އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރަމަޟާން މަހުގެ ފަހު 10އަކާއި ދިމާވާތީ، އޭގެ ކުރިން އިންތިޚާބު ބޭއްވޭނެ ގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު 28 މެއި، 2024 އަށް ހަމަވާ އިރު ގާނޫނު ބުނާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.
19 ވަނަ މަޖިލީހުގެ ދައުރު ހަމަވުމުމުގެ އެއްމަސްކުރިން އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރަންޖެހެއެވެ. އެއީ އޭޕްރީލް 28 ވަނަ ދުވަހުގެ ކުރިންނެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ޤާނޫނުގައި ބުނާ ތާރީޚުތައް ތަރުތީބު ކޮށްލުމުން، އެންމެ އަވަހަށް ވެސް އިންތިޚާބު ބޭއްވޭނީ އަންނަ އަހަރުގެ މާރޗް 30 ގައި ކަމަށެވެ. ނަމަވެސް، އެ ދުވަސް ދިމާވަނީ ރަމަޟާން މަހުގެ 20 ވަނަ ދުވަހާކަމަށް ޙަބީބު ވިދާޅުވިއެވެ.
އިންތިހާބު ބާއްވަން ބަލާއިރު ދިމާވާ އަނެއް މައްސަލައަކީ، އޯލެވެލް އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްތަކުގެ މޮކް އިމްތިހާނު ވެސް އެ ދުވަސްވަރު ބޭއްވުމެވެ. ވޯޓުލާ މަރުކަޒުގެ ގޮތުގައި އީސީން ބޭނުން ކުރަމުން އަންނަނީ ސްކޫލްތަކުގެ ހޯލްތަކެވެ. އެހެންވެ އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ އިންތިހާބު އޭގެ ފަހަށް ބާއްވަން ޖެހޭ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް ޤާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ބަދަލު ގެނައުމަށް ދެ ގޮތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށައެޅިއެވެ.
އެއީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގައި ބަޔާންކުރާ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިޢުލާނު ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށް އޮންނަ މުއްދަތު، 20 ދުވަހަށް ކުރު ކޮށްލުމެވެ. ޙަބީބް ވިދާޅުވީ މިގޮތަށް ކުރު ކޮށްފިނަމަ، މާރޗް 9 ގައި އިންތިޚާބު ބޭއްވިދާނެ ކަމަށެވެ. އަދި އެއީ ރަމަޟާން މަސް ފެށުމުގެ 2 ދުވަސް ކުރި ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ދެވަނަ ގޮތަކީ ދައުރު ހަމަވާން 120 ދުވަހަށް ވީމާ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް އިޢުލާނު ކުރަން ޖެހޭނެ ކަމަށް ޤާނޫނުގައި އޮތް އޮތުމަށް، ދައުރު ހަމަވާން 140 ދުވަހަށް ވީމާ އިޢުލާނު ކުރަންޖެހޭނެކަމަށް ބުނެ ބަދަލު ގެނައުމަށް ހަބީބު ވިދާޅުވިއެވެ. އޭރުން އަވަހަށް އިޢުލާނުކޮށް، ރޯދަމަހުގެ ކުރިން އިންތިޚާބު ބޭއްވިދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.