English Edition
Dhivehi Edition

ސާފު ބޯފެނާއި ނަރުދަމާގެ މަޝްރޫއަކީ ހުޅުމީދޫގެ ރައްޔިތުން އެކަމެއްގެ އިންތިޒާރުގައި ތިބި އަސާސީ ޚިދުމަތެކެވެ. ބޯފެނުގެ މަޝްރޫއު އިފްތިތާޙް ކުރިތާ މާގިނަ ދުވަސްތަކެއް ނުވެ ގޭގެއަށް ފެން ފޯރުކޮށްދެވި އެ ޚިދުމަތް ލިބެން ފެށުމުން ގިނަ ބަޔަކު ތިބީ ހިތްހަމަޖެހިފައެވެ. އެންމެ ފުރިހަމަ ގޮތުގައި އަދި ޚިދުމަތް ދެވެން ފަށާފައި ނުވިނަމަވެސް އެކަމުގެ ކޮޅުމަތި ފެނި ޚިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ލިބުނީމައެވެ.

މިހާރު މިއޮތީ ނަރުދަމާގެ މަޝްރޫއު ވެސް އިފްތިތާޙުކޮށްފައެވެ. މިއަދު އިފްތިތާޙް ވެގެން ދިޔަ މި މަޝްރޫއާއެކު ހަލުވި މިނެއްގައި ޚިދުމަތް ލިބޭނެ ކަމުގެ އުއްމީދުގައި ތިބި ރައްޔިތުން ގިނައެވެ. އޯޕެކް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތް ހުޅުމީދޫގައި ކުރަނީ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓެ ލިމިޓެޑުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް 2018 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ނިންމަންޖެހެއެވެ.

މިއަދު ހަވީރު މީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި 126 މިލިއަން ރުފިޔާގެ މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ ތޯރިގް އިބްރާހީމެވެ. މިކަމުގެ އުފަލުގައި ހުޅުމީދޫގެ ގިނަ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ހުޅުމީދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތާާއެކުއެކީގައި ހެން ކުރިއަށް ގެންދާނެ މަސައްކަތަކީ ރަށުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެއީ މީދޫ ހުރަސް މަގާއި ހުޅުމީދޫ ބޮޑުމަގެވެ. މީގެ އިތުރުން ދެރަށުގެ މަގުތަކުގައި އާ އެޅުމުގެ މަސައްކަތް ވެސް ހަލުވި މިނެއްގައި ކުރިއަށް ދާތަން ފެނެއެވެ.

އައްޑޫ ސިޓީގެ ތިން ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރެއްވުމަށް ދެ ކުންފުންޏަކާ ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވީ ކައުންސިލުން އެއްބާރުލުންދޭނަމަ އައްޑޫސިޓީގައި ސްޕޯޓްސް އެރީނާގެ މަޝްރޫއުގެ ދަށުން ގާއިމްކުރައްވާ ގިނަ ކޯޓްތަކާއި ދަނޑުތައް ނިންމާ ލެވުނީސްކަމަށެވެ. އަދި ސަރުކާރުން ޒުވާނުންނަށް މިފަދަ ފުރުސަތުތަކެއް ހޯއްދަވައިދެއްވުމަށް ބުރަކޮށް މަސައްކަތްކުރައްވާއިރު ކައުންސިލްތަކުންވެސް އެއްބާރުންލުން ދެއްވަންޖެހޭނެކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ނަރުދަމާގެ މަޝްރޫއު އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހުޅުމީދޫގެ ރައްޔިތުންނާއި މުހާތަބު ކުރައްވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ އައްޑޫ ސިޓީގައި އަދި ވަކިން ހާއްސަކޮށް ހުޅޫދޫގައި މި ފަދަ ބޮޑު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ހުޅުދޫ ދާއިރާގެ އެމްޕީ މުހައްމަދު ޝާހިދުގެ ބުރަމަސައްކަތުން ކަމަށެވެ.

” މި ސަރުކާރަކީ ވާހަކަ ދައްކާ ސަރުކާރެއް ނޫން. އަމަލުން ދައްކަމުން ދާ ސަރުކާރެއް .ތަރައްގީ ޔަގީން ކޮއްދެއްވާ ސަރުކާރެއް” މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ކޮށްދެއްވާ ކަންތައްތަކަށް ޝުކުރުވެރިވާ ކަމަށާއި 2018 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ހޮވިއްޖެނަމަ ރާއްޖެ ނުދެކޭ ފަދަ ތަރައްގީއެއް ފެނިގެން ދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބޮޑެތި މަޝްރޫއުތައް ހުޅުމީދޫގައި ފެށިފައިވާއިރު މިކަންތައްތަކަށް އަމަލީ ސިފައައިސް މަޝްރޫއުތައް އަވަހަށް ނިމޭނެ ދުވަހަކަށް ރައްޔިތުން އިންތިޒާރުކުރެއެވެ.