ބަނޑުގައި ޖަހާފައި ހުންނަ ބޭކާރު މަސްތައް (ސަރުބީތައް) ވިރުވާލަން އެންމެންވެސް ބޭނުންވާނެއެވެ. ނަމަވެސް މިކަންތައް އަހަރެމެންނަށް ވަނީ ބޮޑު ޗެލެންޖަކަށެވެ. ޑައެޓްކޮށް ކަސްރަތުކޮށް ހަދާއިރުވެސް ބައެއްފަހަރު އެދެވޭ ނަތީޖާ ނުފެނިދެއެވެ. ނަމަވެސް މީގައި ސަބަބުތަކެއްވާކަން ގަބޫލު ކުރަންވެސް ޖެހެއެވެ. ހަށިގަނޑު ހިއްކަން ބޭނުމިއްޔާ ހަމަ އެކަނި ކަސްރަތު ކޮށްލުމަކުން ނޫނީ ފައިދާ ހުރިކާނާއެއް ކާލުމުން ނުފުދެއެވެ. ކަސްރަތު ކޮށް ރަނގަޅުޑައެޓެއް ހިޔާރު ކުރަންޖެހެއެވެ. ބައެއް ބޭފުޅުން ކަސްރަތުކޮށް ނިންމާފައި ގޮސް ބަނޑުހައި ވުމުން މާގަދައަށް ކާލައެވެ. މިހެން ހެދުމަކުން ދުވަހަކުވެސް އެންމެ އެދެވޭ ނަތީޖާ ފެނިގެންނެއް ނުދާނެއެވެ. އެގޮތުން ހިކެން މަސައްކަތް ކުރާއިރު ރަނގަޅަށް ކަސްރަތު ކުރުމަށްފަހު ކެއުން ވަކި މިންގަނޑަކަށް ވަކި ގޮތަކަށް ބަހައްޓަން ޖެހެއެވެ.
ތިރީގައި މިވަނީ ބަނޑު ހިންދާލަން ބޭނުންނަމަ ބޭނުން ކުރެވިދާނެ އެއްދުވަހުގެ ޑައެޓެކެވެ.
ހެނދުނު:
ހެނދުނު ހޭލައިގެން ހޫނުފެނަށް ލުނބޯ އެޅުމަށްފަހު ބޯލާށެވެ. މިޑިޓޮކްސް ފެނުން ހަށިގަނޑުގައި ހުންނަ ވިހަ އާއި ޖާމްސް ބޭރުކޮށްދީ ހަޖަމްވެސް ކޮށްދޭނެއެވެ. ދެން ހަށިގަނޑުގައި ވަރު ޖެއްސުމަށް ހެނދުނުގެ ޔޯގާ ވެސް މުހިންމެވެ. އެއަށްފަހު ޕްރޮޓީން އާއި ނިއުޓްރިޝަން ހިމެނޭ ހެނދުނުގެ ނާސްތާއެއް ނެގުން ވަރަށް މުހިންމެވެ.
މެންދުރު:
އަބަދުވެސް ނާސްތާ ކުރާއިރު އެއްމީލް އަށްފަހު އަނެއްމީލް ނެގުމާއި ދޭތެރޭގައި ދުރު މިނެއް ބަހައްޓާށެވެ. މެންދުރުގެ ނާސްތާއަށް މުހިންމުވާނީ ވަރަށް ލުއި އެހެން ނަމަވެސް ފައިދާހުރި ކާނާއެކެވެ. އެގޮތުން ކާޑް ރައިސް އާއެއްކޮށް ސެލަޑެއް ބޭނުން ކޮށްލުން ވަރަށް މުހިންމެވެ. އެއަށް ފަހު 15 މިނެޓްވަންދެން ހިނގާލަން ވާނެއެވެ. އަދި ޕޯސްޓް ލަންޗް ސްނެކް އަކަށް ކޮންމެވެސް ކަހަލަ މޭވައެއް ބޭނުން ކޮށްލާށެެވެ.
ހަވީރު:
ހަވީރުގަޑި އަކީ އެއްވެސް ބުރަމަސައްކަތެއް ނުކޮށް އަރާމް ކޮށްލާ ވަގުތު ކަމުގައި ކަނޑައަޅާށެވެ. އަދި ލޯފެޓް ބިސްކޯދަކާއެކު ސައިތައްޓެއް ބޯލެވިދާނެއެވެ.
ރޭގަނޑު:
ރޭގަނޑުގެ ކެއުންވެސް ބަހައްޓަންޖެހޭނީ ވަރަށް ލުއިގޮތަކަށެވެ. އެގޮތުން ކާންފަށާނީ ރޭނަގޑު އަށެއްޖެހުމުގެ ކުރިން އަވަހަށް ހަޖަމް ކޮށްލާ ކަހަލަ ކާނާއެކެވެ. އެގޮތުން ރޯސްޓެޑް ވެޖެޓެބަލް، ރޯސްޓެޑް ޗިކެން ނޫނީ ސޫޕް އެއް ބޭނުން ކޮށްލުން ރަނގަޅެވެ. ދެން ނިދުމުގެ ކުރިން ހާބަލް ސައެއް ނޫނީ ޓާމެރިކް މިލްކް ބޯލާށެވެ.
ހަށިގަނޑު ހިއްކާލަން ބޭނުންނަމަ، އެކަމާބެހޭ މާހިރުން ލަފާދެނީ އަބަދުވެސް ފައިދާހުރި ޑެޓޮކްސް އެއްބޭނުން ކުރުމަށެވެ. އެގޮތުން ހެނދުނު ހޭލުމަށްފަހު ނިދުމާއި ދޭތެރޭގައި ލުއިކޮށް ނަމަވެސް ފައިދާހުރި ކާނާއެއް ބޭނުން ކުރުމަށާއި ކަސްރަތު ކުރުމަށް ޑައިޓިޝަނުން ލަފާދެއެވެ.