English Edition
Dhivehi Edition
ފަރަށް އަރާފައިވާ އަލްމާ ބޯޓުން މުދާ ހުސްކުރުމުގެ މަސައްކަތް ކުރަނީ: ފޮޓޯ އެމްއެންޑީއެފް

އައްޑޫސިޓީ މީދޫ އަލްމާ ބޯޓު ފަރަށް އަރައިފިއެވެ.

މި ބޯޓު އަރާފައިވަނީ މާލެއިން ފުރައިގެން މީދޫއަށް އަންނަނިކޮށް މީދޫ ނެރުބައްތިން އިރު ދެކުނު ފަރަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މި ހާދިސާގެ ޚަބަރު އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 2:57 ގައެވެ.

“ބޯޓުގެ ބަނޑުފިލާއިން 3 ފޫޓު ވަރު ވަނީ ފަޅައިގެން ގޮސްފައި. ބޯޓުން މުދާ ހުސްކުރުމަށް މިހާރު ސިފައިން ދަނީ ހަރަކާތްތެރިވަމުން” އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

މި ހާދިސާ ހިނގި އިރު ބޯޓުގައި މުޅިއެކު 11 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި 5 ދިވެހިންނާއި ބިދޭސީންގެ 6 މީހުން ހިމެނޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

ފަރަށް އެރި ބޯޓު ފުން ކުރުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓް ގާޑް ސްކޮއާޑަން އިން ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އަލްމާ ބޯޓަކީ އައްޑޫސިޓީ އާއި މާލެ އާއި ދެމެދު މުދާ އުފުލާ ބޯޓެކެވެ.