އައްޑޫ ސިޓީގެ މަގުތައް ހެދުމަށް ވުރެ މުހިއްމީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ރީހެބިލިޓޭޓުކޮށް، ޑްރަގު ވިޔަފާރިކުރާ މީހުން ހައްޔަރު ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވެފައިވަނީ ވައްކަމާއި ފޭރުމާއި ރަހީނުކުރުން އިތުރުވަމުންދާތީ މި ނުރައްކާތެރި ބިރުވެރިކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ހަރުދަނާ އަވަސް ފިޔަވަޅު އެޅުމައް މިއަދު ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށައެޅުއްވި މައްސަލައާއި ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
“އަނދެގެން ހުންނަ ކަނޑިކި މާދަމާ ހޭލާއިރު އޮންނާނެ ކަމާމެދު ޝައްކު އުފެދޭ ހާލަތަށް” ނިހާދު މިހަރުގެ މަސްލަހަތު ސިފަކޮށްދެއްވަމުން ވިދާޅުވިއެވެ.
މި ފަދަ ކުށްތަކުގެ ފަހަތުގައި ވަނީ މަސްތުވާތަކެތީ މައްސަލަ ކަމަށް ވިދާޅުވެ، އެންމެ ބޮޑު ހަރަދެއް ސަރުކާރުން ކުރަންޖެހިފައި ވަނީ ވެސް ނިހާދު ވިދާޅުވިއެވެ.
އަދި ގޯތި ތެރޭގައި ހުންނަ އަނބު ގަހުން އަނބު ބިދެގެން ގޮސް ޖެހިގެން ހުންނަ ކަޑަޔައް ވިއްކީމަ އެތަނުން މީހުންނަށް އެ އަނބު ވިއްކާ ކަމަށާއި ރޯމާ ދުވާލު އެއްމެންގެ ލޯ ކުރިމަތިން މިކަންތައް ހިނގާ އިރުވެސް ކުރެވޭނެ ކަމެއް ނެތިފައި ތިބެންޖެހޭ ކަމަށްވެސް އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވިއެވެ.
އޭނާ ނިސްބަތްވާ ފޭދޫ ދާއިރާގައި އިންތިހާއަށް ފޭރުން އިތުރުވެފައިވާކަން ފާހަގަ ކުރައްވަމުން، ނިހާދު ވިދާޅުވީ ގިނަ ފަހަރު ވައްކަން ކުރާ މީހާއަކީ ކާކުކަން އެނގޭއިރު ވެސް ކަމާގުޅޭ އިދާރާތަކަށް މައްސަލަ ބަލައި، އިންސާފު ހޯދައި ނުދެވޭ ކަމަށެވެ. އަދި ވައްކަންތަކުގެ ޝަކުވާ ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓު ކުރެވުނު ނަމަވެސް ގިނަ ފަހަރަށް ހެކި ނެތުމުން ކަމަށް ބުނެ ހައްޔަރު ކުރާ މީހާ ދޫކޮށްލާކަމަށް ވެސް ބުނެފައިވެއެވެ.
ގިނަ މެންބަރުން ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް ދިނުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.