އައްޑޫސިޓީގެ ފޭދޫ ދާއިރާއިން މަޖިލިސް ގޮނޑިއަށް ވާދަކުރައްވަވާ އިބްރާހިމް ދީދީ (އައިބީ) އަށް ވޯޓު ދެއްވުމަށް އެދި ، ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑޜ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ ޝަހީމް ގެ ފޭސްބުކް ޕޭޖްގައި ހިއްސާ ކުރައްވަވާފައިވާ ލިޔުންކޮޅެއްގައި ވިދާޅުވެފައިވަނީ އިބްރާހީމް ދީދީ ރައްޔިތުންގެ މަޖުލީހުގެ މެންބަރު ކަމަށް ތާއިދުކުރާ ވާހަކަ ދަންނަވާ ކަމަށެވެ.
“އިބްރާހީމް ދީދީ އަކީ ރައްޔިތުންނާ ވަރަށް ގާތް ޚިދުމަތްތެރި ބޭފުޅެއް. ރިޔާސީ އިންތިޚާބުގައި އަޅުގަނޑާ ވަރަށް ގާތުން މަސައްކަތްކުރެއްވި، ރައްޔިތުންގެ މަޖުލީހުގެ ތަޖުރިބާހުރި ބޭފުޅެއް. އޭނާއަކީ ރައްޔިތުންގެ މަޖުލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ފިކުރާއި ސިޔާސީ ތަޖުރިބާހުރި ބޭފުޅެއްކަމަށް ފެންނާތީވެ، އިބްރާހީމް ދީދީ ކުރިމަތިލައްވާފައިވާ ދާއިރާ ( އައްޑޫސިޓީ ފޭދޫ ދާއިރާ) ގެ ރައްޔިތުން، ވަކިން ޚާއްޞަކޮށް ނިމި ދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ތާއިދުކުރެއްވި އެންމެހާ ބޭފުޅުން އިބްރާހީމް ދީދީ އަށް ވޯޓު ދެއްވުމަށް އެދި ދަންނަވަން” ޑރ ޝަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ޑރ ޝަހީމް ވަނީ ރައްޔިތުންގެ މަޖްލީހުގެ ތެރެއިން ކުރިއަށް ގެންދެވޭ އިޞްލާޙީ މަސައްކަތްތަކުގައި އިބްރާހީމް ދީދީގެ ބިނާކުރަނިވި ޚިޔާލުފުޅުތަށް ޙިއްސާވެގެންދާނެކަމަށް އެދޭ ކަމަށްވެސް ވިދާޅުވެފައެވެ.
19 ވަނަ މަޖިލިހުގެ ފޭދޫ ދާއިރާގެ ގޮނޑިއަށް އައިބީ ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. މިހާރު ވެސް ފޭދޫ ދާއިރާގެ ގޮނޑި ފުރުއްވަވަމުން ގެންދަވާ އައިބީ ވަނީ 18 ވަނަ މަޖިލިހުގައި ފޭދޫ ދާއިރާ ތަމްސީލް ކުރައްވަވާ ދާއިރާއަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް ކޮށްދެއްވަވާފައެވެ.