ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ނުބާއްވާ ފަސް ކުރަން ވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މަޖިލިސް ކެމްޕެއިންގައި މިއަދު ހަނިމާދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައިއެވެ.
ހަނިމާދޫގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މި ފެށޭ އޭޕްރީލް މަަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިހާބު ނުބާއްވާ ފަސް ކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އިންތިހާބު ބާއްވާން ހަމަޖެހިފައި ވާ ގޮތަށް ކުރިއަށް ދާނޭ ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ އިންތިހާބު ފަސް ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެެއްގައެވެ. އެގޮތުން ސުޕްރީމް ކޯޓު މެދުވެރިކޮށް، އިންތިހާބު ފަސްކުރުމުގެ އަމުރެއް ނެރެން އިދިކޮޅު ޕީޕީއެމް ކޯލިޝަނާއެކު ޖުމްހޫރީ ޕާޓީން ވެސް އިދިކޮޅު ކޯލިޝަނާއެކު މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. މީގެ އިތުރުން އިންތިހާބު ފަސްކުރުމުގެ އަމުރެއް ހޯދުމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުންވެސް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.