English Edition
Dhivehi Edition

މާލޭގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ މުއައްޒަފުންނަށް ވެސް ވިހެއުމުންދޭ ޗުއްޓީ އިތުރުކަން މިއަދު ނިންމައިފި އެވެ.

އެގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަން އިއުލާންކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި (އެމްޑީ) އާދަމް އާޒިމެވެ.

އާޒިމް ވިދާޅުވީ ސަރުކާރަށް 100 ދުވަސްތެރޭގައި ކުރުމަށް ނިންމާފައިވާ ވިހެއުމުން އަންހެނުންނަށާއި ފިރިހެނުންނަށް ލިބިގެންދާ ޗުއްޓީ އިތުރުކުރުމަކީ އުފަލާއެކު އެ ކުންފުނިން ބަލައިގަންނަ ކަމަށެވެ.”މާބަނޑު އަދި ޅަދަރިމައި މުވައްޒަފުންނަށް ލުއިފަސޭހަ ގޮތް ހޯދައިދޭ ޕޮލިސީއަށް މެޓާނިޓީ ލީވް ދުވަސްތަކަށް އައި ހެޔޮ ބަދަލާއެކު ޕޮލިސީ އިތުރަށް ފުރިހަމަވެގެންދާނެ. މި ކުންފުންޏަކީ މީގެ ކުރިންވެސް އެފަދަ ފަރާތްތަކަށް ގިނަ ގުނަ ލުއި ފަސޭހަތަށް ފޯރުކޮށްދީފައިވާ ކުންފުންޏެއް،” އާޒިމް ވިދާޅުވި އެވެ.

ވިހެއުމުން ދޭ މޭޓާނިޓީ ލީވް ހަ މަސް ދުވަހަށް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިދިޔަ މަހު އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ ވިހެއުމުން ކުއްޖާގެ މަންމަ އަށް ދޭ ޗުއްޓީ ހަ މަހަށް އަދި ބައްޕަ އަށް އެއް މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އިއުލާން ކުރައްވާފަ އެވެ.