ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކުސަމިޓާ ދިމާކޮށް ހިތަދޫގައި ހެދި ސިޓީ ސްކެއާ ވީރާނާ ކޮށްލާފައިވަނިކޮށް އަލުން އެ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
2011 ވަނަ އަހަރުގެ ޖުމުހޫރީ ދުވަހުގައި ސިޓީ ސްކެއާގައި ވަނީ 75 ގެ ދިދަ ދަނޑިއެއް ޖަހައި ބޮޑު ދިދައެއް ނަގާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރަށް ފަހު އެތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ފަހުން ވަނީ އެ ދިދަ ދަނޑިއެއްކޮށްނަގާފައެވެ. އޭރުގެ ހައުސިން މިނިސްޓްރީން ބުނީ އެ ދިދަ ދަނޑި ނަގާފައިވަނީ އެދަނޑި ހަރުކުރުމަށް ޖަހާފައިވާ ބޯލްޓުގައި ދަބަރު ޖަހައި ފީވެފައިވާތީ ކަމަށެވެ.
ސާކްސަމިޓާ ދިމާކޮށް ހެދި މި ސްކެއާގައި ނަގާފައިވާ ދިދަ ވީދި ހަލާކުވެފައިވާތީ އަލުން އާ ދިދައެއް ތައްޔާރުކުރެވެން ދެން ކަމަށް ބުނެ ދިދަބާލައި ދަނޑި ހުސްކޮށް ހުންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.
އައްޑޫ ސިޓީގެ ސިޓީ ސްކެއާގައި އަލުން ދިދަ ދަނޑި ހަރުކޮށް އެ ސަރަހައްދު މަރާމާތު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައި ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ. އަދި މިއީ މި 100 ދުވަހު އައްޑޫސިޓީއަށް ކޮށްދެއްވަވަން ރައީސް ވައުދުވެލެއްވެވި ހަމަ އެކަނި ކަމެވެ.