English Edition
Dhivehi Edition

މިއަދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ކަނބަލުންގެ ދުވަހެވެ. މިދުވަހާގުޅިގެން ފާހަގަ ކުރާ ކަންކަމުގައި ބޭކަލުން ހަނދާނެތި ކޮށްލެވިގެން ނުވާނެއެވެ. ކަނބަލުންގެ ދުވަހެއް ފާހަގަ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދުނިޔޭގެ ފެންވަރުގައި މާޗް 8 ވަނަ ދުވަސް ކަނބަލުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ބޭކަލުންގެ ދުވަހަކީ ނޮވެމްބަރ 19 އެވެ.

މުޖުތަމައުގެ ހަމަޖެހުމަކީ ދެޖިންސުގެ އެންމެނަށްވެސް ހަމަހަމަ އުސޫލުތަކެއް އޮތުމެވެ. އެހެނަސް އަންހެނުންގެ ހައްގުތަކުގެ ވާހަކަ އިސްކުރެވި ފިރިހެނުންގެ ހައްގުތައް ގެއްލިގެން ދިއުމަކީ މުޖުތަމައެއްގައި އެއޮންނަ އެއްބައިވަންތަކަން ނެތިގެން ހިނގައިދާނެ ކަމެއްކަމަށް ގަބޫލު ކުރަންޖެހެއެވެ.

ހުރިހާ ދިމާލަކުން މިފެންނަނީ އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކައެވެ. މިވާހަކަ ދައްކަންޖެހެއެވެ. ދުނިޔޭގެ ތާރީޚަށް ބަލާއިރު އަންހެނުންނަށް އިހާނެތިކޮށް މުއާމަލާތު ކުރެވިފައިވާ ކަމީ ފެންނާންއޮތް ހަގީގަތަކެވެ. އެމީހުންނަކީ މަހުރަބެއްގެ ބެލުމުގައި ދަށުގައި ހިމާޔަތް ލިބެންޖެހޭ ބައެކެވެ. ނަމަވެސް މިޒަމާނުގެ އަންހެނުންނަށް ފިރިހެނުންނަށްވުރެ މަތީ ދަރަޖަދެވި އެމީހުންގެ ހުދޫދުން ނެއްޓި މުޖުތަމައުގައި އަންހެނުން ބޭނުން ރާގަކަށް އުޅެމުން އެބަދެއެވެ. މިވެސް ވިސްނާލަން ޖެހޭ ކަމެއް ކަމުގައި ދެކެމެވެ.

މިހާރަކަށް އައިސް އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމަށް މިކުރެވޭ ކަމަކީ އެކަން ފާހަގަކޮށް ޕާޓީ ބާއްވާ މަޖާކޮށްލުމަކަށް މިވަނީ ވެފައެވެ. ނަމަވެސް މިފަދަ ދުވަހެއްގައި އަޑުއުފެލެން ޖެހެނީ މުޖުތަމައުގައި އަންހެނުންގެ ދައުރުގެ ވާހަކަ ކަމީ އަޅުގަނޑު ދެކޭ ގޮތެވެ. ކޮންމެހެން ހަފްލާތައް ބާއްވާ މަޖާކުރުމެއް ނޫނެވެ. މުޖުތަމައުއެއް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނީ އަންހެނުންނަށް ކަމީ ޔަގީން ކަމަކެވެ. މިފަދަ ދުވަހެއްގައި ހެޔޮލަފާ މުޖުތަމައެއް ބިނާ ކުރުމަށް އަންހެނުންނަށް ކުރެވިދާނެ ކަމުގެ ވާހަކަ ދައްކާ އެކަންކަން ސަރުކާރަށް ހުށަހަޅާ އެކަށޭނެ ފިޔަވަޅު އެޅުމުގެ ވާހަކަ ދެއްކުމަކީ މުހިއްމު ކަމެކެވެ.

އުޖާލާ މުސްތަގުބަލެއް ލިބޭނެ މުޖުތަމައެއް ބިނާކުރުމަކީ އަންހެނުންގެ މިންނެތް މަސައްކަތުން ކުރަން ޖެހޭ ކަމެކެވެ. މުސްތަގުބަލުގެ އުޖާލާ ކަމަކީ މިއަދުގެ ޅަދަރިންނެވެ. އެދަރިންނަށް އަޅާނުލެވި، ރަނގަޅު ތަރުބިއްޔަތެއް ނުދެވިއްޖެ ނަމަ އުފާވެރި މުޖުތަމައެއް ބިނާ ނުކުރެވޭނެއެވެ.

އަންހެނުންނަކީ ތަބީޢީ ގޮތުން ގޭތެރޭގެ ކަންކަމުގައި ފިރިހެނުންނާއި ޚިލާފަށް މާހަރުދަނާ ބައެކެވެ. ގޭތެރޭގެ ސުލޫކު ހަނދާން ނައްތާލާ އެހެންކަންކަމުގެ ވާހަކަ ދައްކާ ހައްގުހޯދުމަށް މަސައްކަތް ކުރުމުން ފަހުން ލިބޭނެ ހިތްދަތިކަން މާބޮޑުވާނެ ކަމަށް ކަމުގެ މާހިރުން ބުނައެވެ.

މިހާރުވެސް މުޖުތަމައުއިން މިފެންނަނީ އޭގެ ހެކިތަކެވެ. ދުވަހުން ދުވަހަށް އިޖުތިމާއީ ފޭރާން މިދަނީ ވީދެމުންނެވެ. މުޖުތަމައު ތެރޭ އެކަކު އަނެކަކަށް އިޙްތިރާމު ކުރުމެއް ނެތެވެ. ސުލޫކީ އެއްވެސް މިންގަނޑަކަށް އަދި ގަވާއިދަކަށް ބޯލަނބާ ޒުވާނުން ދުވަހުން ދުވަހަށް އަންނަނީ މަދު ވަމުންނެވެ. ވިޔާނުދާކޮށް އުޅޭ ކޮންމެ ޒުވާނެއްގެ މަންމައެއް ހުންނާނެއެވެ. އެކަން ކަށަވަރު ނުކުރެވޭނެ އެއްވެސް ހަމައެއް ނެތެވެ.

މިހުރިހާ ކަމެއް މިދިމާވަނީ އަންހެނުންގެ ޒިއްމާ އަދާނުކުރެވިގެންކަން ގަބޫލު ކުރަން ޖެހެއެވެ. މިކަމުގައި ފިރިހެނުންގެ ޒިއްމާވެސް ކުޑައެކޭ ނުބުނަމެވެ. އެހެނަސް ރާއްޖޭގައި މީހުން އުޅެނީ ވަކިވަކި ރަށްތަކުގައި ކަމަށް ވުމުން އާމްދަނީ ހޯދުމަށް ފިރިހެނުން އާއިލާއާއި ވަކިން އުޅެން މަޖުބޫރުވެއެވެ. މިހާލަތުގައި އަންހެނުންގެ ޒިއްމާ އަދާނުކުރެވޭނަމަ މުޖުތަމައު އޮންނާނީ ފަސާދަވެ ނެތިފައެވެ. މިހާރު ރާއްޖޭގައި އެމަންޒަރު ފެނެއެވެ.

ވަރީގެ ނިސްބަތައް ބަލާއިރު ރާއްޖޭގައި މިކަންވެސް އޮތީ އިންތިހާއަށެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ފިރިހެނުންނަށްވުރެ އަންހެނުން ވަރިވުމަށް އެދެމުންދާކަން ފާހަގަ ވެއެވެ. އަންހެނުން ވަރިވުމަށް މިއެދެނީ ތަފާތު ކަންކަމުގެ ސަބަބުންނެވެ. އެހެނަސް ގިނަ މީހުން ވަރިވަނީ އުފާވެރި ތަނަވަސް ދިރިއުޅުމަށް ހޯދުމަށެވެ.

މިހާލަތުގައި ދަރިން ހަނދާންނެތި ކޮށްލެވެއެވެ. ދަރިންގެ ހައްގުތައް އެއްފަރާތްކޮށްލާ ދުނިޔެވީ އުފަލަށް ތަބާވެ އެކަމަށް ހެއްލިގެންދާ އަންހެނުން މަދެކޭ ބުނެވޭކަށް ނެތެވެ. އެމީހުންގެ ހަމަ އެކަނި ބޭނުމަކީ ދުނިޔޭގައި ތަނަވަސް އުފާވެރި ދިރިއުޅުމެއް ވޭތުކުރުމެވެ. އާޚިރަތް ހަނދާނެތި ކޮށްލާ ދުނިޔެ ބިނާކުރުމަށް މާއްދީއަތަށް ތަބާވެ އެކަމުގެ އަވާގައި ޖެހި ނެތިދެއެވެ.

ތަނަވަސް އުފާވެރި ދިރިއުޅުމެއް އަނބިމީހާއަށް ހޯދައި ދިނުމަކީ ކޮންމެ ފިރިއަކު ކުރަންޖެހޭ ކަމެކެވެ. ބައެއް ފިރިހެނުން މިކަމަކަށް މާބޮޑު ސަމާލު ކަމެއް ނުދެއެވެ. މިވެސް މުޖުތަމައުގައި އޮތް ކަމެކެވެ. ލިބޭ ހުސްވަގުތުގައި އަނބިދަރިންނާއެކު އުޅުމުގެ ބަދަލުގައި މިހޭދަ ކޮށްލަނީ ރައްޓެހިންނާއެކުގައެވެ.

މިކަން މިގޮތަށް ދިމާވުމުގެ އެންމެ ބޮޑު މައްސަލައަކީ ކުދިން ބޮޑެތި ވެގެން އަންނައިރު މިކަން ކަން އެކުދިންނަށް ނުފެނުމާއެކު މައިން ބަފައިންނަށް އެކަން ދަސްކޮށް ނުދެވޭތީއެވެ. ޒިއްމާދާރު ދަރިންތަކެއް މުޖުތަމައުއަށް ނުނެރެވޭތީއެވެ.

އަންހެނުންގެ ދުވަހެއް ފާހަގަ ކުރާއިރު މިކަމަށް އަލިއަޅުވާލާ ވާހަކަ ދައްކާ މީހުން ވަރަށް މަދެވެ. އަބަދުވެސް މިދެއްކެނީ އަންހެނުންނަށް އިހާނެތިކޮށް ހެދޭ ވާހަކަ އެވެ. ނުވަތަ ގެވެށި އަނިޔާ އެފަރާތްތަކަށް ލިބޭ ވާހަކައެވެ.

ކިތައްމެ ރަނގަޅު ފިރިއަކު ކަމުގައި ވިޔަސް މިކަމުގެ ސަބަބުން އަނބިން އެމީހުންގެ ބެލުމުގެ ދަށުގައި މިހާރު ގެންގުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކަންކަން ގޯސްވެ އެކަމަށް ފިޔަވަޅު އެޅުމުން މިހާރު އެކަން ވެފައި އޮންނަނީ ގެވެށި އަނިޔާގެ ގޮތުގައެވެ.

ކޮންމެ މުޖުތަމައެއްގައިވެސް އާއިލާ ބިނާކުރުމަށް އެންމެ ގިނަ އާމްދަނީ ހޯދާބައަކީ ފިރިހެނުން ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ. ރެއާއި ދުވާލު މަސައްކަތް ކުރުމަށްފަހު އާމްދަނީ ހޯދަނީ އެކަށޭނެ އުފާވެރި އާއިލާއެއް ބިނާ ކުރުމަށެވެ. ނަމަވެސް އަންހެނުންގެ އިހުމާލުން ގިނަ ފިރިހެނުންނަށް މިހުވަފެން ހަގީގަތަކަށް ނެހެދި ދެއެވެ.

މިފަދަ ދުވަހެއްގައި އަންހެނުން އަޒުމު ކަނޑައަޅަންވީ ހަރުދަނާ މުޖުތަމައެއް ބިނާ ކުރުމަށެވެ. އަންހެނުންގެ ހައްގު ތަކުގެ ވާހަކަ އާއިއެކު އެމީހުންގެ ޒިއްމާގެވާހަކަވެސް ދައްކަންވީއެވެ. ހަމަ އެއާއިއެކު ފިރިހެނުންގެ ޒިއްމާގެ ވާހަކަ ދައްކާ އެމީހުން ހަނދާންނެތި ކޮށްނުލުމަށެވެ. ފިރހެނުން ބާރުވެރި ކުރުމުގެ އެންމެ އިސްރޯލެއްވެސް އޮތީ ހަމަ އަންހެނުންގެ އަތްމަތީގައެވެ.

ހަރުދަނާ ޒިއްމާދާރު ދަރިން މުޖުތަމައުއަށް ނެރުމަށް އަންހެނުން މިއަދު އަތުކުރި އޮޅާލާ ނިކުތުން ވަރަށް މުހިއްމެވެ. އަންހެނުންގެ ދުވަހު ހަމައެކަނި ދައްކަންވީ ހައްގުގެ ވާހަކައެއް ނޫނެވެ. އެއާއިއެކު ޒިއްމާގެ ވާހަކަވެސް ދައްކަން އެބަޖެހެއެވެ. އަނިޔާވެރި ފިރިހެނުން މުޖުތަމައުއިން މިފެންނަނީ މަންމަގެ ރޯލު އަދާނުކުރެވިގެން ކަމަށް ދެކި އެކަމާއި ބަހުސްކޮށް އެކަމަށް ގެނެވިދާނެ ހައްލެއް ހޯދުމަކީ މިއަދު އަންހެނުން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ބަލާށެވެ.

ބައެއް އަންހެނުން ގަބޫލު ކުރާގޮތުގައި ދަރިންގެ ކަންތައް މިހާރު ބަލަންޖެހޭނީ މެއިޑުންނެވެ. ފިރިމީހާއާއި އަނބިމާހާއާއި ދެމީހުން އަވެދިނެތި އުޅެންވާނީ އާމްދަނީ ހޯދުމަށެވެ. މިކަމުގެ ނަތީޖާ އެހާ އުފާވެރި ނުވާނެ ކަމަށް ކަމުގެ މާހިރުން ބުނައެވެ. އެފަދަ ކުދިންގެ ވިސްނުމާއި އުޅުން ހުންނާނީ މެއިޑުގެ ގޮތުގައި މަސައްކަތް ކުރާ މީހެއްގެ ހުރި ހަރުދަނާ ކަމެއްގެ މައްޗަށެވެ. އެއީ ނަސާރާއެއް ނަމަ އެކުދިން އެގޮތަކަށް ތަބާވުމަށް މާލަހެއް ނުވާނެއެވެ. އެއީ ޖާހިލެއް ނަމަ ދަރިން ޖާހިލިއްޔަތުގެ ސިފަ ހުންނާނެއެވެ.