އައްޑޫ ސިޓީ ސްކެއަރ އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެ ސިޓީގެ މޭޔާރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
2011 ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކުސަމިޓާ ދިމާކޮށް ހިތަދޫގައި ހެދި ސިޓީ ސްކެއަރ ހެދުމަށްފަހު އެތަނުގައި މީގެ ކުރިން ވަނީ ދިދަ ނަގާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރު ނިމި ވެރިކަން ބަދަލުވުމާއެކު އެތަން ވަނީ އަޅާނުލައި ވީރާނާވާން ދޫކޮށްލާފައެވެ.
ސިޓީ ސްކެއަރ ވިރާނާ ވުމާ ގުޅިގެން މިހާރުގެ ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު، 4 އެޕްރީލްގައި ސިޓީ ކައުންސިލުން ވަނީ ސިޓީ ސްކެއަރ ތަރައްޤީކޮށް އެސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައެވެ.
ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ސިޓީ ސްކެއަރ އެއްކޮށް ނިމި އަންނަ ޖުލައި މަހު ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީގެ މޭޔަރ ވަނީ މިހާރު ވިދާޅުވެފައެވެ.
މޭޔަރ އަަބްދުﷲ ޞާދިގު ވިދާޅުވެފައިވަނީ ޚާއްސަ ރަސްމިއްޔާތަކާ އެކު ކޯއްޓޭއަށް ދިދަ ނެގޭނެ ކަމަށާއި، ދިވެހި ޤައުމީ ދިދަ އައްޑޫގެ ޖައްވުން ވިހުރެވޭ އުފާވެރި މަންޒަރު އަލުން ފެނިގެންދާނެ ކަމަށެވެ.
ސިޓީސްކެއަރ ތަރައްޤީކޮށް އެސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދާއިރު މި މަޝްރޫޢުއަކީ ސަރުކާރުން އައްޑޫގެ ތަރައްޤީ ކުރައްވަންހުރި ކަންކަމުގެ ފެށުން ކަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައި އެހެނިހެން ގިނަ މަޝްރޫޢުތަކެއް ފެށިގެން ދާނެ ކަމަށް ވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާ ޖެހިގެން އޮންނަ ސިޓީ ސްކެއަރ ގައި ރަސްމީ އެކި ހަފްލާތައް ވެސް ބޭއްވޭނެ ކަމަށާއި، ކުދިންނަށް ޚާއްސަ ކުރެވިގެން ހަދާ ޕާކެއް ވެސް އެތަނުގައި ތަރައްގީކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ އެތަން ތަރައްޤީކޮށް ނިމޭއިރު އެތަން ވެގެންދާނީ ކުދި ބޮޑު އެންމެންނަށް ހިތްފަސޭހެކަމާ އެކު އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެވޭ ފަދަ ހިތްގައިމު މާހައުލަކަށް ކަމަށާއި، ކޮންމެ އުމުރެއްގެ މީހަކަށް ވެސް ހިތްހަމަޖައްސާލެވޭ ފަދަ އާންމު މައިދާނަކަށް ކަމަށެވެ.
ސިޓީ ސްކެއަރ ތަރައްޤީކޮށް ނިމުމުން އައްޑޫގެ ތަރައްޤީއަށް އަށް ހިންގޭ ބޮޑެތި މަޝްރޫޢުތައް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.