އައްޑޫސިޓީގެ ހުޅުދޫ އަކީ ނިސްބަތުން އާބާދީ ބޮޑު ރަށެއް ނަމަވެސް ރަށުގެ ގިނަ ބަޔަކު މާލޭގައި ދިރިއުޅޭ، މީހުން މަދު ރަށެކެވެ. އެރަށަށް ނިސްބަތްވާ މުއްސަނދި ވިޔަފާރިވެރިންނާއި އިލްމީ، ގާބިލް މީހުން ގިނަ ވިޔަސް ވެސް އެފަދަ ގިނަ ފަރާތްތަކުގެ އެހީތެރިކަން މަދުން ލިބޭ ތަނަކަށް ހުޅުދޫ ވެގެންދާނެއެވެ. އެކަމުގެ ހެއްކަކަށް ފަޅުވެ ވީރާނާ ވެ އަދި ވަމުންދާ “މުއްސަނދި” ބޭބޭފުޅުންގެ ގޯތި ގެދޮރު ފުދެއެވެ. އެރަށުގެ އާބާދީގެ ބޮޑު ބައެއް މާލޭގައި ދިރިއުޅެމުންދާއިރު ގިނަ ބަޔަކު ބުނެފައިވަނީ ހުޅުދޫގައި ދިރިއުޅެން ޖެހޭ ސަބަބެއް ފެންނަން ނެތް ކަމަށެވެ. އަސާސީ ޚިދުމަތް ފުރިހަމަ ގޮތުގައި ލިބެން ނެތް ތަނެއްގައި ދިރިއުޅުމަކީ ބޭކާރު ކަމެއް ކަމުގައެވެ.
ވޭތުވެދިޔަ 5 އަހަރު ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫގެ ގޮނޑިއަށް މުޙައްމަދު ޝާހިދު (ޝާޑު) ކުރިމަތި ލެއްވެވީ މި ހުރިހާ ހަގީގަތެއް ކުރިމަތީގައި އޮތްވައެވެ. ފަޅުވަމުން ވީރާނާވަމުން ދިޔަ ހުޅުދޫއަށް ދިރުން ގެނެސްދެއްވުމުގެ ވައުދާއި އުއްމީދާއެކުގައެވެ. އޭގެ ކުރީގެ ސަރުކާރު ތަކުގައި އިހުމާލުވެފައި އޮތް ހުޅުދޫ އަށް އަޅާލުމުގެ މަގްޞަދުގައެވެ.
ޝާޑުގެ 5 އަަހަރު ނިމިގެން ދާއިރު ހުޅުދޫން ފެންނަމުންދަނީ އުފާވެރިކަމެވެ. އިޖުތިމާއީ ގުޅުން ވަރުގަދަވެ ރަށަށް ދިރުން އަންނަން ފަށާފައިވާ މަންޒަރެވެ. ވަޒީފާތައް ގިނަވެ މާލޭގައި ދިރިއުޅުނު ބައެއް އާއިލާތައް ވެސް ރަށަށް ބަދަލުވަމުންދާ މަންޒަރެވެ. ގެސްޓްހައުސްތައް ހެދި އާ ވިޔަފާރިތައް ހުޅުވެމުންދާ ތަނެވެ. މީގެ ތެރެއިންވެސް އެންމެ ޚާއްޞަކޮށްލެވެނީ ރަށަށް އައިސްފައިވާ ފެހިކަމާއި ނަލަކަމެވެ. ހިތް އުފާކޮށްލަން ހަދާފައިވާ ފިނިމައިޒާން ތަކެވެ. އެ މައިޒާންތަކުން އުފާ ހޯދަމުންދާ ހުޅުދޫގެ އެކި އުމުރުގެ މީހުންގެ އުފާވެރިކަމެވެ.
“ޝާޑު ގެ ދައުރުގައި މިރަށަށް ދިރުން ގެނެސްދެއްވައިފި. ކުރީގައި މިރަށުގެ ވަށައިގެން އޮންނަނީ މުޅިން ކުނިގޮނޑު. މިހާރު އެ ހުރިހާ ތަނެއް ސާފުކޮށް މިއޮތީ ފިނިމައިޒާން ހެދިފައި. މިހާރު ހަވީރުގަޑީގައި ވެސް ގޮސް ތިބެ އެކުވެރިންނާއެކު އުފާކޮށްލާނެ ތަންތަން އެބަހުރި” ހުޅުދޫގެ އުމުރުން ދުވަސްވީ މީހަކު ކިޔައިދިނެވެ.
ޝާޑުގެ އަމިއްލަ އިސްނެންގެވުމާއެކު ރަށުގެ ޒުވާނުންނާ ގުޅިގެން އަމިއްލަ ޖީބުން ޚަރަދުކުރައްވަވައިގެން ހުޅުދޫގެ ތަފާތު ސަރަހައްދުތައް ސާފުކުރުވައި ހުޅުދޫގެ ވަށައިގެން ފިނިމައިޒާންތައް ވަނީ ހަދާފައެވެ. އެގޮތުން ފެންޕްލާންޓް ސަރައްދާއި ކަނޑޮފީށި ސަރަހައްދުގައި ހަދާފައިވާ ޕާކުތައް ފާހަގަކޮށްލެވެއެވެ.
“އަޅުގަނޑުމެން ކަނބަލުންގެ ޕާކަކީ ހުޅުދޫގެ ކަނބަލުންގެ އިސްނެގުމުގެ މަތިން އަމިއްލައަށް މަސައްކަތް ކޮށްގެން ހަދާފައިވާ ޕާކެއް. އެކަމަކު މި މަސައްކަތް ކުރުމުގައި އަޅުގަނޑުމެންނަށް މެމްބަރު ޝާޑު ދެއްވެވި ހިތްވަރާއި އެހީތެރިކަމަކީ ހަމަ އަބަދުވެސް ޝުކުރުވެރިވާ ކަމެއް. ރަށުގެ މިފަދަ ކޮންމެ ކަމެއްގައި އަބަދުވެސް ޝާޑުގެ އެހީތެރިކަން ލިބޭތީ ވަރަށް އުފާވޭ” ހުޅުދޫ ފެންޕްލާންޓް ސަރަހައްދުގައި ހަދާފައިވާ “ކަނބަލުންގެ ޕާކު” ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ކަނބަލަކު ކިޔައިދެއްވިއެވެ.
މީގެ ކުރިން ހުޅުދޫގެ ވަށައިގެން މޫދާވީ ސަރަހައްދުގައި އޮންނަ ފަންނު ތަކަކީ ކުނީގެ ހާލިތަކެކެވެ. ނަމަވެސް މިހާރު އެތަންތަން ފިނިމައިޒާންތަކަށް ބަދަލުވެގެން ދިޔައީ ހުޅުދޫ މެމްބަރު ޝާޑުގެ މަސައްކަތާއި ދެއްވެވި ހިތްވަރުންކަން ހުޅުދޫގެ ހުރިހާ ރައްޔިތުން ގަބޫލުކުރެއެވެ.
“ރަށުގެ ޒީނަތްތެރިކަމާއި ސާފުތާހިރު ކަމަށްޓަކައި ޝާޑު މަސައްކަތް ކުރެއްވެވި. ކޮންމެ ޕާޓީއަކަށް ނިސްބަތްވާ މީހަކު ކަމުގައި ވިޔަސް ހަގީގަތް ގަބޫލު ކުރާނެ. ޝާޑު އަމިއްލައަށް އިސްނަގައިގެން 3 ފަހަރެއްގެ މަތިން މުޅި ހުޅުދޫ ސާފުކުރިކަން މިތަނުގައި ދިރިއުޅޭ އެންމެންނަށް އެނގޭނެ. އެއީ ސަރުކާރުން ކުރި ކަމެއް ނޫން. ރަނގަޅު ކަންތައްތައް ކޮށްދީފައި ހުރިއްޔާ އެކަން އެންމެން ވެސް ގަބޫލު ކުރާނެ” އެމްޑީޕީއަށް ނިސްބަތްވާ ހުޅުދޫގެ މީހަކު ކިޔައިދިނެވެ.
“ހުޅުދޫގެ ގިނަ މީހުން މާލޭގައި ދިރިއުޅޭއިރު އަމިއްލަ ގޯތި ގެދޮރު ބަލަހައްޓާނެ މީހަކު ނުހުރޭ. ގޯތީގައި ހެދޭ ވިނަތައް މަގުމައްޗަށް ފެތުރި މުޅި ސަރަހައްދު އޮންނަނީ ވާވެފައި. އެތަންތަން ސާފު ކުރާނެ ބަޔަކު ނެތް. ފާއިތު ވީ 5 އަހަރުގެ ތެރޭގައި މެމްބަރު ޝާޑުގެ މަސައްކަތުން ރަށުގެ ޒުވާނުން ނެރެގެން އެފަދަ ތަންތަން ސާފުކުރުވާ ރަށް ޒީނަތްތެރިކުރުމަށް ކުރި މަސައްކަތްް ރަށުގައި އުޅޭ މީހުންނަށް އެނގޭނެ” ހުޅުދޫގެ ޒުވާނަކު ބުންޏެވެ.
ރަށް ޒީނަތްތެރިކުރުމާއި ރަށްފެހިކޮށް ފިނިމައިޒާންތަކަކަށް ހެދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވީ ދެޖިންސުގެ މީހުން ހަވީރު ފިނީގައި ނިކުމެ ވާހަކަދައްކައި ގުޅުން ބަދަހިކޮށް ހެދުމަށް ލިބިގެން ދިޔަ ފަހި ފުުރުސަތަކަށެވެ. ހަމަ އެއާއެކު ކަސްރަތު ކުރުމަށާއި ހެނދުނާއި ހަވީރު ހިނގަން ދާ މީހުންނަށް ފަސޭހައިން ހިނގައި ހެދޭނެ ތަނަވަސް ރީތި މަގުތަކެއް ހެދިގެން ދިއުމެވެ. އެއްމެން އެއްލަވައެއްގައި ޝާޑުއާއެކު ރަށުގެ ޒީނަތްތެރިކަމަށް މަސައްކަތް ކޮށް ހުޅުދޫއަށް ދިރުން ގެނުަވައިދިނީއެވެ. ރަށަށް ދިރުން ލިބި އިޖުތިމާއީ ގުޅުުން އިތުރަށް ވަރުގަދަވީއެވެ.
“ބުނެވޭނީ އިޖުތިމާއީ ޚިދުމަތުގައި ހުޅުދޫއަށް ޝާޑުވަރެއް ހަމަ ނެތޭ” ފިނިމައިޒާނެއްގައި އިށީނދެގެން އިން އުމުރުން ދުވަސްވީ އަންހެނުންތަކެއް އެއްއަޑަކުން ބުނެލިއެވެ.