English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްވަރެއް ކަމުން ހޫނުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްޚީ މައްސަލަތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ހޫނުގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި އެކި އެކި ހަރާކާތްތައް ބޭރުގައި ނުވަތަ އަވީގައި އިންތިޒާމް ކުރުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ފިނިގަޑިތަކުގައި އެފަދަ އިންތިޒާމް ތައް ކުރުމަށް ސަމާލުވުމަށާއި އެންމެ ހޫނުގަދަ ގަޑިތަކުގައި އަވީގައި އުޅޭމިންވަރު ވީހާވެސް މަދު ކުރުމަށާއި ހަށިގަނޑުން ފެންމަދު ވިޔަނުދިނުމަށް ކަރުނުހިއްކި ނަމަވެސް ވީހާވެސް ގިނައިން ފެނބުއިމަށް އަދި، ހަކުރާއި ކެފޭން ހުންނަ ބުއިންތައް ބޭނުން ކުރުމާއި ދުރުހެލިވުމަށްއެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ބޭރަށް ނިކުންނަނަމަ އަތްވާއި ހޫނުން ރައްކާތެރިވުން ވެސް ވަރަށް މުހިންމުކަމަށެވެ. އެގޮތުން ޔޫވީ ރޭޑިއޭޝަން ފިލްޓަރ ކޮށްދޭ އަވިއައިނެއް އެޅުމާއި ބޮޑަށް ހިޔާވާކަހަލަ ތޮތްޕެއްއެޅުމާއި، ކުލަމަޑު ހަށިގަނޑު ނިވާވާފަދަ ތޫނުހެދުން އެޅުމަށާއި، އަވިން ރައްކާތެރި ވުމަށް ކުޑަބޭނުން ކުރިމަށާއި، SFP 15 އަށް ވުރެމަތީގެ ސަންސްކްރީން ލޯޝަނެއް ބޭނުން ކުރުމުގެ އިތުރުން ބޭރުގައި ގިނަވަގުތު މަސައްކަތް ކުރާފަރާތްތަކުން ހަށިގަނޑުން ފެންމަދު ވިޔަނުދީ ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާކަމަށެވެ.

ހޫނުގަދަވުމުގެ ސަބަބުން ލިބިދާނެ ބައެއް ސިއްޚީ މައްސަލަތަކުގެ ތެރޭގައި ، ހޫނުގަދަވުމުގެ ސަބަބުން ހަށިގަނޑުން ފެންމަދުވެ ވަރުދެރަވުން، ބޮލުގައި ރިއްސާ ބޯއެނބުރުން، އަތްފައި ފިނިވުން، އަކުނިވަޔަށް ދެމުންފަދަ އަލާމާތް ފެނުން ހިމެނެއެވެ. އަދި ލޮލަށް ލިބޭ ގެއްލުން ތަކުގެ ތެރޭގައި ލޮލުގެ މަތީފަށަލަ ފިހުން، ލޮލުގެ އެތެރެފަށަލަ ހަލާކުވުން، ލޯފުސްވުން ހިމެނެއެވެ.

ހޫނު ގަދަވުމުގެ ސަބަބުން އެއްވެސް ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެނަމަ ވެސް ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

އެޗްޕީއޭއިން އެދެނީ މަތީގައި ބަޔާން ކުރެވުނު ހުރިހާ ކަންތައްތަކަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުކަންދެއްވާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ކަމަށް އެފަރާތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.