English Edition
Dhivehi Edition

މުސްކުޅިވެއްޖެޔޭ ހިތަށް އަރާހެއްޔެވެ؟ އެހެން ހިތަށް އަރުވާކަށްވެސް އަދި ގާތެއްނުވެއެވެ. އާއެކެވެ. އާނެސްޓިން ޝެފާޑް އަކީ މިފަދަ ބަސްތައް އަހަރެމެންގެ ހިތަށް އަރުވަން ގާތްވެސް ނުވާކަމުގެ ހެއްކެކެވެ.

ދުނިޔޭގައި ހުރި އެންމެ އުމުރުން ދޮށީ ބޮޑީ ބިލްޑަރ އަށް މިހާރު 84 އަހަރު ފުރިއްޖެއެވެ. އުމުރުން ދުވަސްވީ އެހެން މީހުންނާ ތަފާތު ގޮތަކަށް ފެންނަ ސިއްޙަތު ރަނގަޅު ޝެފާޑް އަކީ މިއަދު ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ ބޮޑީ ބިލްޑަރ ވުމުގެ ޝަރަފު ލިބުމުގެ އިތުރުން ދުނިޔޭގެ ރެކޯޑް ފޮތަށް އަރާފައިވާ ފަރާތެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯއެއްގެ މަތިން ހަނދާން ކޮށްލާއިރު އުމުރުން ދުވަސްވީ ދެ މީހަކު ފޮޓޯއަކުން ފެންނައިރު ހަށިގަނޑު ވަރުގަދަ އަދި ސިއްޙަތު ރަނގަޅަށް ހުރި އެކަކު ކޮއްޅަށް ހުއްޓިލައިގެން ހުއްޓެވެ. އަނެއް މީހާ ފެންނަނީ ފުރޮޅުލީ ގޮނޑި އެއްގައި އިށީނދެ އިންނަ ތަނެވެ. އަދި އޭނައަކީ ދުވާލެއްގެ މައްޗަށް އެތައް ބޭސްގުޅަތަކެއް ބޭނުން ކުރާފަރަތެއްކަމަށް ބުނެފައިވެއެވެ. ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. ފޮޓޯގައި ވަރުގަދަ ހަށިގަނޑަކާއި އެކު ކޮޅަށް ހުރީ ޝެފާޑެވެ. އެ ފޮޓޯއަކީ ކަސްރަތު ކުރުމުން މީހާ ދުޅަހެޔޮ ވާކަން އަންގައިދޭ ފޮޓޯއެކެވެ.

16 ޖޫން 1936 ވަނަ އަހަރު އުފަންވެފައިވާ ޝެފާޑް ބުނީ އޭނާ ކަސްރަތު ކުރަން ފެށީ އުމުރުން 54 އަހަރުގައި ކަމަށެވެ.

“ދައްތަގެ އެހީގައި ކަސްރަތު ކުރަންފެށިން. ދުވަސްކޮޅަކުން ސިކުނޑީގެ ބައްޔެއްގައި ދައްތަ މަރުވުމުން ދެން އަހަރެން ހަށިގަނޑަށް އަޅާނުލައި ހުއްޓާލިން. އޭގެ ފަހުން ވަރަށް ބޮޑަށް ބަލިވާން ފެށި. ދެން ހިތަށް އެރީ އަލުން ހުއްޓާނުލާ ކަސްރަތު ކުރުމަށް.” ޝެފާޑް އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ޝެފާޑް ބުނާގޮތުން އޭނާ ކޮންމެ ދުވަހަކު ފަތިހު 3 ޖަހާއިރު ހޭލައި 130ކިލޯމީޓަރަށް ދުވެއެވެ. އަދި މުޅިންވެސް ކެއުމަށް ބޭނުން ކުރަނީ ހަށިގަނޑަށް ބޭނުންވާ ފައިދާ ހުރި ކާނާއެވެ. އެގޮތުން ފެނުކެއްކި ބިހުގެ ހުދުބަޔާއި، ކުކުޅު، ތަރުކާރީގެ އިތުރުން ވަރަށް ގިނައިން ފެންބޮއެވެ.

ކަސްރަތަކީ ކޮންމެ މީހަކުވެސް ދުޅަހެޔޮކަންމަތީ ހުރުމަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ކަސްރަތު ކުރުމަށްވަކި އުމުރެއް ނޯވެއެވެ. އުމުރު މަތިވާ ވަރަކަށް ހަށިގަނޑަށް އަންނަ ބަދަލު ތަކުން ދިމާވާ ދާއިމީ ބަލި ތަކުން ސަލާމަތް ވުމަށް ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ޝެފާޑް މިއަދު މުޅި ދުނިޔެއަށް އެވަނީ ދައްކާފައެވެ.

 

1 ކޮމެންޓް
ސަމޫހް
ޖެނުއަރީ 2, 2021
137 ކިލޯމީޓަރޭ ތޯ؟ ހާދަ ދުވުމެކޭ އެއީ