ލިޔުނީ: ފާޠިމަތު މިންހާލް އަޙުމަދު (5އޭ)/ ޝަމްސުއްދީނު ސްކޫލް
ޝަމްސުއްދީން ސްކޫލްގެ 2019 ވަނަ އަހަރުގެ ސްކޫލް ކެޕްޓަނަކަށް ގްރޭޑް 6 ގެ ދަރިވަރު މުޙައްމަދު ރާހިލް ރިފްއަތު ހޮވައިފިއެވެ.
ރޭ އެ ސްކޫލުގައި ބޭއްވި މިއަހަރުގެ ޕްރިފެކްޓް ބޯޑާއި ކުލަބު އެސޯސިއޭޝަން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސް މަގާމުތަކަށް ހޮވުނު ދަރިވަރުންނާއި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވެވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެޙްމާނު، ފޭދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތަފާއެވެ.
2019 ވަނަ ޝަމްސުއްދީނު ސްކޫލުގެ ކެޕްޓަނަކަށް ރާހިލް ހޮވާފައިވާއިރު ޑެޕިއުޓީ ކެޕްޓަނުންނަށް ހޮވިފައިވަނީ ގްރޭޑް 6 އޭގެ މުޙައްމަދު ނަބުޙާނު އަޙްމަދު ޖާބިރު އަދި ގްރޭޑް 6 ބީގެ ކިނާން ހިޔާޒް ހަސަން އެވެ.
މި ރަސްމިއްޔާތުގައި ސްކޫލްގެ 2019 ވަނަ އަހަރުގެ ޕީ.ޓީ.އޭ، ވެސް ވަނީ އިފްތިތާޙުކޮށްފައެވެ. އިފްތިތާޙީ ޖަލްސާގައި ޕީ.ޓީ.އޭ ގެ ހިންގާ ކޮމެޓީ ވަނީ ހޮވާ، އެ ފަރާތްތަކަށް ސެޓެފިކެޓު ވަނީ ޙަވާލުކޮށްފައެވެ. މިއަހަރު ޝަމްސުއްދީނު ސްކޫލްގެ ޕީ.ޓީ.އޭގެ ނައިބު ރައިސާ އަކަށް ހޮވިފައިވަނީ ސ.މީދޫ ،އެދުރުގެ އަލްފާޟިލާ އާމިނަތު ސުޒޭނެވެ.
ނައިބުރައިސާގެ ވާހަކަފުޅުގައި ޕީ.ޓީ.އޭ ގެ މައިގަނޑު މަޤުޞަދަކީ ބެލެނިވެރިންނާއި ސްކޫލާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާއި ދަރިވަރުންގެ ތަޢުލީމާއި ކުޅިވަރު ޙަރަކާތްތަކުގައި ސްކުލާއި ގުޅިގެން މަސައްކަތްކުރުންކަން ވަނީ ފާހަގަކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްކޫލް ޕްރިންސިޕަލް ސުލްޠާނު ރާމިޒު ވިދާޅުވީ މިއަހަރު ޕްރިފެކްޓު ބޯޑަށް ދަރިވަރުން ހޮވުމުގައި މިހާރުގެ ކަރިކިއުލަމުގައި ވާ އިސްލާމްދީނާއި އެއްގޮތަށް އަމަލުކުރާ ދަރިވަރަކަށްވުން މި ކީ ކޮމްޕީޓެންސީ އަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަން ހާމަކުރެއްވިއެވެ. އަދި ސްކޫލުގެ އަމާޒަކީ ކޮންމެ ދަރިވަރަކީވެސް މިހާރުގެ ކަރިކައުލަމަށް ބައްޓަންވެގެން ސްކޫލް ނިންމާ ދަރިވަރަކަށް ހެދުންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ޕީ.ޓީ.އޭ އިން ސްކޫލަށް ވެދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިއަހަރު ހޮވުނު ޕީ.ޓީ.އޭ އަކީ ވެސް ނަމޫނާ ޕީ.ޓީ.އޭ އަކަށް ވާނެކަމަށް އުއްމީދުކުރައްވާކަން ފާހަގަކުރެއްވިއެވެ.
ދަރިވަރުންނާއި މުޚާތަބު ކުރައްވަމުން ޝަރަފުވެރި މެޙްމާނު ވިދާޅުވީ އަޒުމެއް ކަނޑައަޅައިގެން އެ އަޒުމަށް ވާޞިލުވުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައެވެ. ސްކޫލްގެ އިސް މަޤާމުތައް ލިބުނު ދަރިވަރުން އެ ދަރިވަރުންގެ ޒިންމާ ރަނގަޅަށް އަދާކޮށް ކާމިޔާބު ލީޑަރުންނަށް ވުމަށް އެ ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.
ސްކޫލް ކެޕްޓަން ރާހިލްގެ ވާހަކައިގައި އެންމެ ފުރަތަމަ ސްކޫލަށް ދިޔަ ދުވަހުން ފެށިގެން ވެސް ސްކޫލް ކެޕްޓަނަކަށް ވުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދިފައިވާކަން ފާހަގަކުރިއެވެ.