English Edition
Dhivehi Edition

ކޮންމެ އިންތިޚާބާ ދިމާކޮށް އިސްލާމްދީނުގެ ޓެގް އަޅުވައި ވާދަވެރިން އެ ހިންގަނީ ވަރަށް ފިނޑި އަމަލެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގދ. ވާދޫގައި ބޭއްވި ކެންޕެއިން ހަފްލާއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އަމާޒުކޮށް އެމްޑީޕީން އެކަލަވާލި އެޖެންޑާ19 ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގައި ފައްޅި އަޅާނެކަމަށް ދައްކާ ވާހަކަ ތަކަކީ ގޮދު ބުހުތާން ވާހަކަތަކެއް ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި އިސްލާދީނަށް ދިން އަހައްމިއްޔަތުކަން އެހެން ވެރިކަމެއްގައި ނުދެވޭ ކަމަށެވެ.

“އެމްޑީޕީގެ ސަރުކާރުގައި 3 އަހަރު ތެރޭގައި 47 މިސްކިތް ބިނާ ކުރި . ރައީސް މައުމޫންގެ ދިގު 30 އަހަރު ވެސް މިއަދަދަށް މިސްކިތް ބިނާ ކުރެވިފައި ނުވޭ. ދީނީ އިލްމުވެރިންގެ އަނގަ ބަންދުކޮށްފައި ވަނިކޮށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދައާއެކު އެބޭފުޅުން ވެސް މިނިވަން ކުރީ އެމްޑީޕީން” ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދިވެހިންގެ ހިތްތަތަކުގައި އެންމެ މަތިވެރި މަގާމެއް ދެވިފައި އޮންނަނީ މާތްވެގެންވާ އިސްލާމްދީނަށް ކަމަށާއި، ސިޔާސީ ވާދަވެރިން މަސައްކަތް ކުރަނީ ދީނޭ ކިޔައިގެން ނަފްރަތު އުފެއްދުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

“އެމީހުންގެ މަގުސަދަކީ ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ރައްޔިތުންގެ ހިތުގައި އެމްޑީޕީއަށް ނަފްރަތު އުފެއްދުން” ކަމަށް މި ޖަލްސާގައި ވާޙަކަ ދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ އަގީދާއަށް ގުޑުމެއް އަންނާނެ ފަދަ އެއްވެސް ކަމެއް އެމްޑިޕީން ނުކުރާނެ ކަމަށާއި، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީނެއް ނޯންނާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.