English Edition
Dhivehi Edition
ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު

އައްޑޫ މަސްވެރިން ނިކުމެ, އެ އަތޮޅު ހުޅުދޫ-މީދޫގައި ހުންނަ މަސް ފެކްޓަރީ ކައިރީގައި ކުރާ އިހުތިޖާޖު ގަބޫލު ނުކުރައްވާ ކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ރޭ ‘ޕީއެންސީ ހައުސް’ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ އައްޑޫގައި ކުރަމުންދާ އިހުތިޖާޖަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން މަސްވެރިންނަށް ލިބިފައި އޮތަތީ, ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ކުރާ ކަމެއް ކަމަށެވެ. އެގޮތުން މަސް ފެކްޓަރީގައި މަސް ރައްކާކޮށްފައި ހުރި 300 ޓަނުގެ ކޮންޓެއިނާ އާއި އެތަނުގައި ތިބި 40 ހަކަށް ރަށުން ބޭރުގެ މުވައްޒަފުން ނިދާ ކާބޮއެ ހަދާތަނުން ކަރަންޓު ކަނޑާލުމަކީ އިހުތިޖާޖު ކުރުން ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ގަބޫލްކުރަން ޖެހޭ ހަގީގަތަކީ ނިމިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެންމެ ފަހު ވަގުތު 25 ރުފިޔާއަށް މަސް ކިލޯއެއްގެ އަގު އުފުލުމަށްފަހު މިއަދުގެ ސަރުކާރަށް އެ ހުރިހާ ބުރައެއް އުފުލަން ޖެހޭ ގޮތަށް އެންމެ ލާރިއެއް ވެސް ދޫކޮށްފައި ނުވަކަމަށެވެ.

އީދު ބަންދުވުމުގެ ކުރީގައި, އައްޑުއާއި މުޅި ރާއްޖޭގެ މަސްވެރިންނަށް މިފްކޯއިން ފައިސާ ދޫކޮށްފައިވާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ މިހާރު މަސްވެރިންނަށް ނުދެވި ހުރީ ވަރަށް ކުޑަ އަދަދެއްކަމަށާއި ސަރުކާރުން ދަނީ މިހާރު ވެސް އެ ފައިސާ މަސްވެރިންނަށް ދެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖައްސަމުން ކަމަށެވެ.