English Edition
Dhivehi Edition

އަހަރު ފަސް ފާތިޙާ އާއި ރޯދަ ބަޑުގެ ދުވަސް

މިކަމަކީ، މިހާރު ހުއްޓިފައި އޮތަކަސް އިހު ގަމު މީހުން ވަރަށް ވަރުގަދައަށް ކުރަމުން އައިސްފައި އޮތް އާދައިގެ ކަމެކެވެ. އެހެންކަމުން އަޅުގަނޑު މި ލިޔުނު އައްޑޫ ގަމުގެ ވާހަކަ ނިންމާލުމަށް ގަސްދު ކުރަނީ މި ފަސް ފާތިހާ އާއި ރޯދަބަޑުގެ ދުވަސްތަކާއި އެކަންކުރި ގޮތުގެ ތަފްޞީލް ދަންނަވާލަމުންނެވެ.

އާދެ! އެދުވަސްތަކަކީ

1-މުޙައްރަމް މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހުގެ ރޭ

2- ޖުމާދުލް އާޚިރު މަހުގެ 28 ދުވަހާއި 29 ދުވަހުގެ ރޭ

3- ޝައުބާން މހުގެ 12 ވަނަ ދުވަހާއި 14 ދުވަހުގެރޭ

4-ޝައުބާން މަހުގެ 28 ދުވަހުގެ ރޭ

5- ޛުލްޙައްޖާ މަހުގެ 8 ދުވަހާއި 9 ދުވަހުގެރޭ މިއެވެ.

މި ފަސް ފާތިޙާއަކީ ކޮންމެ މީހަކުވެސް އަހަރަކު އެއްފަހަރު ކިޔުއްވަމުން އަންނަ އެމީހެއްގެ މައިންބަފައިންގެ ފާތިޙާގެ އިތުރުން އޮންނަ ފަސް ފާތިޙާއެވެ.

މީގެ ކޮންމެ 2 ރެއަކުންވެސް ކުރީގެ ރެއަކީ އަހަރު ފާތިޙާގެ ރެއެވެ. އެއީ މައިންބަފައިންނަށް ވުރެ ދުރުމީހުންގެ ފާތިޙާއެވެ. ޔަޢުނީ މުނިކާފައިންނާއި އަދި އެނޫނަސް ގާތްތިމާގެ މީހުންގެ ފާތިޙާއެވެ. މި ފާތިޙާއަށް ލަޑި ފާތިޙާ އޭވެސް ކިޔައެވެ. އެހެނީ މި ފާތިޙާ އަށް ކައްކަނީ ޚުދު ލަޑި ކަމަށް ވާތީއެވެ.

ލަޑި ކައްކަނީ ފަލަމަޑި ގޮވާމުގެ ތެރެއިން ހަމައެކަނި ކައްޓަލައިންނެވެ. ވީމާ ދެންވީ ލަޑި ކެއްކިގޮތް ދަންނަވާށެވެ. އެހެންނަމަވެސް އެ ކެއްކުމުގެ ކުރީގައި އެދުވަސްވަރު އަލަ، ކައްޓަލަ ކިރާ އުޅުނު ގޮތުގެ ތަފްޞީލު ދަންނަވާލާނަމެވެ. އާދޭހެވެ. އަލަ، ކައްޓަލަ ކިރަން އެދުވަސްވަރު ގެންގުޅުނީ ތުޅު ދަނޑިއެވެ. ތުޅުދަނޑީއަކީ 4 ފޫޓު ހައި ދިގު ފަލިތަންޑެއްގެ ފަލަމިނުގައި މަށާ އޮމާންކޮށްފައި އޮންނަ ނިރޮޅު ދަނޑިބުރިއެކެވެ. އެދަނޑިބުރި އޮންނާނީ ރާތާ ބަރީން ވަޒަންކޮށް އެއްކޮޅުގައި ލޯވަޅުތައް ތޮރުފައި ފޫޓެއްހައިވަރުގެ ރޯނު ނުވަތަ ނަނުފަށް ލައްވާފައެވެ. ކިރަންވީމާ ތުޅުދަނޑީގެ އެންމެކުރީފަށް އެ ކިރަން އުޅޭ ކައްޓަލަ ނުވަތަ އަލަމުޑޯށީގައި އަޅުވައި ކިރަން އުޅޭ އަދަދެއްގެ ފަށުގައި ހިފާ ހަލައިގެން ދަނޑީގެ ދެކޮޅު ހަމަހަމަވީމާ އެ ކިރުނީއެވެ. އެންމެ ކުރީ ހިފަން ހުންނަނީ ތުޅެއްގެ ފަށެވެ. އެއީ 25 ރާތާއެވެ. ދެވަނައީ ފަލެއްގެ ފަށެވެ. އެއީ 16 ރާތާއެވެ. ތިންވަނައަށް ހުންނަނީ ހަހެޔެއިގެ ފަށެވެ. އެއީ 12 ރާތާއެވެ. 4 ވަނަ އީ ރިޔެއްގެ ފަށެވެ. އެއީ 8 ރާތާއެވެ. ފަސްވަނައަށް ހުންނަނީ 3 ހެޔެއިގެ ފަށެވެ. އެއީ 6 ރާތާއެވެ. ހަވަނައީ ރެހެޔެއިގެ ފަށެވެ. އެއީ 4 ރާތާއެވެ. ހަތްވަނައަށް ހުންނަނީ 12 ގަލުގެ ފަށެވެ. އެއީ ހަމަ 12 ގާއެވެ. ނާ: އެއީ 3 ރާތާއެވެ. އަށްވަނައަށް ހުންނަނީ އެންމެ ފަހު ފަށެވެ. އެއީ ހެޔެއްގެ ފަށެވެ. ހެޔަކީ 2 ރާތާއެވެ.

މިއީ އެދުވަސްވަރު އަލަ، ކައްޓަލަ، ހިއްކިބަނބުކެޔޮ،ކިރާ އުޅުނު ގޮތެވެ. ދެން މިދަނަނަވަނީ ލަޑި ކެއްކިގޮތެވެ.

އާދެ. ކައްޓިލަ ރިޔަކުން ލަޑިކެއްކުމަށް ބޭނުންތަކެތި:

  • ކައްޓިލަ ރިޔައެއް
  • ހަކުރު އަޑުބައެއް
  • ޅަވަރުގެ 4 ގަބުޅީގެ ހުނި
  • ހަނޑޫލާއްސެއްގެ ހަނޑޫފުށް
  • ކުލަޖެހޭވަރުގެ ރީނދޫކޮޅެއް ފުނޑާފައި

ކެއްކުން: އެންމެފުރަތަ ކައްޓަލަ ރަނގަޅަށް މަށާ ދޮވެގެން ތުނިކޮށް ވަށް ފޮއްޗަކަށް ކޮށާނީއެވެ. ކޮށުމަށްފަހު ތާހަކަށް އަޅައި އެ މަޑުވާ ވަރަށް ފެންއަޅައި އުނދުން މައްޗަށް އުދައިގެން އަލިފާންލައި މަޑުކުރާނީއެވެ. ރަނގަޅަށް މަޑުވީމާ ބާލައިގެން، ހުރި ފެންފޮދު އުކާ ހުސްކޮށްފައި ކައްކަން ގެންގުޅޭ ދޭފަތާއި އެއްބަދާ އުނދުޅީގެ އުނދުޅިއަކުން ތަޅާ ޗިސްކުރަނީއެވެ. ރަނގަޅަށް ޗިސްވެ ފުއްގަނޑެއްހެން ވީމާ އެއްކަލަ ހަނޑޫލާހީގެ ފުށާއި ހަކުރު އަޑުބަޔާއި ގާނާފައި ހުރި ހުންޏާއި ތާހުގެ ތެރެއަށް އަޅައި ދިޔަހެޔޮވާވަރަށް ފެންވެސް އަޅައި ހަލާރަނގަޅަށް އެއްކުރަނީއެވެ. އެއްވީމާ ކާރީގައި ފުނޑާފައި އޮތް ރީނދޫކޮޅު ނަގައިގެން ފެންކޮޅެއްގެ ތެރެއަށް ގިރުވައި ތާހުގެ ތެރެއަށް އަޅައި އަނެއްކާވެސް ހަލުވާލާފައި އުނދުން މައްޗަށް އުދައިގެން އަލިފާން ލަނީއެވެ. ގިނަ އިރެއް ނުވަނީސް ކެކިދެއެވެ. ދެން ބާލައިގެން ވަރުވަރުގެ ތަށިތައްޓަށް އަޅައި ގެޔަށް ވައްދަނީއެވެ. މި ލަޑީއަކީ ދިވެހި ހަކުރުގައި ކައްކާ ކާއެއްޗެހީގެ ތެރެއިން މީރު ކާނާއެކެވެ. މި ލަޑިއާއެކު ކާން ހުންނަނީ ހަނާކުރި މަހެވެ. އެރޭ ފާތިޙާ ކިޔަވާ ބެއިކަލުން ގެ ކެއުމަކީ މި ލަޑިއެވެ. އެހެންވެ މި ފާތިހާއަށް ލަޑި ފާތިޙާއޭ ކިޔުނީއެވެ.

ދެން އޮތީ ރޯދަ ބަޑެވެ. ރޯދަ ބަޑޭ ކިޔަނީ އެ ދެރެއިން ފަހު ރޭގެ ފާތިހާއަށެވެ. އެރޭ ކިޔެވުން އޮންނަނީ މަރުވެފައިވާ މައިންބަފައިންނަށް ފާތިޙާއެވެ. އެރޭގެ ކެއުމަކީ ރޫސިޔާ ބަތާއި ވެލިހަކުރާއި ދޮންކޭލާއި ހަނާކުރި ނުވަތަ ހެދިމަހާއެވެ. ހެދިމަހޭ މިތާ މީހުން ކިޔަނީ މާލޭ މީހުން ކަނޑުކުކުޅޭ ކިޔާ މަހަށެވެ.ކުރީގައި މި ފާތިޙާ ކިޔެވުން އޮތީ މިސްކިތް މިސްކިތް ދޮށުގައި މައުރިބް ނަމާދުން ފައިބައިގެންނެވެ.

ކާއެއްޗެތިތައް ތައްޓަށް އަޅާ މަލާފަތުގައާއި ދޮލަނޑުގައި ހުދު ފޮތީން ބަނދެގެން މިސްކިތް ދޮށަށް ގެންދަނީއެވެ. ފަހުން ފަހުން މިސްކިތް ދޮށަށް ގެންދިއުން ހުއްޓި ގޭގޭގައެވެ. މިހާރަކަށް އައިސް ވަނީ މުޅިން ހެން ހުއްޓިފައެވެ.

ކޮންމެ އަކަސް މިކަމަކީ އެމީހުންގެ ހިތްތަކުގައި އެމީހުންގެ މަރުވެގެން ވަޅުލެވިފައިވާ މައިންބަފައިންނާއި މުނިކާފައިންގެ މައްވަށް އުފެދިފައިވާ ހަމްދަރުދީއާއި ތެދުވެރި ލޯބީގެ ބޮޑުކަމުން އެމީހުންނަށް ސަވާބާއި ރަޙުމަތް ލެއްވުން އެދި އަދައިގެން ކުރަމުން އައި ކަމެކެވެ. ހަމަކަށަވަރުން ވެސް މަތިވެރި މާތް ރަސްކަލާނގެއީ އެކަލާނގެ އަޅަކު ކޮށްފި ޒައްރެއްގެ ބުރަދަނުގެ ކަމެއްވެސް ގެއްލި ނުކުރައްވާ ރަސްކަލާނގެއެވެ. މިހާތަނަށް އަޅުގަނޑު މި ލިޔުނު “އައްޑޫގަމުގެ” ހަނދާންތަކުގެ ވާހަކަ ލިޔެ ނިމުނީއެވެ. ޝުކުރު ހުރީ މަތިވެރި މާތް ﷲ ގެ ޙަޟްރަތް ފުޅަށެވެ. އާމީން

ނޯޓް: މިއީ ސ.ފޭދޫ ޕެންޒީމާގޭ އަލްމަރުޙޫމް އަޙްމަދު ޙަސަން މަނިކުފާނު 1978ގައި އައްޑޫގައި ނެރުނު “މިލާބު” މަޖައްލާއަށް “އައްޑޫގަން” މި ނަމުގައި ލިޔުއްވާފައިވާ އައްޑޫގެ ތާރީޚާ ގުޅޭ މުހިއްމު ވާހަކަތަކެއް ހިމެނޭ ލިޔުމެކެވެ.

1 ކޮމެންޓް
ނާއީ
ފެބުރުއަރީ 13, 2018
ސ.ފޭދޫ ޕެންޒީމާގޭ އަލްމަރުޙޫމް އަޙްމަދު ޙަސަން މަނިކުފާނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި!. ދޫކުރައްވަވާފައި މިއޮތީ އައްޑޫގެ ތާރީޚަށް ނުހަނު ބޭނުންތެރި މައުލޫމާތު ތަކެއް