައި ކުރިން ހުރި ބޮޑު ދިދަ އަލުން ނެގުމުގެ މަސައްކަތެވެ. މިމަސައްކަތުގެ އަމަލީ މަސައްކަތް މިހާރުވެސް ވަނީ ފެށިފައެވެ.