English Edition
Dhivehi Edition

“ވާރލްޑް އޯޓިޒަމް އެވެއާރނަސް ޑޭ” ނުވަތަ ދުނިޔޭގެ އޯޓިޒަމް ދުވަހަކީ ބައިނަލް އަޤްވާމީގޮތުން އޯޓިޒަމާއިމެދު ހޭލުންތެރިކުރުވުމަށް ފާހަގަކުރާ ދުވަހެކެވެ.

“އޯޓިޒަމް” އަކީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. ކަމާބެހޭ މާހިރުން ބުނާގޮތުގައި މިކަން ކުއްޖާގެ ކިބައިން ފާޅުވާންފަށާނީ ކުއްޖާގެ އުމުރުން ފުރަތަމަ ތިން އަހަރު ތެރޭގައެވެ. އޯޓިޒަމްއަކީ ނިއުރޮލޮޖިކަލް ޑިސްއޯރޑަރ (ނާރުތަކަށް ދިމަވާ މައްސަލަ) އެއްގެ ސަބަބުން ކުއްޖާގެ ސިކުޑިއަށް އަސަރުކޮއްފައިވުމުން، ވާހަކަދެއްކުމާއި އިޖުތިމާޢީގުޅުން ހީނަރުވާ ކަމެކެވެ. އޯޓިޒަމް ހުންނަ ކުދިންނަކީ، ޙަރަކާތުން ވާހަކަދެއްކުމާއި، އެކަކު އަނެކަކާއި ދެމެދު އޮންނަ ގުޅުމާއި އަދި އެކިއެކި އެއްޗެހި ބޭނުންކުރުމުގައި ތަފާތު ގޮތްތަކެއް ގެންގުޅޭ ކުދިބައެކެވެ.

 

އޯޓިޒަމް ހުންނަ ކުދިން އެކަކު އަނެކަކާ އޮންނަ ގުޅުން، އެހެން ގޮތަކަށް ބުނާނަމަ އިޖްތިމާޢީ ގުޅުން އާދައިގެ ކުދިންނާ ބަލާއިރު ވަރަށް ތަފާތު ވާނެއެވެ. މިފަދަކުދިންގެ ވާހަކަ ދެއްކުމުގައި ބަހުރުވައާއި އަމަލުތައް ހުންނަގޮތުން އަނެކާ ދެރަވާ ފަހަރުއާދެއެވެ.މިހެންކަމުން އިޖުތިމާޢީ ގުޅުން ހީނަރުވެއެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް އެހެންމީހުންގެ އިޙުސާސްތައް ދެނެގަތުމަކީ ވަރަށްވެސް އުދަނގޫކަމެކެވެ. އެކުދިން އެހެންމީހުންނާ މެދު ހަމްދަރުދީވެވޭނީ އާދައިގެ މީހުންނާ އަޅާބަލާއިރު ވަރަށްކުޑަ މިންވަރަކަށެވެ. އޯޓިޒަމް ހުންނަ ކުދިންނަކީ ކަމެއްވުމުން އެކަމެއް ތަކުރާރުވުމަށް އުއްމީދުކުރާ ބައެކެވެ. ދުވަސްތައް އެއްގޮތަކަށް ބައްޓަންކުރުމަކީ އެކުދިންގެ އެންމެ ގާތް އެކުވެރިޔާ ކަހަލައެވެ. އޯޓިޒަމް ހުންނަ ކުދިންނަކީ އެކުދިން ކުރާ ކަންކަމުގައި ވަރަށް ގަޔާވެ ހުރެ، އެކަމާ ވެގެން ކަންކަން ކުރާކުދިންނެވެ.

އޯޓިޒަމް ހުންނަ ކުދިން އެކުދިންގެ ގައިގައި އަތްލުމުން ނުވަތަ ލޯބިން ބައްދާލުމުން ހިތްހަމަނުޖެހިދާނެއެވެ. އެހެންނަމަވެސް ގިނަ އޯޓިޒަމް ހުންނަ ކުދިން އެކުދިންގެ އާއިލާ ކުދިންނާ ބައްދާލުމުން ނުރުހޭގޮތް ނުދައްކަފާނެއެވެ. އޯޓިޒަމް ހުންނަ ކުއްޖެއްގެ ގައިގާ ނޭނގި ހުއްޓާ ބީހިއްޖެނަމަ އެކުދިންގެ ޢަމަލު ހުންނާނީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. އޯޓިޒަމް ހުންނަ ކުދިންް ކުއްލިއަކަށް އިވޭ ބާރުއަޑުތަކަކީ ސިއްސުވާލާ އަދި ގަޔާނުވާ ކަމަކަށް ވެދާނެއެވެ. ބައެއް ވަސްވަހާއި އައްޔަށް އަންނަ ބަދަލާއި ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުންވެސް އެކަމާ ގަޔާނުވެ ހިތްހަމަ ނުޖެހޭ ގޮތް ދައްކަފާނެއެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ވިސްނުމާއި ފިކުރުކުރުމުގެ ހުނަރު “ކޮގްނިޓިވް ސްކިލްސް” ތަރައްޤީ ވުމުގައި ލަސްތަކެއް ހުރެދާނެއެވެ. މިތަފާތު 6-7 އަހަރަށް ދެމިގެން ދެއެވެ. މިހުނަރު ހަލުވިކަމާއެކު ކުރިއެރިކަމުގައި ވިޔަސް އިޖުތިމާޢީގުޅުމާއި ބަހުގެ ހުނަރު ކުރިއަރާނީ ވަރަށް ލަހުންނެވެ. މީގެ އަނެއް ކޮޅުން ބަލާއިރު، ވާހަކަދެއްކުމާއި ބަހުގެ ހުނަރު ނުހަނު ކުރިއަރާއިރު އަތްފައިގެ ހުނަރު “މޮޓޯރ ސްކިލްސް” އެބާރުމިނުގައި ތަރައްޤީ ނުވެދާނެއެވެ.

އޯޓިޒަމް ހުންނަ ކުދިންނަކީވެސް އެކުދިންގެ ކިބައިގާ ތަފާތު އާދަޔާޚިލާފު ޤާބިލް ކަމަކާއި ކުޅަދާނަކަމެއް ލިބިގެންވާ ކުދިންނެވެ. އޯޓިޒަމްއަކީ ނުކުޅެދުންތެރި ކަމަކަށް ވިޔަސް އެކުދިންނަކީ މުޖުތަމަޢުގައި ބޭނުންހިފޭނެ ހަރުދަނާ ކުދިންތަކަކަށް ހެދިދާނެއެވެ. ބޭނުންވަނީ ހިތްވަރާއި އަޒުމެވެ. ކެރުމާއި ސާބިތުކަމެވެ. ހިތްމަތާއި މިންނަތެވެ.

އަޅުގަނޑުމެން މުޖުތަމަޢުއިން ކުރަންވީކަމަކީ މިކުދިންގެ މިހުންނަ ތަފާތުކަމާއި އެކު މުޖުތަމަޢުގެ ބައެއްގެ ގޮތުގައި ބަލައިގަތުމެވެ. އެކުދިންގެ ޤާބިލިއްޔަތަށް ރިއާޔަތްކުރެވިގެން މުޖުތަމަޢުގެ އެން މެހާ ކަންކަމުގައި ބައިވެރިކުރުވުމެވެ. އެއްވެސް ކުއްޖަކު ބާކީ ނުކުރުމެވެ!