ރައްޔަތުންގެ މަޖިލީހުގެ ހުޅުދޫ ދައިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ޝާހިދު(ޝާޑު)ގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ އަލީ މުހައްމަދު(އައްދު) އެމްޑީޕީގެ ކެންޑިޑޭޓް އިލްޔާސް ލަބީބުއަށް ތާއިދުކުރަން ނިންމައިފިއެވެ.
‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާޑުގެ ކެމްޕެއިން ހަރަކާތްތަކުގައި ހުޅުދޫއިން އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ އައްދު އާއި އެކު މާލެގައި ޝާޑު ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ އަފްޒަލްވެސް ވަނީ ޝާޑުއަށް ކުރަމުން އައި ތާއިދު ނަގާފައެވެ. އައްދުގެ މި ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އައްދުއަށް އަމާޒުވެފައިވާއިރު ޝާޑުއަށް ތާއިދުކުރަމުންދާ ގިނަ ބަޔަކުވަނީ އައްދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. “އައްދު އިލްޔާސްއަށް ތާއިދުކުރަން ނިންމި ނިންމުމަކީ ވަކި ބޭނުމެއްގައި ނިންމި ނިންމުމެއް. އެކަމަކު ފައިސާއަކީ ހުރިހާ އެއްޗެއް ނޫންކަން އަދި ވިސްނޭނެ.”ޝާޑުއަށް ތާއިދުކުރާ ފަރާތްތަކުންވަނީ ބުނެފައެވެ.
މި ތުހުމަތުތަކާއި ގުޅިގެން އައްދުގެ ފަރާތުން ވަކި ޖަވާބެއް ލިބިފައިނުވާއިރު އިލްޔާސް ގެ ކެމްޕެއިން ޓީމުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. “އެއީ ހުސް ދޮގު ވާހަކަތަކެއް. އައްދު އިލްޔާސްއަށް ތާއިދުކުރަން ނިންމީ އެއްވެސް ޝަރުތެއް އޮވެގެނެއް ނޫން. އެއީ ހިތުން ރުހުމުން ނިންމި ނިންމުމެއް.”އިލްޔާސްގެ ޓީމްގެ އިސް ފަރާތަކުންވަނީ ބުނެފައެވެ. މީގެ އިތުރުން އެ ފަރާތުން ބުނެފައިވަނީ ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ކާމިޔާބީ ހޯދުމަށްކަމަށެވެ.
ރައްޔަތުންގެ މަޖިލީހުގެ އިންތިހާބު ފެށެން 13 ވަރަކަށް ދުވަހަށް ވެފައިވަނިކޮށް އައްދު ނިންމި ނިންމުމާއި ގުޅިގެން އަދި މިހާތަނަށް ޝާޑުގެ ފަރާތުން އެއްވެސް ކަހަލަ ބަހެއް ލިބިފައެއް ނުވެއެވެ.
އައްދު އަކީ 2014 ވަނަ އަހަރު އެމްޑީޕީ ޓީކެޓްގައި އައްޑޫ ސިޓީ ކައުންސިލަށް ހޮވިވަޑައިގަތް ބޭފުޅެކެވެ. އައްދު ވަނީ 2015 ވަނަ އަހަރު ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ. 2015 ވަނަ އަހަރުން ފެށިގެން ޕީޕީއެމްގެ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި އައްދު ވަނީ ނިމިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ އައްޑޫގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.ދާދިފަހުން އައްދު ވަނީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް އިސްވެ ހުންނަވައިގެން އުފައްދަވައިފައިވާ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)އަށް ސޮއިކުރައްވާފައެވެ