English Edition
Dhivehi Edition

އައްޑޫ ސިޓީގެ ފޭދޫ ގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން މިހާރު ދަތުގެ ފަރުވާވެސް ދޭން ފަށައިފި ކަމަށް އެ ކްލިނިކުން ބުނެފިއެވެ.

އެއިމްސް ކްލިނިކުން ތަފާތު ގިނަ ސިއްޙީ ޚިދުމަތްތަކެއް ފޭދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ފަހިކޮށްދެއްވަވަމުން އަންނައިރު މިއީ އެކްލިނިކުގެ ޚިދުމަތްތަކުގެ ތެރެއަށް މަހާލެވުނު އާ ބޮޅެކެވެ. މިފަދަ ޚިދުމަތަކަށް ބޭނުންވެފައި ތިބި ފޭދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ އިތުރު ހިތްހަމަޖެހުމެކެވެ.

މިމަހުގެ 27 ވީ ބުދަ ދުވަހު އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެއިމްސްގައި ފެށި ޑެންޓަލް ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވެވީ ސިއްހީ ދާއިރާގައި މީގެ ކުރިން ފޭދޫއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަވާފައިވާ ކުރީގެ ހެލްތް ވޯކަރ ޝަކީބާއާއި އެއިމްސްގެ ޑެންޓިސްޓް ޑރ ލެޚާ އެވެ.

މި ޚިދުމަތް އެއިމްސްގައި ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު ޝަކީބާ ވިދާޅުވީ މިއީ ފޭދޫގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. “މި ޚިދުމަތް ހޯދުމަށް މިހާރުވެސް ފޭދޫ ރައްޔިތުން ރަށުން ބޭރަށް ގޮސް ގޮސް ތިއްބާ ރަށުން މިފަދަ ޚިދުމަތްތައް ލިބޭނެ ގޮތް ވުމަކީ ވަރަށް ބޮޑަށް އުފާވާ ކަމެއް. ފޭދޫގެ ރައްޔިތުންގެ އެދުމަކީ މި ޚިދުމަތް މެދު ނުކެނޑި އެއްދުވަހުން އަނެއް ދުވަހަށް ޚިދުމަތުގެ ފެންވަރު މަތިވަމުން ދިޔުން. ދަތުގެ ޚިދުމަތަކަށް ވިޔަސް އަދި ގައިނީ ޚިދުމަތަކަށް ވިޔަސް ޚިދުމަތް ހޯދުމަށް އައްޑޫގެ ރަށް ރަށަށް ގިނައިން މިދަނީ ފޭދޫ މީހުން . އެހެން ވީމާ މިއީ ފޭދޫ ރައްޔިތުންނަށް ލިބިގެން ދިޔަ ބޮޑު ލުއި ފަސޭހައެއް” ޝަކީބާ ވިދާޅުވިއެވެ.

އެއިމްސް ގައި ފެށި ޑެންޓަލް ޚިދުމަތާއެކު ރޫޓް ކެނަލް ފަރުވާ އާއި ދަތްތައް އެއްވަރުކުރުމާއި ޕޮލިޝް ކުރުމާއި ދަތް އުފުރުން، ދަތް ސާފުކުރުން، ދަތްތަކަށް ސްޕްލިންޓް ލެއްވުމާއި ކުޑަކުދިންގެ ދަތުގެ ފަރުވާއާއި ދަތުގައި ފުޓުނި އެޅުމުގެ އިތުރުން ދަތުގެ އެކްސްރޭ ނެގުން ހިމެނެއެވެ.

އެއިމްސް އިން ދަތުގެ ފަރުވާ ދޭން އަލަށް ފަށާފައިވާއިރު ދާދި ފަހުން ވަނީ އެ ކްލިނިކުގައި ރޭޑިއޯލޮޖީ ޑިޕާރޓްމަންޓެއް ހުޅުވައި އެތަނުގެ ޚިދުމަތް ވެސް ދޭންފަށާފައެވެ.

އައްޑޫސިޓީގެ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަށް އެންމެ އެދެވޭ ރަނގަޅު ގޮތުގައި ފޯރުކޮށް ދިނުމަށް އެއިމްސް ހެލްތް ކެއާރ ސެންޓަރުން އައްޑޫ ސިޓީގެ ފޭދޫގައި ހުޅުވައިގެން ކުރިއަށް ގެންދާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ހެޕީމާކެޓް މުޙައްމަދު ނަޢީމުގެ ބޮޑު ހިއްސާއެއް އޮންނަ ތަނެކެވެ.