އައްޑޫސިޓީގެ ހުޅުދޫއަކީ މުޅި ރާއްޖޭގެ ނިސްބަތުން ބަލާއިރު އެންމެ މުއްސަނދިން ގިނަ ރަށެވެ. އެރަށަށް ނިސްބަތްވާ ތައުލީމީ އިލްމުވެރިން ގިނައެވެ. ސަރުކާރުގެ މުއައްސަސާތަކުގައްޔާއި އަމިއްލަ ކުންފުނިތަކުގެ އިސްސަފުގައި ގިނައީ ހުޅޫދޫގެ މީހުންނެވެ. މާލޭގެ އާބާދީގެ ބޮޑުބައެއް އައްޑޫގެ މީހުން ހިއްސާކުރާއިރު އޭގެ ތެރެއިން އެންމެ ގިނައީ ހުޅުދޫގެ މީހުންނެވެ. ސްކޫލްތަކުގެ ދަރިވަރުން ހޯދާ ނަތީޖާތައް ފާޅުކުރާއިރު އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހުޅުދޫ އަށް ނިސްބަތްވާ ދަރިވަރުން ގިނައެވެ. ރިސޯޓުތަކުގައިވެސް ހުޅުދޫގެ ޒުވާނުން ގިނައެވެ. ނަމަވެސް އެ ބަޔަކު އެފަސްގަނޑަކަށް ނިސްބަތްވާ ހުޅުދޫއިން ފެންނަމުންދަނީ ވީރާނާ ކަމެވެ. ފަޅުކަމެވެ. އަޅާލާނެ ބަޔަކުނެތި ވީރާނާވަމުންދާ ގޯތިތަކެވެ. އިރެއްގައި އުފަލާއި މަޖަލުގައި ހޭދަކުރި އާއިލާތައް ދިރިއުޅުނު ގެތައް ފެހިޖަހާފައި ހުރި ފާރުބުރިތަކަކަށް ބަދަލުވެފައިވާ ތަނެވެ. މަގުތަކުގެ ދެފަރާތުގައި ވިނަހެދި ބޯވަމުންދާއިރު އެއްޒަމާނެއްގައި މީހުން ދިރިއުޅުނު ކަމުގެ “ވާހަކަ ކިޔައިދޭ” އަވަށަކަށް ހުޅުދޫ އެދަނީ ބަދަލުވަމުންނެވެ.
“އަހަރެމެންނަށް ރަނގަޅީ ހުޅުދޫ އެއްކޮށް ފަޅުވިއްޔާ. މިހާރު ރަށުގައި ދިރިއުޅޭ މަދު މީހުންކޮޅުވެސް މާލެ އަންނަންވީ. ކޮބާ އެރަށުގައި ދިރިއުޅުމުގެ ބޭނުމަކީ؟ ދިރިއުޅުމުގައި ކުރިއެރިއްޔާ އަރާފައި މިތިބީ އެތަން ދޫކޮށް މާލެ އައި މީހުން. ރަށުގައި ތިބެގެން ވަކި ކުރާނީ ކީއް؟ ރަނގަޅު ސިއްހީ ފަރުވާއެއް ނުލިބޭ. ބޭނުންވާ ފެންވަރުގެ ތައުލީމެއް ނުލިބޭ. ވަޒީފާ އެހާމަދު. ދިރިއުޅުމުގެ އެއްވެސް އުފަލެއް ނެތް ތަނެއް އެއީ” މާލޭގައި އާއިލާއާއި އެކު ދިރިއުޅޭ ހުޅުދޫ ޒުވާނަކު “އޭއޯނިއުސް” އަށް ކިޔައިދިނެވެ.
އައްޑޫސިޓީގެ ވަކިން އޮންނަ ހުޅުދޫއާއި މީދޫގެ ތެރެއިން މީދޫގައި މަޑުމަޑުން ތަރައްގީގެ ކުލަވަރު ޖެހި އާބާދީ އިތުރުވަމުދާއިރު ހުޅުދޫ ފަޅުވަމުންދާ ސަބަބަކީ ކޮބައިހެއްޔެވެ؟
“ހުޅުދޫ މީހުންނަކީ މުއްސަނދިބައެއް. ލާރި ލިބޭ. މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން ބޮޑު ޚަރަދު ކޮށްގެން އުޅެވޭހާ ތަނަވަސް. ވީއިރު ދިރިއުޅުމުގެ ހުރިހާ އުފަލަކާއި ހުރިހާ ވަސީލަތެއް ހުރި ތަނެއްގައި އާއިލާ ބޭތިއްބުން އަހަރެމެން ބޭނުންވަނީ” މާލޭގައި ދިރިއުޅޭތާ ދުވަސްވީ ހުޅުދޫގެ ވިޔަފާރިވެރިއަކު ކިޔައިދިނެވެ.
ތެދެކެވެ. މާލޭގައި ހުޅުވާފައި ހުރި ފިހާރަތަކުގެ ތެރޭގައި ގިނައީ ހުޅުދޫގެ މުއްސަނދި ވިޔަފާރިވެރިންގެ ފިހާރަތަކެވެ. ހައިބަތު ހުރި ބޮޑެތި އިމާރާތްތަކުގައި އުޅޭ ހުޅުދޫގެ އާއިލާތައް ގިނައެވެ. އެކަމަކު ޗުއްޓީއަކަށް އައިސް އަމިއްލަ ރަށުގައި ވަންނާނެ ބޯހިޔަލެއް ނެތެވެ. މާލޭގައި ވެސް ކުއްޔަށް ތިބޭހެން އަމިއްލަ ފަސްގަނޑުގައިވެސް ތިބެން ޖެހެނީ ކޮންމެވެސް ތަނެއް ކުއްޔަށް ހިފައިގެންނެވެ. މައިންބަފައިން ދިރިއުޅުނު ގެއާއި ގެދޮރު ވީރާނާ ވެފައިވާތީއެވެ. އަލުން އެތަންތަން އިމާރާތް ކުރުމަކީ ބޭކާރު ކަމެއްކަމުގައި ދެކި އެތަންތަން އަޅާނުލެވި ދޫކޮށްލެވިފައިވާތީއެވެ.
ހުޅުދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ރަށުގެ ކައުންސިލަރު އަލީ މުޙައްމަދު (އަައްދު) ވިދާޅުވިއެވެ.
” ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން މިދަނީ. ހުޅުދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަމުން އެބަދޭ. ގިނަ މަގުތަކެއްގައި ގާ އަތުރަމުން އެދަނީ. ސާފު ބޯފެން މިހާރު އެވަނީ ފޯރުކޮށްދީފައި. ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. އަދި މިދެރަށުގައި ގާއިމުކުރާ މަސްފެކްޓަރީއާއެކު ގިނަ ވަޒީފާތައް އުފެދޭނެ. ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް މިހާރު ގާއިމު ވެފައި އޮތުމުން ސިޓީގެ އެހެން ރަށްރަށަށް ގޮސް އައިސް ވުމުގައި މާ ބޮޑު އުދަގޫކަމެއް މިހާރު ނެތް.” އައްދު ވިދާޅުވިއެވެ.
އައްދު ވިދާޅުވީ މިހުރިހާ ތަރައްގީއެއް ފެނިފައި މާލޭގައި ދިރިއުޅޭ ބައެއް އާއިލާތައް އެނބުރި ރަށަށް އަންނަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެމަންޒަރު ހުޅުދޫއިން އަދި ނުފެނެއެވެ.
“ގާ އަޅާފައި އެހެރީ ބުޅާ ދުވާ މަގުތަކުގައި. އެމަގަކުން އިންސާނަކު ނުހިނގާ. ފަޅު މަގުތަކެއް އެއީ. ކޮންމެ އަހަރަކު މިރަށުން ތިން ހަތަރު އާއިލާއެއް މާލެ އަށް އެބަ ބަދަލުވޭ. މިހުރިހާ ކަމަކާއެކު ރަށުގައި ދިރިއުޅެން ވަރަށް ފޫހި” ހުޅުދޫގެ ޒުވާނަކު ކިޔައިދިނެވެ.
ރަށުގެ އާބާދީ މަދުވަމުންދާ ކަމުގެ އެއް ހެއްކަކީ ރަށުގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދުގެ މަދުކަމެވެ. ވަކިން ޚާއްޞަކޮށް ސާނަވީ އަދި މަތީ ސާނަވީއެވެ.
ނަމަވެސް ހުޅުދޫއަކީ މިފަދައިން ނިކަމެތިކޮށް އަޅާނުލައި ދޫކޮށްލަން ޖެހޭފަދަ ތަނެއް ނޫނެވެ. ތިމާ އެފަސްގަނޑަކަށް ނިސްބަތްވާ ފަސްގަނޑު ތަރައްގީކޮށް ކުރިއަރުވަން މަސައްކަތް ކުރުމުގެ ބަދަލުގައި ރަށަށް ފުރަގަސްދީގެން އަމިއްލަ ދިރިއުޅުމާއިގެން “ބިޒީ” ވުމަކީ ބުއްދިވެރިކަމެއް ނޫނެވެ.
ބައިނަލް އަގުވާމީ ވައިގެ ބަނދަރަކާއި ގުޅިފައިވާ މި ރަށުގައި ކިތަންމެ ކަމެއް ކުރެވެން އެބަހުއްޓެވެ. ރަށުގެ ރައްޔިތުންގެ އަތުގައި ފައިސާއާއި ތަނަވަސްކަން އެބަހުއްޓެވެ. ރަށުގެ ފައިދާއާއި ލާބައަށް މަސައްކަތް ކުރާނެ މަޖިލިސް މެމްބަރަކު އެބަހުންނެވިއެވެ. ވީއިރު މިއީ ހުޅުދޫގެ ރައްޔިތުން ވިސްނާލުން މުހިއްމު ކަމެކެވެ!