އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ރަށުން ބޭރުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން ކާމިޔާބުކޮށް އާސެނަލުން މޮޅަކާއެކު މި ފަހަރުގެ މުބާރާތް ފަށައިފިއެވެ.
މިއީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި 5-1 އިން ފުލަމް ބަލިކުރިފަހުން ރަށުން ބޭރުގައި ކުޅުނު މެޗަކުން އާސެނަލް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗެވެ.
މިއީ މިކޭލް އާޓޭޓާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އާސެނަލުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ހަތަރު ވަނަ މެޗެވެ. މީގެތެރޭގައި މިދިޔަ ސީޒަނުގެ އެފްއޭކަޕްގެ ސެމީ ފައިނަލްގައި މެންޗެސްޓާ ސިޓީ އާއި ފައިނަލްގައި ޗެލްސީގެ މައްޗަށް ހޯދި ކާމިޔާބީގެ އިތުރުން ލީގުގައި ލިވަޕޫލް ބަލިކުރި މެޗު ހިމެނެއެވެ. މީގެއިތުރުން، މި ފަހަރުގެ ސީޒަން ފެށުމުގެ ގޮތުން ކުޅެވުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިވަޕޫލްގެ މައްޗަށް އެ ޓީމު ކުރިހޯދީ ޕެނަލްޓީ ޝޫޓްއައުޓްގައި 4-5 އިންނެވެ.
ފުލަމްގެ ކްރެވަން ކޮޓެޖުގައި މިއަދު ހަވީރު ކުޅުނު މެޗަށް އާސެނަލް ނިކުތްއިރު އެ ޓީމުގެ ޑިފެންސްލައިންގައި ހިމެނޭ ފަސް ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ނުކުޅެވުނު ނަމަވެސް، މި ފަހަރުގެ ސީޒަނަށް ލިއްލޭ އިން ގެނައި ބްރެޒިލްގެ ޑިފެންޑަރު ގެބްރިއެލް މެގާޅެސް އާއި ޗެލްސީން ބަދަލުވި ވިލިއަން ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.
މި މެޗަށް ފުލަމް ނިކުތްއިރު އަނިޔާގެ ސަބަބުން ސާބިއާގެ ފޯވާޑް އަލެކްސެންޑާ މިޓްރޮވިޗް ފެށީ ބެންޗުންނެވެ. އޭނާގެ ބަދަލުގައި އެ ޓީމުގެ ފޯވާޑްލައިން ބެލެހެއްޓީ އަބޫބަކަރް ކަމަރާ އެވެ. މީގެއިތުރުން، ދާދިފަހުން ޕީއެސްޖީން ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ގެނައި ފްރާންސްގެ ގޯލްކީޕަރު އަލްފޮންސޯ އަރެއޯލާ ވެސް އިނީ ބެންޗުގައެވެ.
އާސެނަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗު ފެށިގެން 8 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ އަލެކްސެންޑަ ލަކަޒޭ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ވިންގާ ވިލިއަން ފޮނުވާލި ހަމަލާއެއް ފުލަމްގެ ގޯލްކީޕަރު މަރެކް ރޮޑަކް މަތަކުރުމުން، އެ ބޯޅަ ދެވަނަ ފަހަރަށް ލަކަޒޭ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު ލަކަޒޭ ވަނީ ލީގުގެ ފުރަތަމަ މެޗުގައި ދެ ސީޒަނެއްގެ މަތީން ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
ފުރަތަމަ ހާފު ނިމެން ދަނިކޮށް، އާސެނަލްގެ ލީޑް ފުޅާކުރުމަށް ވިލިއަން އަށް ލިބުނު ފުރުޞަތުގައި ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އޭގެކުރީން، ފުރަތަމަ ހާފުގެ ކުރީކޮޅު ފުލަމް އަށް ލީޑްނަގަން ލިބުނު ފުރުޞަތުގައި ކަމަރާ ފޮނުވާލި ހަމަލާ އާސެނަލްގެ ގޯލްކީޕަރު ބާންޑް ލެނޯ މަތަކުރިއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަރަކަށް މިނެޓުގެ ތެރޭގައި ވިލިއަން ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން އާސެނަލްގެ ދެވަނަ ލަނޑުޖަހައިދިނީ ގެބްރިއެލް އެވެ. އޭގެ 8 މިނެޓުފަހުން، ވިލިއަން ދިން ރީތި ބޯޅައަކުން އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޯބަމަޔަން ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.
ލީގުގައި އާސެނަލް ދެން ކުޅޭ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ނިކުންނައިރު، ހަމަ އެ ދުވަހު ފުލަމް ނިކުންނާނީ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.