English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޕްރިމިއަ ލީގުގެ ގަދަ ބާރު މެންޗެސްޓާ ޔުނައިޓެޑް އާއި ވްލްވްސް ބައްދަލު ކުރި މެޗު ފަހަތުން އަރައި ކާމިޔާބުކޮށް ވުލްވްސްއިން ޔުނައިޓެޑް ގަދަ ހަތަރެއްގައި ހިމެނުމަށް ކުރަމުން އައި މަސައްކަތުގައި އުނދަގޫ ތަކެއް ކުރިމަތި ކުރުވައިފިއެވެ.

ލީގުގައި ރޭ ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 2-1 ލަނޑުން ވުލްވްސް ކުރި ހޯދާފައިވާއިރު އެ ޓީމުން ވަނީ މިދިޔަ މަހު އެފްއޭކަޕްގެ ކުއާޓާ ފައިނަލްގައި ވެސް ޔުނައިޓެޑް 2-1 ލަނޑުން ބަލިކޮށްފައެވެ.

ރޭގެ މެޗުން ބަލިވެ ޔުނައިޓެޑް މިވަގުތު އޮތީ 32 މެޗުން ލިބުނު 61 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.ހަމަ އެ އަދަދަށް ޕޮއިންޓް ހަމަކޮށްގެން ޓޮޓެންހަމް ހަތަރުވަނާގައި އޮތް އިރު ތާވަލުގެ ތިން ވަނައިގައި އޮތް އާސެނަލް ވަނީ 32 މެޗުން 63 ޕޮއިންޓާ ހޯދާފައެވެ.އަދި، ޔުނައިޓެޑްގެ ފަހަތުން ތާވަލުގެ ހަ ވަނައިގައި އޮތީ ޗެލްސީ އެވެ. ލީގުގައި މިރޭ ކުޅޭ މެޗުތަކުން ޗެލްސީ އާއި ޓޮޓެންހަމް މޮޅުވެއްޖެ ނަމަ ޔުނައިޓެޑް ހަ ވަނައަށް ވެއްޓޭނެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ ފަރާތުން މޮޅަށް ކުޅެ މެޗުގެ 13 ވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ ގެ ލަނޑުން ޔުނައިޓެޑް ލީޑު ނެގި ނަމަވެސް ޔުނައިޓެޑުން ލީޑު ނެގިތާ 12 މިނެޓު ފަހުން ވުލްވްސްގެ ޑިއޮގޯ ޖޯޓާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް ދެ ޓީމް 1-1 ލަނޑުން އެއްވަރު ވެގެން ނިމިފައިވާއިރު މެޗުގެ ދެ ވަނަ ހާފު ފަށައިގެން ޔުނައިޓެޑުން މޮޅަށް ކުޅެމުން ދަނިކޮށް އެޓީމަށް މައްސަލަ ކުރިމަތިވީ 57 ވަނަ މިނެޓުގައި ޑިފެންޑަރު އޭޝްލީ ޔަންގަށް ރަތްކާޑު ދެއްކުމުންނެވެ.ވުލްވްސް މޮޅުވި ލަނޑަކީ ޔުނައިޓެޑްގެ ކްރިސް ސްމޯލިން އަތުން މެޗުގެ 77 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ގޯލެކެވެ.

މި ފަހަރު ޕްރިމިއާ ލީގަށް ޕްރޮމޯޓްވެ ވުލްވްސް އަންނަނީ ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.