ޒަމާން ބަދަލުވެ މިހާރު ހުރިހާކަމެއް ވެސް އެހާފަސޭހައެވެ. އެގޮތުން އެންމެ ފާހަނގަ ކޮށްލެވޭ ސިސްޓަމަކީ އަހަރެމެން ގޭގައި ގެންގުޅޭ ރެފްރިޖެރޭޓަރެވެ. މިހާރަކަށް އައިސް ގޭގައި ކައްކާފައި ހުންނަ ކާނާ ބާކީވުމުން އެއްލާނުލައި ފްރިޖްގައި ރައްކާކުރެވެއެވެ. އަދި ބިޒީކޮށް އުޅެމުން އަންނަ އިރު 2 ދުވަސް ނޫނީ ތިންދުވަހުގެ ނާސްތާ ކައްކާފައި ފްރިޖްގައި ރައްކާކޮށް ފަހުން ބޭނުން ކުރެއެވެ. ނަމަވެސް އަތަށް ވަރަށް ފަސޭހަކޮށް ލުމުގެގޮޮތުން ކޮންމެ ކަހަލަ އެއްޗެއްގައިވެސް ކާނާ ފްރިޖްކޮށްލެވޭތަން އާދެއެވެ. އެގޮތުން އާންމުކޮށް ފޮއިލްގައި ކާނާ ރައްކާކުރުމާއި ނޫނީ ފޮއިލް އިން ކާނާ އަޅާފައިހުންނަ ތަށީގެ މަތި ބަންދުކޮށް ފްރިޖަށް ލައެވެ. ދިރާސާތަކުން ދައްކާގޮތުގައި ފަހަށް، ކަނާ ފްރިޖްގައި ރައްކާ ކުރާއިރު ފޮއިލްބޭނުން ކުރުމަކީ ސިއްޚަތަށް ވަރަށް ގެއްލުން ދެނިވި ކަމެކެވެ.
ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ރައްކާކުރެވޭ ކާނާގައި ފޮއިލް އޮޅުމުން ކާނާގައި ބެކްޓީރިއާއެއް އުފެދެއެވެ. މިދިރާސާގައި ބުނެފައިވަނީ، ކާއެއްޗިހި އަޅާފައިވާ ތަށީގައި ފޮއިލް އެޅުމުން ރަނގަޅަށް ވައިބަންދު ނުވާކަމަށެވެ. އަދި ވައިބަންދު ނުވުމުގެ ސަބަބުން ކާނާގައި ސްޓެފް އަދި ބެސިލަސް ސެރަސް ފަދަ ނުރައްކާ ބެކްޓީރިއާ އުފެދެއެވެ. މިބެކްޓީރިއާ ކާނާގައި އުފެދުމުން ފަހުން ކެއުމަށް ކާނާ ހޫނުކުރުމުންވެސް މި ބެކްޓީރިއާތައް މަރުނުވާ ކަމަށްވެސް ދިރާސާކުރި ފަރާތްތަކުން ބުނެއެވެ.
ޑެއިރީ އަދި މީޓް ފަދަ ކާނާއަކީ ވަރަށް އަވަހަށް އޭގައި ބެކްޓީރިއާ އެކްޓިވް ވާކާނާއެވެ. އެހެން ކަމުން މިކާނާތައް ފްރީޖް ކުރުމުގެ ކުރިން ވަރަށް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުން މުހިންމެވެ. ސިއްޚީ މާހިރުން ބުނާގޮތުގައި ފްރީޖްގައި ފަހަށް ރައްކާ ކުރެވޭކާނާ ރައްކާކުރުމުގައި ވަކި ގޮތްތަކެއް ގެންގުޅެންޖެހެއެވެ. އެގޮތުން ގިނައިން ހުރި ކާނާނަމަ ވައިބަންދު ވެފައި ހުންނަކަހަލަ ފުން ތައްޓެއްގައި ރަނގަޅަށް މަތިޖަހާ ބަންދުކޮށްފައި “ފްރީޒާ” ގައި ބަހައްޓާށެވެ. އަދި މަދުންހުރި ކާނާތައް ތިލަ ތުނި ތައްޓެއްގައި ބަންދުކޮށްފައި ރެފްރިޖެރޭޓަރގައި ބެހެއްޓިދާނެއެވެ.
ކާއެއްޗިހި ކައްކާއިރު އެއިރަކަށް ވާވަރަށް ކެއްކުން ވަރަށް މުހިންމެވެ. ޒަމާންބަދަލުވެ އެއްޗިހީގެ އަގު އިންތިހާއަށް މައްޗަށް ޖެހިފައިވާ މިދުވަސްވަރު އެއްވެސް މީހަކު ގޭގައި ކައްކާފައި ހުންނަ ކާއެއްޗިހި އެއްލާލަން ބޭނުން ނުވާނެއެވެ. ނަތީޖާއަކަށް ވެގެންދަނީ ކާނާވެސް ފަހަށް ރައްކާކުރެވުމެވެ. ނަމަވެސް ކާނާތައް ފަހަށް ރައްކާކުރުމުގައި ފަރުވާކުޑަކޮށް ލެވިއްޖިއްޔާ ފުރާނައަށް ވެސް ނުރައްކާވެދާނެފަދަ ކަންތައްތަކާ ދިމާވުން ވަރަށް ގާތެވެ. ފްރީޖްގައި ރައްކާކުރެވޭކާނާ އެންމެ ގިނަމުއްދަތަކަށް ބެހެއްޓޭނީ ތިންދުވަސް ނޫނީ ހަތަރު ދުވަހަށެވެ. އަދި އަބަދުވެސް ކެމުގެ ކުރިން އަވަނަށްލައި ރަނގަޅަށް ހޫނުކުރަންވާނެއެވެ. ކާނާ ވިހަވުމާއި ދުރުވުމަށް ކައްކާފައި ހުންނަ ކާނާއަބަދުވެސް ހޫނުކޮށް ތާޒާކަންމަތީގައި ކެއުން ވަރަށްވެސް މުހިންމެވެ.