English Edition
Dhivehi Edition
ސަދަން މޯލްޑިވްސް އެކްސްޕޯ އާއި ބެހޭގޮތުން ޓައިޓަން މޯލްޑިވްސްގެ އެމްޑީ، އައްޑޫސިޓީ ކައުންސިލަށް މައުލޫމާތު ދެއްވަނީ: ފޮޓޯ ކައުންސިލް އިދާރާ

ޓައިޓަން މޯލްޑިވްސް ގެ ފަރާތުން އިންތިޒާމުކޮށްގެން ވިޔަފާރިއަށް ޚާއްޞަ އެކްސްޕޯއެއް އައްޑޫގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

“ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ” ގެ ނަމުގައި ކުރިއަށް ގެންދާ މި އިވެންޓަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި އަދި އައްޑޫސިޓީ، ވިޔަފާރީގެ ގޮތުން ގުޅުވާލުމާއި މާލެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ބްރޭންޑްތަކަށް އައްޑޫގައި ވިޔަފާރި ކުރުމަށް ހުރި ފުރުސަތު ތަކަކީ ކޮބައިކަން އަންގައިދީ ވިޔަފާރިތައް ގުޅުވައިލުން ކަމަށް ޓައިޓަން މޯލްޑިވްސް އިން ބުނެއެވެ.

އެކްސްޕޯ އާއި ބެހޭގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ޓައިޓަން މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މިއީ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޒަމާނީ ސްޓައިލަށް އައްޑޫގައި ބާއްވާ ފުރަތަމަ އެކްސްޕޯ ކަމަށެވެ.

އެޕްރީލް މަހުގެ 18 އިން 20 އަށް ކުރިއަށް ގެންދާ މި އެކްސްޕޯ ބާއްވަނީ ހިތަދޫ ސްކޫލުގައެވެ.

ސަދަން އެކްސްޕޯއަކީ 55 އެގްޒިބިޓަރސް އަށް ޓާގެޓް ކޮށްގެން ބާއްވާ އެކްސްޕޯއެއް ކަމަށާއި މިހާރުވެސް ރާއްޖެ އަދި ބޭރުގެ ބްރޭންޑްތަކުން ބައިވެރިވެފައިވާ ކަަމަށް ޝަރީފް ވިދާޅުވިއެވެ.

“ރިސޯޓް ތަކަށާއި ރާއްޖޭގެ ވިޔަފާރި ބްރޭންތަކުގެ އިތުރުން ސިއްހީ ފަރުވާދޭ ތަންތަނާއި ކޮލެޖް ޔުނިވަރސިޓީ އަދި މުވާސަލާތީ ޚިދުމަތްދޭ ތަންތަން ފަދަ ވިޔަފާރިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެކްސްޕޯއެއް މިއީ. މިހާރުވެސް ރާއްޖޭން ބޭރުގެ ބްރޭންޑް ތަކުން ދަނީ އެކްސްޕޯގައި ބައިވެރިވަމުން. އެގޮތުން ލަންކާ، ނޭޕާލް، މެލޭޝިއާ އިންޑިއާ އަދި ޔޫކޭގެ ބައެއް ބްރޭންޑްތަކުން ޝައުގުވެރިކަން ފާޅުކޮށްފައި އެބަވޭ. ހަމަ އެހެންމެ ރާއްޖޭގެ ބައެއް ބްރޭންޑްތަކުން ވެސް މިހާރު މިވަނީ އެކްސްޕޯގައި ބައިވެރިވެފައި” ޝަރީފް ވިދާޅުވިއެވެ.

އެކްސްޕޯގައި ބައިވެރިވުމަށް މިހާރުވެސް ފުރުސަތު ހުޅުވިފައިވާއިރު އަމިއްލަ ޖަމިއްޔާ ތަކަށާއި މުޅިން އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ވެސް އެކްސްޕޯގައި ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މުޅި އެކު 4 ދާއިރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އެކްސްޕޯގައި ހިމެނެނީ ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ފަތުރުވެެރިކަމުގެ ދާއިރާއާއި ގެސްޓްހައުސް ގެ އިތުރުން ތަފާތު އެކިވައްތަރުގެ ވިޔަފާރީގެ ދާއިރާއެވެ.

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ އާއި ގުޅޭގޮތުން ޓައިޓަން މޯލްޑިވްސް އިން ވަނީ އައްޑޫސިޓީ ކައުންސިލާއި ބައްދަލުކޮށް މައުލޫމާތު ދެއްވަވާފައެވެ.

ކައުްންސިލް އިދާރާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އައްޑޫސިޓީގެ މޭޔަރ ވިދާޅުވީ ސިޓީކައުންސިލްގެ ފަރާތުން އެކްސްޕޯއަށް އެންމެ ފުރިހަމަ އެއްބާރުލުން ދެއްވަވާނެ ކަމަށާއި މިއީ އައްޑޫއަށް ވަރަށް ބޭނުންތެރި އަދި މުހިއްމު އިވެންޓަކަށް ވެގެންދާނެ ކަމަށެވެ.

އެކްސްޕޯއާއި ގުޅޭގޮތުން އިތުރު މައުލޫމާތު 7881124 އަށް ގުޅުއްވުމަށް ލިބޭނެ ކަމަށް މޯލްޑިވްސް އިން ބުނެއެވެ.