English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް އެންމެ ފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓަރ ސިޓީ ލީގު ތާވަލުގެ އެއް ވަނައަށް ޖެހިލި އިރު ފުލަމް މުބާރާތުން ރެލިގޭޓް ވެއްޖެެއެވެ.

ލީގުގައި މިދެޓީމް އިއްޔެ ހަވީރު ކުޅުނު މިމެޗް މެންޗެސްޓަރ ސިޓީއިން ކާމިޔާބުކޮށްފައިވަނީ 2-0 ލަނޑުންން މޮޅުވެފައިވާއިރު މިރޭގެ މެޗަކީ ލީގުގައި އެޓީމު ޖެހިޖެހިގެން ބަލިވި އަށް ވަނަ މެޗެވެ.

ލީގުގައި އިއްޔެ ހޯދި މިމޮޅާއި އެކު ސިޓީ ކުޅުނު 31 މެޗުން 77 ޕޮއިންޓާއެކު ލީގުގެ އެއްވަނާގައި އޮތްއިރު ދެ ވަނައިގައި އޮތް ލިވަޕޫލްއަށް 76 ޕޮއިންޓް ލިބިފައިވާއިރު ލީގު ހޯދަން ކުރާ މަސައްކަތުގައި މާދަމާރޭ ޓޮޓެންހަމް ހޮޓްސްޕާސް ބަލިކުރަން ލިވަޕޫލަށް ވަނީ މަޖުބޫރުވެފައެވެ.

މެޗު ފަށައިގެން ފުރަތަމަ ފަނަރަ މިނެޓުތެރޭ ސިޓީން ވަނީ 10 ހަމަލާ ފުލަމްގެ ގޯލަށް ފޮނުވާލައިފައެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. އަގުއޭރޯ ދިން ޕާހަކުން ބެނާޑޯ ސިލްވާ މި ބޯޅަ ގޯލަށް ވައްދާލި ތިރިތިރިން ގޯލުގެ ކަނަށެވެ. މެޗުގެ 27 ވަނަ މިނެޓުގައި ސިޓީގެ ދެ ވަނަ ގޯލު ޖެހީ ސާޖިއޯ އަގުއޭރޯ އެވެ. މިއީ ބެނާޑޯ ސިލްވާ ދިން ބޯޅައަކުން އަގުއޭރޯ ޖެހި ގޯލެކެވެ.

މެޗުގެ ދެ ވަނަ ހާފުގައިވެސް ސިޓީއަށް ވަނީ ގޯލު ޖަހާނެ އިތުރުު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. މިރޭގެ މެޗުން ބަލިވުމުން މި ސީޒަނުގައި ރެލިގޭޓް ވުމުގެ ބިރު ފުލަމް އަށް ވަނީ ބޮޑުވެފައެވެ. ލީގުގެ 19 ވަނައިގައި އެޓީމު އޮތީ ކުޅުނު 32 މެޗުން 17 ޕޮއިންޓް ލިބިގެންނެވެ.މި ސީޒަނުގެ ލީގުގައި އެޓީމު ކޮޅަށް ވަނީ 72 ގޯލު ވަދެފައެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި 32 މެެޗުން ޓީމެއް ކޮޅަށް އެންމެ ގިނަ ގޯލު ވަތް ފަހަރެވެ.