English Edition
Dhivehi Edition

އޯޓިޒަމްއާ ބެހޭގޮތުން ވެންޑީ ޗަންގް ވާހަކަ ދައްކަން ފަށައިގަތީ މިހެންނެވެ.

“ކީއްވެތަ؟”

“މިއީ މައިންބަފައިން އަހަންނާ ވަރަށް ގިނައިން ކުރާ ސުވާލެއް. ކީއްވެތަ އަހަރެމެންގެ ދަރިފުޅަށް މިކަންތައް މި ދިމާވީ؟ އެމީހުން މިސުވާލު ކުރޭ..

އަހަންނަކީ ކުޑަކުދީންގ ޑޮކްޓަރަކަށްވާތީ، އަދި ޖެނެޓިކްގެ ސައިންޓިސްޓަކަށްވާތީ އަހަރެން މިސުވާލަށް ޖަވާބެއް ދިނުމަށް މަސައްކަތް ކުރިން. އަހަރެން ބުނާނީ އޯޓިޒަމްއަކީ އެންމެ ކަމަކުން ދިމާވާ ކަމެއް ނޫނޭ، އެއީ ފުޅާ ދާއިރާއެއްގައި ދިމާވާ އެތައް ބައިވަރު މައްސަލަތަކަކުން ދިމާވާ ކަމެކޭ. މިސާލަކަށް ބަލަމާ 13(ތޭރަ) އަހަރުގެ ޖަސްޓިންއަށް. އޭނައަކަށް ވާހަކައެއް ނުދެއްކޭ. އޭނާ ވާހަކަ ދައްކަން ޖެހެނީ އައިޕެޑަކަށް ލާފައިވާ ތަސްވީރުތަކުގެ އެހީގައި. އެނާ ކަމަކާ ހިތް ހަމަ ނުޖެހިއްޖެ ނަމަ ހޫރެން ފަށާ، ނުވަތަ ފާރުގައި ބޯތަޅަން ފަށާ. ބައެއްފަހަރު ބޯފަޅައިގެން ގޮސް އެތަން ފަހަން ޖެހޭ ހިސާބަށް ވެސް ޒަޚަމް އެބަވޭ. ތޭރައަހަރުގެ އަނެއްކުއްޖަކަށް ދިމާވެފައިވަނީ މުޅީން އެހެން މައްސަލައެއް. އޭނައަކީ ހިސާބަށް ވަރަށް މޮޅު ކުއްޖެއް. ތިން އަކުރު ތިންއަކުރާ ކަލްކިއުލޭޓަރެއް ބޭނުންނުކޮށް ނުހަނު ފަސޭހަކަމާއެކު ހިތުން ގުނަކޮށްލާނެ. އެކަމަކު އިސްވެ ވާހަކައެއް ފަށައެއް ނުގަނެވޭ. ވާހަކަ ދެއްކުމަކީ އޭނާއަށް އުނދަގޫ ކަމެއް. އޭނާ މީހަކާ ހަތަރުކަޅި ހަމައެއް ނުކުރާނެ. އޭނާ ކަމަކާ ނުރުހިއްޖެނަމަ ހިމޭންވެދާނެ. ބަސްހުއްޓާލާނެ. މި ދެކުދީންނަށް ވެސް ދިމާވެފައިވަނީ އެއް މައްސަލައެއް. އެއީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ.

އަހަރެމެން ކަންބޮޑުވަނީ އޯޓިޒަމްއަކީ ގައިން ގަޔަށް އަރާ ނުވަތަ ފެތުރޭ ބައްޔެއްކަމާމެދު. މިދުވަސްވަރު ކޮންމެ 88 ކުދީންގެ ތެރޭން އެއްކުއްޖަކު އޯޓިޒަމް ހުންނަކަމަށް ދައްކާ. ސުވާލަކީ 1980 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު އޯޓިޒަމްގެ ކުދީންގެ ނިސްބަތް ގާތްގަނޑަކުން 0 އަކުން ފެށިގެން4000 އަށް އަރާފައިވަނީ ކީއްވެހޭ؟ އަހަރެމެން ނަށް ކުރީގައި ކުދީންގެ ކިބައިގައި މިމައްސަލަ ހުންނަކަން ނޭނގެނީބާއޭ، ނުވަތަ މިހާރު މިކަން ފަސޭހަކަމާއެކު ހޯދައިގަނެވެން ހުންނަނީހޭ؟

1980 ވަނަ އަހަރާ 1990 ވަނަ އަހަރުގެ ތެރޭގައި އޯޓިޒަމް ހުންނަ ކުދީންނަށް އެހީތެރިވުމަށް ލާޒިމުކޮށް ގާނޫނެއް ހެދިގެން ދިއުމުން މިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ސިއްހީދާއިރާއަށް މަޖްބޫރުވި. އެހެންކަމުން މައިންބަފައިންނާ ޓީޗަރުންނާ ތައުލީމު ދޭފަރާތްތަކަށް އޯޓިޒަމްއާ ބެހޭ މައުލޫމާތު އިތުރަށް އެނގި އެކަންތަކުގެ ހެކިތައް ދެނެގަނެވޭނެ ގޮތްވެގެން ދިޔަ. މިހެން ވުމުން އޯޓިޒަމްކުދީން ފާހަގަކުރެވި އެކުދީންނަށް ފަރުވާދެވޭނެ ގޮތްތަކާއި ވަސީލަތްތަކުގެ ބޭނުން ގިނަ ބަޔަކު ހިފަން ފަށައިފި. މިހެން ދިމާވުމުން އަހަރެމެންނަށް އޯޓިޒަމްގެ އަލާމާތް ގިނަ ކުދީންގެ ކިބައިން ފެންނަން ފަށައިފި. އަދި ފުޅާ ދާއިރާއެއްގައި ތަފާތު އެތެއް ކަމެއް އޯޓިޒަމްގެ އަލާމާތެއް ކަމަށް ހިމަނަން ފަށައިގަނެވިއްޖެ. އެންމެންވެސް ދެން ކުރަން ފެށި ސުވާލަކީ އޯޓިޒަމް ޖެހެން މެދުވެރިވަނީ ކޮން ސަބަބަކާހެދި ހޭ؟

އާންމުގޮތެއްގައި މީހުންނަށް ހަގީގަތާ ޚިލާފަށް ގަބޫލުކުރެވިފައިވާ ގަބޫލުކުރުމަކީ އޯޓިޒަމް ޖެހެނީ ވެކްސީންގެ ސަބަބުންނޭ. އެކަމަކު އަހަރެން ވަރަށް ސާފުކޮށް ބުނަން. ވެކްސީއަކުން އޯޓިޒަމެއް ނުޖެހޭ. ”

ވެންޑީ ބާރުއަޅާ މިބަސް ބުނުމުން އެއްވެ ތިބިމީހުން އަތްތިލަ ޖަހަން ފެށިއެވެ.

“އަސްލުގައި ވެކްސީނުން އޯޓިޒަމް ޖެހޭކަމަށް ހާމަކޮށްފައިވަނީ އޮޅުވާލައިގެން. އެގޮތަށް ރިސާޗެއްގެ ކަރުދާހުން ބައެއް ނަގައިގެން ހާމަކުރި ޑޮކްޓަރުގެ ލައިސަންސްވެސް ވަނީ ބާތިލު ކުރެވިފައި. ބޭހާބެހޭ އިންސްޓިޓިއުޓުގެ ބަލިފެތުރުމާބޭ މަރުކަޒުން މިކަން ކަށަވަރު ކުރުމަށް ތަކުރާރުކޮށް އެތައް ތަހުގީގު ތަކެއް ވަނީ ކޮށްފައި. އިތުބާރު ކުރެވޭ އެއްވެސް ޓެސްޓަކުން ވެކްސީން ޖެހުމުން މިމައްސަލަ ކުރިމަތިވެދާނެކަމަށް ނުދައްކާ. އަދި ވެކްސީންގައި ހިމެނޭ ތައިމެރެސޯލްއޭ ކިޔާ މާއްދާއަކުން އެފަދަ މައްސަލައެއް ކުރިމަތިވުމުގެ ފުރުސަތު އޮވެދާނެކަމަށް ބަލައި 2991 ވަނަ އަހަރު އެވެސް ވަނީ ވެކްސީނުން އުނިކޮށްފައި. އެހެންކަމުން މިހާރު މި މައްސަލަ ފެންނަ ކުދީންނަށް އޯޓިޒަމް ޖެހިފައިވަނީ ވެކްސީންގެ ސަބަބުންނޭ ބުނާނެ އެއްވެސް ޖާގައެއް ނެތް. އެހެންކަމުން އޯޓިޒަމް ޖެހެނީ ކީއްވެހޭ ކުރާ ސުވާލު އޮތީ ޖަވާބު ނުލިބިފައި. އަސްލުގައި އެއަކަށް ވަކި މިވެނި ސަބަބަކުންނޭ ކިޔާފައި ދެވޭނެ އެއް ޖަވާބެއް ނުވެސް ނެތްމެ. އެއީ ވަރަށް ފުޅާ ދާއިރާއެއް. ވަރަށް ގިނަ އެތައް މައްސަލައަކުން ދިމާވާކަމެއް.

އަހަރެމެންނަށް ހޯދިފައިވާ އެއް ސަބަބަކީ އުމުރުން ދޮށީ ފިރިހެނުންނަށް ލިބޭ ދަރީންނަށް މިމައްސަލަ ދިމާވުން ގާތްކަން. އަދި މަންމަގެ ބަނޑުގައި އޮންނައިރު ދިމާވާ މައްސަލައަކުންވެސް ދަރިފުޅު އޯޓިޒަމް ހުންނަ ކުއްޖަކަށް ވެދާނެކަން.

ކުއްޖާގެ ސިކުނޑި އުފެދެމުން އަންނަ އިރު ބައެއް ކަހަލަ ބޭސްތަކުން ވެސް ކުއްޖާ އޯޓިޒަމްގެ ކުއްޖަކަށް ވުމުގެ ރިސްކު ކުރިމަތިވޭ. އަދި ވެއްޓޭ ބަލި ހުންނަ މަންމައިން ބޭނުންކުރާ ވެލްޕޮރިކް އެސިޑަކީވެސް ދަރިފުޅު އޯޓިޒަމް ކުއްޖަކަށް ވުމުގެ ސަބަބު މެދުވެރި ކުރުވާ އެއްޗެއްކަން ވެސް ވަނީ ފާހަގަ ކުރެވިފައި. އަދި މީގެ އިތުރުން ބައެއްކަހަލަ ޖަރާސީމުތަކުންވެސް ކުއްޖާ އޯޓިޒަމްގެ ތެރެއަށް ގެންދޭ. އަހަރެން ވަރަށް ބޮޑަށް އަލިއަޅުވާލަން ބޭނުންވާ އަނެއް ކަމަކީ ޖީންތައް. ޖެނެޓިކް ގޮތުންވެސް ކުއްޖާ އޯޓިޒަމުގެ ސްޕެކްޓްރަމްގައި ހިމަނާލާނެ. ޖެނެޓިކްސްއަކީ އޯޓިޒަމް މެދުވެރިކުރުވާ އެކައްޗެއް ކަމަށްވާ އިރު މިކަން އަހަރެމެން އިތުރަށް ދިރާސާ ކުރުމުން މިގޮތުން ދިމާވާ އޯޓިޒަމް ހުއްޓުވުމަށް އަހަރެމެންނަށް ކޮންމެވެސް ކަމެއް ކުރެވިދާނެކަމަށް އަހަރެން ދެކެން. މިކަމުގައި އަހަރެމެންނަށް ނުހޯދުނު އެއްކަމަކީ އަންހެން ކުދީންނަށާއި ފިރިހެން ކުދީންނަށް މި މައްސަލަ ކުރިމަތިވާ ގޮތެއް. އޯޓިޒަމް ޖެހޭ ކުދީންގެ ތެރޭން އަންހެނުން ކުދީންނަށް ވުރެން 4 ގުނަ ފިރިހެން ކުދީން އިތުރުވަނީ ކީއްވެކަމެއް އަހަރެމެންނަކަށް ނުހޯދުނު. އެ ސަބަބު އުޅެ އުޅެވެސް ނޭނގުނު. އަހަރެމެންނަށް އެނގުނު ކަމަކީ އާއިލާއެއްގައި އެއްކުއްޖަކަށް އޯޓިޒަމް ޖެހިފައިވާނަމަ އެއާއިލާއެއްގެ އެހެން ކުއްޖަކަށް ވެސް އޯޓިޒަމްގެ އަސަރު ފޯރާފައިވެދާނެކަން. އަދި ސަތޭކަ % ޖެނެޓިކް ގޮތުން އެއްގޮތް ކުދީންނާއި ފަންސާސް % ޖެނެޓިކް ގޮތުން އެއްގޮތް އެއްމާބަނޑު ކުދީންނަށް މިމައްސަލަ ދިމާވަނީ ކިހިނެއްތޯ އަހަރެމެން ބެލިން. އަހަރެމެން ބެލި ބެލުމުން އެއްވައްތަރު ނޫން އެއްމާބަނޑު ކުދީންނަށް އޯޓިޒަމް ވާރުތަކުރަނީ 77% އަށް. ފާހަގަ ކުރެވޭ ޚާއްސަ ކަމަކީ މިއަދަދު އެއްމާބަނޑު ކުދީންގެވެސް ސަތޭކަ%އަށް ނާރާކަން. އަދި އެއްމާބަޑު އެއްވައްތަރު ކުދީންނަށް ވާރުތަކުރާ އިންސައްތަވެސް ވަނީ 33%ގައި ކަން. އެހެންކަމުން މިއީ ޖެނެޓިކް ގޮތުން ވާރުތަ ކުރާ ކަމެއް ކަން އެބަ ދައްކާ. އެކަމަކު ސުވާލަކީ އެގޮތުން ވާރުތަކުރަނީ ކިހާވަރަކަށްކަން؟ އަހަރެމެންނަށް ފެނުނުގޮތުގައި ހިތުގެ މައްސަލަތަކާ ހަކުރުބައްޔާ ކެންސަރުގެ މައްސަލަ ވާރުތަ ކުރާވަރަށް ވުރެން ބޮޑަށް އޯޓިޒަމްގެ މައްސަލަ ވާރުތަ ކުރާކަމަށް އެބަ ދައްކާ. އަހަރެމެންނަކަށް ނޭނގޭ މިމައްސަލަ ދިމާވަނީ އެންމެ ޖީނަކުން ކަމެއް ނުވަތަ އެތައް ޖީންތަކެއް އެކުލެވިގެން ކަމެއް.

އެއް ކުއްޖަކަށް އޯޓިޒަމް ދިމާވަނީ އެންމެ ޖީންއަކުން ކަމަށްވާއިރު އަނެއްކުއްޖަކަށް މިކަން ދިމާވަނީ އެތައް ބައިވަރު ޖީންތަކެއް އެކުލެވިގެން. އެކަމަކު މިކަން އަހަރެމެން ފުނަށް ފީނައިގެން ބަލާއިރު ބައެއް ކުދީންނަށް ދިމާވާ އޯޓިޒަމްއަކީ މަންމަ ނުވަތަ ބައްޕަގެ ކިބައިން ވާރުތަކުރާ ޖީންއަކުން ވާކަމެއް ނޫންކަން ވެސް އެބަ ދައްކާ. އެއީ ހަމަ އެކުދީންގެ ޖެނެޓިކްގައި އުފެނު ކަމަކަށް އެބަވޭ. އެއީ އާއިލާތަކަށް ދެމިގެން ނައިސް ހަމަ އެކަނި އެކުއްޖާ އުފެދުމުގެ މަރުހަލާގައި ސްޕާމް ނުވަތަ ބިހުގައި ހުންނަ ޖެނެޓިކް އުނިކަމަކުން ދިމާވާކަމެއް ކަމަށްވެސް އެބަވޭ. މިކަންތައް އިތުރަށް ބެލުމުން އޯޓިޒަމް މައްސަލަ ޖެހިފައިވާ ޖީން ހޯދައިގަތުމަށް އަހަރެމެންނަށް އެބަ ފަސޭހަވޭ.

ސައިމަން ފައުންޑޭޝަންގައި އަހަރެމެން ބެލީ މަންމައާއި ބައްޕަކިބައިން ވާރުތަ ނުކޮށް އޯޓިޒަމް ޖެހިފައިވާ ސައްބީސްހާސް އާއިލާ ދިރާސާކޮށް މައްސަލަ ޖެހޭ ޖީން ދެނެގަތުމަށް. މިކަން ދެނެގަތުމަށް މަންމައާ ބައްޕައާ ދަރިފުޅުގެ ޖެނެޓިކްކޯޑް އެއްކޮޅުން އަނެއްކޮޅައް ބަލައި ތަފާތު ހޯދަމުން ގެންދަން ޖެހުނު. އަހަރެމެން ބެލިބެލުމުން ފެނުނު މިސާލު ދައްކަން އަހަރެން ބޭނުން ކުރާނީ އެންސައިކްލޮޕީޑިއާ ފޮތްތަކެއް. އެގޮތުން ފޮތްހަރުގަނޑުގައި ބަރިޔަކަށް ބަހަށްޓާފައި ހުރި އެންސައިކްލޮޕީޑިއާ 46ފޮތުގެ ސެޓެއް އަހަރެން ދައްކާލާނަން. އޭގެތެރޭން އެއްފޮތް މަދުކޮށްލީމާ އޭގައި ހިމެނޭ ބައެއް މައުލޫމާތު މަދުވެގެން އެބަދޭ. އޭގެ ތެރޭން އެއް ޕެރެގްރާފް މަދުކޮށްލީމަވެސް އެތައް މައުލޫމަތު އެބަ މަދުވޭ. އެންމެ ލަފްޒެއް އުނިކޮށްލުމުންވެސް ކޮންމެވެސް ކަހަލަ ކަމެއް ފުރިހަމަ ނުވެ އެބަހުރޭ. އެހެންކަމުން އޯޓިޒަމްގެ އެއްކުއްޖަކަށް މަދުވަނީ މައުލޫމާތު އެކުލެވޭ އެއް ފޮތް ކަމަށްވާއިރު އަނެއް ކުއްޖަކަށް މަދުވަނީ މަދު އަކުރު ތަކެއް ކަމަށް ވެދާނެ. އެކަމަކު އެއިން ކޮންމެ ކުއްޖަކީވެސް އޯޓިޒަމް ސްޕެކްޓްރަމްގެ ތެރޭގައި ހިމެނޭ ކުއްޖެއްގެ ގޮތުގައި އެބަ ބެލެވޭ. އެތައް ބިލިއަން ޖެނެޓިކް މައުލޫމާތުތަކުގެ ތެރޭން އެންމެ އަކުރެއްހާ ކުޑަ މައުލޫމާތު ކޮޅަކުންވެސް އުޅުމާއި ކަންކުރާގޮތް ބަދަލުވެގެން އެބަދޭ. އަހަރެމެންނަށް ފެނުނީ މީގެ 25% އާއިލާގެ ތެރޭން އޯޓިޒަމް ދިމާވެދާނެ ކަންފާހަގަ ކުރެވޭ އެންމެ ޖީންއެއް. އަނެއް 75% އޮތީ އަދި ހަމަ އަތްވެސް ނުލެވި. މިޙޯދުން ހޯދަމުން ދިޔައިރު އަހަރެމެން ތިބީ ހިތްވަރު އެލިފައި. އެގޮތަކީ އަހަރެމެންނަށް ފެނުނު ގޮތުގައި އޯޓިޒަމް ކުރިމަތިވަނީ އެންމެ ޖީނަކުން ނޫން. އޯޓިޒަމް ކުރިމަތިވެދާނެ 200 ނުވަތަ 400 ޖީން އެބަހުރިކަން އަހަރެމެންނަށް ފާހަގަ ކުރެވުނު. އެހެންކަމުން އޯޓިޒަމްގެ މިހާ ފުޅާ ދާއިރާއެއް ވަނީ ކީއްވެކަން އަހަރެމެންނަށް ވިސްނައިގަނެވުނު. އަސްލުގައި މިއީ އެކި ދެތަނުން މަދުވާ ޖީންތަކެއް ނޫންކަންވެސް އަހަރެމެންނަށް ވަނީ ހޯދިފައި. އެއީ ސިކުނޑީގެ ވަކި ހިސާބެއްގައި ޖެހިޖެހިގެން ނުވަތަ ގުޅިފައިވާ ޖީންސްތަކުގެ ވިއުގައެއްކަންވެސް އަހަރެމެންނަށް މިވަނީ ފާހަގަ ކުރެވިފައި. ސައެންސްގެ ހޯދުން ކުރިއަށް ދާވަރަކަށް މިކަން އިތުރަށް ދެނެ ގަނެވޭނެ. އަހަރެމެން ސިކުނޑި މަސައްކަތް ކުރާގޮތް ބަލަމުންދާއިރު ފާހަގަ ކުރަމުން މިދަނީ އޯޓިޒަމް ކުދިންނާއި އޯޓިޒަމް ނުހުންނަ ކުދީންގެ ސިކުނޑީގެ މަސައްކަތް ހިނގަމުންދާގޮތް. ނިއުރޯން ހަރަކާތް ކުރާގޮތާއި އެގޮތުން މީހާގެ އުޅުމާއި ކަންތައް ކުރާގޮތަށް ބަދަލު އަންނަނީ ކޮން ގޮަތަކުންތޯ.

އޯޓިޒަމް ހުރިކަން އަހަރެމެން ދެނެގަންނަން ޖެހެނީ ވީ އެންމެ އަވަހަކަށް. އޭރުން އެކަމަށް ދެވެން އޮތް ފަރުވާއެއް ދޭން ފަށައިގަނެވިދާނެ. އަހަރެމެން ބަލަން ޖެހޭނެ ކުއްޖާގެ ލޯ ހަރަކާތް ކުރާ ގޮތާ ކުއްޖާ އަހަރެމެންނާ ލޮލާ ލޯ ބައްދަލުކޮށް ހަދާތޯ. މިކަމުން ކުއްޖާގެ ކިބައިގައި އޯޓިޒަމްގެ އަސަރު ހުރިތޯ ނެތްތޯ ދެނެގަނެވޭނެ. އެކަން ދެނެގަތުމަށް ބޭނުން ކުރާ އާލާތަކުން ބަލާލުމުން ކުއްޖާ ބަލަނީ ލޮލަށްތޯ ނުވަތަ މޫނުގެ ވަކިތަނަކަށްކަން ދެނެގަނެވިދާނެ. ސީދާ ލޮލަށް ބަލާ ކުދީންގެ ކިބައިކަން އޯޓިޒަމް ނެތްކަން ކަށަވަރުވާނެ. އެނޫން ކުދީން މުޖްތަމައުގެ އެހެންމީހުންނާ ގުޅުން ކުޑަވާނެކަން ވެސް ދެނެގަނެވޭނެ.

މިއީ އޯޓިޒަމް ހުރިކަން ދެނެގަނެވޭނެ ވަރަށް އިތުބާރު ހުރި ގޮތެއް. އަދި ކުއްޖާއަށް އެންމެ ބޮޑަށް ފައިދާ ކުރާނެ ޅައުމުރުގައި މިކަމަށް އަވަސް ފަރުވާއެއް ދިނުމަށް ފަށައިގަނެވޭނެ ގޮތެއް ވެސް މެ.

އަހަރެމެން އެހީވާނީ ކޮން ގޮތަކުން؟ ވަރަށް ގިނަ ގޮތްގޮތް އެބަހުރި. ބައެއް ކުދީންނަށް ބޭހުން ވެސް ފަރުވާ ދެވިދާނެ. އަދި އަނެއް ބަޔަކަށް އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެންވެސް އެހީވެވިދާނެ. މީގެ އިތުރަށް އެކުއްޖާއާ މުއާމަލާތް ކުރާ ގޮތްވެސް ތަފާތުކޮށްލެވިދާނެ. ކިޔަވާދޭ ގޮތްވެސް ތަފާތު ކޮށްލެވިދާނެ. އަހަރެމެން ދަންނަން އެބަޖެހޭ އެކުއްޖާގެ ސިކުނޑީގައި ވައިރު ކުރެވިފައިވާ ގޮތް ތަފާތުކަން. އެކުދީން ކަންތައް ދަސްކުރަނީ ތަފާތު ގޮތަކަށް ކަން. އަދި މާހައުލުން ކަންކަން ދެނެގަންނަނީ ތަފާތު ގޮތަކަށްކަން. އެފަދަ ކުދީންނަށް ފުރިހަމައަށް އެހީލިބޭނެ ގޮތް ބަލައިގެން އަހަރެމެން އެކުދީންނަށް ތައުލީމު ދޭން އެބަޖެހޭ.

ޓެކްނޮލޮޖީގެ އާހޯދުންތަކާއެކު މިފަދަ ކުދީންނަށް ވަރަށް ބޮޑު އެހީއެއް ދެވެން އެބަހުރި. މިސާލަކަށް ވާހަކަ ދައްކަން ފަށައިގަންނަން އުނދަގުލެއް ހުރި ކުއްޖާއަށް ގޫގްލް އައިނަކާ އިއަރފޯނެއްގެ އެހީގައި ތަމްރީނު ދެވިދާނެ. އަދި ކޮންމެވެސް ދުވަހަކުން އޭނާއަށް އަންހެންކުއްޖަކަށް ކޮފީއަކަށް ދައުވަތުދޭނެ ހިތްވަރު ލިބިގެންވެސް ހިނގައިދާނެ.

މިކަމުގައި އަހަރެމެންނަށް އެނގޭކަންތަކަށް ވުރެން ނޭނގޭކަންތައް ގިނަ. ހޯދަންވީ އެތައްކަމެއް އެބަހުރި. އަހަރެން ތިއެންމެންނަށްވެސް މި އިލްތިމާސް ކުރަނީ މިކަންތަކާ ވިސްނައި މިކަމަށް އެހީއެއް ވެވެން އޮތް އެއްވެސް ގޮތެއް އޮތްނަމަ އެކަމެއް. އަހަރެމެންނާ ހިއްސާ ކުރުމަށް. އަހަރެން އެދެނީ އޯޓިޒަމް ހުންނަ ކުދީންގެ މައިންބައިފައިންވެސް މި އޯޓިޒަމް ނެޓްވޯކާ ގުޅި އެމީހުންގެ ތަޖްރިބާ ހިއްސާކޮށް އޯޓިޒަމްގެ ކުދީންނަށް މިއަށްވުރެން އިތުރަށް އެހީވެވޭނެ ގޮތް މެދުވެރި ކުރުމަށް އަހަރެމެންނާ ބައިވެރިވުން. ޝުކުރިއްޔާ.”