English Edition
Dhivehi Edition

“އާރޯ” ގެ ނަމުގައި ބިއްލޫރި ފުޅީގައި ފެން ބަންދުކޮށްގެން އެމްޑަބްލިއުއެސްސީން ބާޒާރަށް ނެރެން ފަށައިފިއެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އާރޯ ބްރޭންޑު ތައާރަފުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާއެވެ.

ރާއްޖޭގެ ފުރަތަމަ ޕްރީމިއަމް ފެނުގެ ގޮތުގައި “އާރޯ” ފެން ތައާރަފް ކޮށްފައިވާއިރު އެމްޑަބްލިއުއެސްސީން ވިދާޅުވީ، އާރޯ ބްރޭންޑުގެ ފެން ފުޅި ބާޒާރަށް ނެރުނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް ތަރުހީބު ދިނުމަށްކަމަށެވެ.

“އާރޯ”ގެ މާނައަކީ ތާޒާކަން ނުވަތަ އާރޯކަމެވެ. އާރޯ ފެން ފުޅިތައް ނެރޭނީ ސީރީޒްތަކެއްގެ ގޮތުގައިކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެގޮތުން ކޮންމެ ސީރީޒްއެއްގެ ލޭބަލްއިން ރާއްޖެ ތަމްސީލްކޮށްދޭނެއެވެ. އެހެންކަމުން މި ބްރޭންޑަށް ކިޔަނީ “މޯލްޑިވްސް އިން އަ ބޮޓަލް” އެވެ. ފުރަތަމަ ސީރީޒް ރަމްޒުކޮށްދެނީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ.

އެމްޑަބްލިއުއެސްސީން ވިދާޅުވީ، އެހެން ފެންފުޅިތަކާއި މި ފެންފުޅި ތަފާތުވާ 3 ކަމެއްވާކަމަށެވެ. އެއީ ރާއްޖެ ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރަށް ދިއުމަށް ފަށާފައިވާ މަސައްކަތައް އެހީތެރިވެދިނުމަށް މި ފެން ފުޅި ބިއްލޫރި ފުޅީގައި ނެރުމާއި، އަދި ރާއްޖެ ތައާރަފްކޮށްދޭ ބްރޭންޑަކަށް މި ފެންފުޅި ވެގެންދިއުމުގެ އިތުރުން ފުޅީގެ ލޭބަލް ޑިޒައިންކޮށްފައިވަނީ ދިވެހި ފަންނުވެރިންކަމަށްވުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްސިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ، މި ފެނަކީ ދިވެހިންނާއި އަދި ފަތުރުވެރިންނަށްވެސް ކަމުދާނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ފެނެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ ރީތިކަން ފަތުރުވެރިންނަށް އިޝްތިހާރުކުރުމަށާއި، ދިވެހިންނަށް ލިބިފައިވާ ގުދުރަތީ ވެށި ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ބެލެހެއްޓުމަށް ހޭލުންތެރިކަން އުފެއްދުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ޝާހު ވިދާޅުވިއެވެ. އަދި މި ބްރޭންޑްގެ އިތުރު އުފެއްދުންތައްވެސް ނެރޭނެކަމަށާއި، ބޭރުގެ އެހެން ކުންފުނިތަކާއިވެސް ވާދަކުރެވޭނެ ބްރޭންޑަކަށް އާރޯ ވެގެންދާނެކަމަށް ޝާހު ވިދާޅުވިއެވެ.