ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އައްޑޫސިޓީގެ ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތި ލައްވަވާފައިވާ ކެންޑިޑޭޓު އިބްރާހިމް ދީދީ (އައިބީ) ގެ ކެމްޕެއިން ޕޯސްޓަރެއް އަންދާލައިފިއެވެ.
ރޭ ، މި ޕޯސްޓަރު އަންދާލާފައިވާ އިރު މިދިޔަ ހަފްތާގައި ވަނީ އައިބީގެ އިތުރު ޕޯސްޓަރެއްގައި ކަޓަރު އަޅައި ހަލާކު ކޮށްލާފައެވެ.
“ރޭ އަންދާލާފައިވާ ބޯޑަކީ ރޭގައި އަލަށް ހަރުކުރި ބޯޑެއް. ސޯލޯ މިއޯ ކުރިމަތީގައި މި ޕޯސްޓަރު ހަރުކުރީ ރޭގައި. ފަތިިހު ބެލިއިރު އޮތީ އަންދާލާފައި. އަދި ކުރިން ކަޓަރު އަޅާފައިވާ ޕޯސްޓަރު ވެސް އޮތީ ބިންމައްޗަށް ވައްޓާލާފައި” އައިބީގެ ކެމްޕެއިން ޓީމުން ބުންޏެވެ.
ކެމްޕެއިން ޓީމުން ބުނީ މިއީ ކޮންމެ ބަޔަކު ކުރި ކަމުގައި ވިޔަސް ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި ކެންޑިޑޭޓުން ޕޯސްޓަރު ތަކާއެއްޗެތި ތައްޔާރު ކުރަނީ ބޮޑެތި ޚަރަދުތަކެއް ކޮށްގެން ކަމަށެވެ. އަދި ވޭތުވެ ދިޔަ 2 މަސް ދުވަހުގެ ތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓްގެ ޕޯސްޓަރުތައް ފޭދޫގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ އިރު އެ ޕޯސްޓަރު ތަކަށް އެއްވެސް ގެއްލުމެއް ދީފައި ނުވާކަން ވެސް އައިބީގެ ޓީމުން ފާހަގަކުރިއެވެ.
“އިދިކޮޅު ކެންޑިޑޭޓުގެ އެއްވެސް ޕޯސްޓަރަކަށް ނެތް ގެއްލުމެއް ދީފައި. އެކަމުން އެނގެނީ އައިބީގެ ޓީމުން އެކަހަކަ ކަމެއް ނުކުރާނެކަން. އައިބީގެ ކެމްޕެއިން ފަށައިގެން ޕޯސްޓަރު ހަރުކުރަން ފެށި ހިސާބުން މިދަނީ އެތަކެއްޗަށް ގެއްލުން ދެމުން” ޓީމުގެ ފަރާތުން އޮފިޝަލަކު ކިޔައިދިނެވެ.
އަމިއްލަ ގޮތުން ފޭދޫ ދާއިރާއަށް އައިބީ ކެމްޕެއިން ކުރައްވަވަމުން ގެންދަވާ އައިބީ އަކީ މިހާރުވެސް އެ ދާއިރާގެ މަޖިލިސް މެމްބަރެވެ. އައިބީ ފާހަގަ ކޮށްލެވެނީ ނިމިގެން މިދާ 18 ވަނަ މަޖިލިހުގައި ފޭދޫއަށް ތަރައްގީގެ ގިނަ ކުރިއެރުންތަކެއް ހޯދައި ދެއްވުމަށް ބުރަ މަސައްކަތް ތަކެއް ކުރައްވަވާ ފޭދޫއަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހޯއްދަވައި ދެއްވެވި ކާމިޔާބު މެމްބަރެއްގެ ގޮތުގައެވެ.