ސްޕެނިޝް ލީގުގައި ރޭ ވަރުގަދަ ރިއަލްމެޑްރިޑް އާއި ތާވަލްގެ އެންމެ ފުލުގައި އޮތް ހުއެސްކާ ބައްދަލުކުރި މެޗުން ރިއަލްމެޑްރިޑް އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ރެއާލް ކޯޗުކަމުން މިދިޔަ ސީޒަންގައި ވަކިވުމަށް ފަހު އަލުން ކޯޗުކަމާއި ހަވާލުވި ޒިދާންގެ ބެލުމުގެ ދަށުން ލީގުގައި ރޭ ރިއަލް ކުޅުނު މިމެޗު އެ ޓީމް ކާމިޔާބުކޮށްފައިވަނީ ފަހު ވަގުތު ބެންޒެމާ ކާމިޔާބުކުރި ލަނޑާއި އެކު 3-2 ލަނޑުންނެވެ.
ރޭ ތާވަލްގެ ފުލުގައި އޮތް ހުއެސްކާ އަތުން ހޯދި މޮޅާ އެކު ރެއާލް ލީގުގެ ތިން ވަނައިގައި އޮތީ 29 މެޗުން 57 ޕޮއިންޓާ އެކު ގައެވެ.ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 29 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު އެއްވަނާގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 29 މެޗުން 69 ޕޮއިންޓެއެވެ.
ރެއާލްގެ ކޯޗުކަމާއި ދެވަނަ ފަހަރަށް ހަވާލުވި ރިއަލްގެ ލެޖެންޑް ޒިދާންގެ ދަރިފުޅު ލޫކަ ޒިދާން ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު މި މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ހުއެސްކާ އިން ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ހުއާން ކަމިލޯ ހެނާންޑޭޒް އެވެ. ރެއާލަށް އެއްވަރުކޮށްދިނީ މެޗުގެ 25 ވަނަ މިނިޓްގައި އިސްކޯ އެވެ.
ދެ ވަނަ ހާފް ފަށައިގެން ގާތްގާތުގައި ރެއާލުން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މެޗުގެ 62 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ސްޕެއިން ގައުމީ ޓީމުގެ މިޑްފީލްޑަރު ޑެނީ ސަބާޔޯސް އެވެ. ހުއެސްކާ އިން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރީ މެޗުގެ 74 ވަނަ މިނިޓްގައި ޒަބިއޭ އެކްސެއިޓާ ޖެހި ގޯލުންނެވެ. މެޗުގެ އެއްވަރުވެގެން ނިމެން ދަނިކޮށް ފަހު މިނިޓްގައި ރެއާލް މޮޅުކޮށްދިން ލަނޑު ޖެހީ ކަރިމް ބެންޒެމާ އެވެ.
ރިއަލްގެ ފަރާތުން މި ސީޒަންގައި ދަށް ނަތީޖާ ތަކެއް ފންނަމުން ދާއިރު އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޒިދާނަށް 500 މިލިއަން ޔޫރޯގެ ބަޖެޓެއް ދޭން ރެއާލުން ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.