English Edition
Dhivehi Edition

އައްޑޫ ސިޓީގައި، މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މަރަދޫ، ކުރެދުމާގެ މުހައްމަދު ނައިޝް ނަސްރު (ނައްޔު) ހޯދުމަށް 490 ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

އެމްއެންޑީއެފުން ރޭ ބުނީ ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑްގެ ފޯތު ސްކޮޑްރަންއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ވައިގެ މަގުން 23.46 ސްކޮޔާ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 490 ސްކޮޔާ ނޯޓިކަލް މޭލު މިހާތަނަށް ބަލައިފައިވާ ކަމަށެވެ. އަދި ޑައިވްކޮށްގެން އެއް ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ނައިޝް ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 22:45 ކަންހާއިރެވެ. ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އާއިލާއިން ބުނީ، އައްޑޫހައިސްކޫލްގެ ގްރޭޑް 12ގައި ތައުލީމް ހާސިލުކުރާ ނައްޔުއަކީ މަޑުމައިތިރި ބަސްއަހާ ކުއްޖެއް ކަމަށެވެ. އޭނާއަކީ މޫދަށް ވެސް ގަދަ ކުއްޖެއް ކަމަށް އާއިލާއިން ބުންޏެވެ.