English Edition
Dhivehi Edition

އުމުރަކަށް ބެލުމެއް ނެތެވެ. ޖިންސަކަށް ބެލުމެއް ނެތެވެ. ކޮންމެ މީހެއްގެ އަތުގައި ސްމާޓް ފޯނެއް އޮވެއެވެ. ފޯނެއް ނެތިއްޔާ އެއީ ‘ކަޑަ’ މީހެކެވެ. އަދި އެންމެ ފަހުގެ ސްމާޓް ފޯނެއް ނެތިއްޔާ ހިތްހަމަ ނުޖެހެއެވެ. މިއީ ދިވެހިންގެ އާދައެވެ. އެހެންކަމުން އަވައްޓެރި ގިނަ ގައުމުތަކުގެ މީހުން ދެކޭ ގޮތުގައި ދިވެހިންނަކީ ވަރަށް ފުދުންތެރި ބައެކެވެ. އަދި އެންމެ ފަހުގެ އުފެއްދުންތަކާއި ވަރަށް ރައްޓެހި ބައެކެވެ.

ދިވެހިންގެ ފޯރުންތެރިކަމާއި، އާއުފެއްދުންތަކަށް ހޭނޭ މިންވަރަކީ އާކަމެއް ނޫނެވެ. އަދި އެންމެ ފަހުގެ އުފެއްދުންތައް އެންމެ ފުރަތަމަ ބޭނުންކުރާ ބަޔަކަށް ދިވެހިންވާކަމީ ވެސް އާކަމެއް ނޫނެވެ. ނަމަވެސް އެހެންފަރާތް ތަކުގެ ކުރިމަތީގައި ދިވެހިން ލަދުގަންނަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެވެރިންގެ ގައިގައި ހުންނަ ނުރަނގަޅު ސިފަތަކެވެ. ދިވެހިން އަމިއްލަ ނަފްސު ދެކެވެސް ހިތްހަމަ ނުޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ މިއީ އެވެ.

ފޯނަކީ ދިވެހިންގެ ދިރިއުޅުމުގެ އެއްބައޭ ބުނުމުން ދެބަސްވާނެ ހަމަ އެކަކު ވެސް ނުހުންނާނެއެވެ. އަދި ފޯނާ ނުލާ އެންމެ ދުވަހެއް ވެސް ހޭދަކޮށްލުމަކީ ހެވިލާފައި ކޮށްލެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެނގޭހެއްޔެވެ؟ ދިވެހިންނަކީ ފޯނާއި ވަރަށް ދުރުބައެކެވެ. މިކަން އަޖުމަބަލާލުމަށް މީހަކަށް ގުޅާލަބަލާށެވެ. ވަރަށް މަދު ފަހަރެއްގައި ނޫނީ ފޯނަށް ޖަވާބު ނުދޭނެއެވެ. ފޯނަށް ޖަވާބު ނުދެނީ ކީއްވެގެން ހެއްޔެވެ؟

ގިނަ މީހުން ދެކޭގޮތުގައި ދިވެހިންނަކީ ވަރަށް ‘ބިޒީ’ ބައެކެވެ. އެހެންކަމުން ގިނަ ފަހަރަށް އާއިލާމީހުންނާއި، ރައްޓެހިންނާއި، އެކުގައި އުޅޭ މީހުންނަށް ވަގުތު ހުސްކުރުމަކީ ވަރަށް ދަތިކަމެކެވެ. ހަމަ އެއާއި އެކު އެއިން މީހަކު ފޯނަށް ގުޅާލިޔަސް އެފޯނަށް ޖަވާބު ދިނުމަކީ އުނދަގޫކަމެކެވެ. އެހެންނަމަވެސް މިއީ ހަމަ ހަގީގަތް ހެއްޔެވެ. ދިވެހިން ހަމަ އެހާވެސް ‘ބިޒީ’ ހެއްޔެވެ؟ ނޫނީ ހަމަ ގަސްތުގައި ޖަވާބު ނުދެނީ ހެއްޔެވެ؟ ޖަވާބު ދޭން ބޭނުން ނުވަނީ ހެއްޔެވެ؟

ގިނަ ފަހަރަށް އެކަކު އަނެކަކަށް ގުޅާނީ ކޮންމެވެސް ވާހަކައެއް ބުނުމަށް ނުވަތަ ވާހަކައެއް އެހުމަށެވެ. އެހެންގޮތަކަށް ބުނާނަމަ ނޭނގޭ އެއްޗެއް ހިއްސާކުރުމަށެވެ. މުހިއްމު ކަމެއްގައި ނޫން ގޮތަކަށް އެކަކު އަނެކަކަށް ގުޅާ މީހުން މަދެވެ. ނަމަވެސް ދެން ފެނިގެން ދާ މަންޒަރަކީ ގުޅާމީހާއަށް ކިތައްމެ މުހިއްމުވެގެން ގުޅާއިރުވެސް ކޯލް ރައްދުވާ މީހާ އެކަމަށް އަޅާނުލާ ހުރުމެވެ. ގިނަފަހަރުމަތިން ގުޅިޔަސް ޖަވާބު ނުދީ ހުންނަ ހުރުމެވެ. އެމީހަކު އެގުޅަނީ ކޮންކަމަކާއިކަން އެނގޭ ހާލުވެސް އަޅާ ނުލުމެވެ. ނަމަވެސް މިއީ ވަރަށްހުތުރު އަމަލެކެވެ. އަދި ފިނޑި ކަމެކެވެ. އެފަދަ ކަމެއްގެ އިޙްސާސް ކުރެވޭނީ ތިމާ މީހާ މުހިއްމު ކަމެއްގައި މީހަކަށް ގުޅުމުން އެމީހާ އެކޯލަށް ޖަވާބު ނުދިނުމުންނެވެ.

ބައެއް ހާލަތްތަކުގައި މީހަކު ކިތައްމެ މުހިއްމު ކަމެއްގައި ގުޅުމުންވެސް ޖަވާބު ނުދެވިދާނެއެވެ. އެހެންނަމަވެސް އޭގެ އެންމެ ރަނގަޅު ގޮތަކީ ހާލަތު ބަދަލުވުން އެމީހަކަށް އަވަހަށް ގުޅުމެވެ. މީހަކު ދެކެ ހިތްހަމަ ނުޖެހިގެން އެމީހެއްގެ ފޯންކޯލަށް ޖަވާބު ނުދީ ހުންނަ ހުރުމަކީ ތިމާއަށް ލިބެން އޮތް ބޮޑު ނަސީބަކުން ނުވަތަ މުހިއްމު މައުލޫމާތަކުން މަހުރޫމުވުން ކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން އެފަދަ ނާތަހުޒީބު ކަންކަމުން ދުރުހެލިވުމަކީ ލޯހުޅުވިފައި ހުންނަ މީހުންގެ ސިފައެކެވެ. އަދި ހިތްހަމަ ނުޖެހިފައި ހުންނަ މީހާއަށް ޖަވާބު ދިނުމަކީ އެމީހަކަށް ހިތްހަމަ ޖެހުން ލިބި، ދެމީހުންގެ ދެމެދުގައި އޮންނަ ނުތަނަވަސް ކަން ނައްތާލެވިދާނެ ކަމެކެވެ.

މީހަކަށް ގުޅުމުން އެމީހަކު ފޯނަށް ޖަވާބު ނުދޭ ކޮންމެ ފަހަރަކީ އެމީހަކު ‘ބްލެކް ލިސްޓް’ ކޮށްލަން ޖެހޭ ފަހަރެއް ނޫނެވެ. އެކި މީހުން އެކި ހާލަތްތަކުގައި ތިބޭނީ އެކި ގޮތަށެވެ. މީހަކު ނިދާފައި އޮންނަ ވަގުތެއްގައިވެސް ފޯނަށް ޖަވާބު ނުދެވިދާނެއެވެ. މިފަދަ ހާލަތުގައި އެމީހަކާއި މެދު ހިތްހަމަ ނުޖެހުން ގެންނަން ވީއެއް ނޫނެވެ. ނަމަވެސް ތަކުރާރުކޮށް އެފަދަ ގޮތަކަށް ޖަވާބު ނުދޭނަމަ އެއީ ވިސްނަން ޖެހޭ ހާލަތެކެވެ.

ފޯނަކީ މިޒަމާނަށް ބަލާއިރު އެންމެ ގިނަ މުވާސަލާތީ ގުޅުން ބަދަހިވެގެންދާ އެއް ވަސީލަތެވެ. އެހެންކަމުން އެވަސީލަތްތުގެ ބޭނުން ދެފަރާތުން ވެސް ރަނގަޅު ގޮތުގައި ބޭނުން ނުކުރާނަމަ އޭގެ އަސަރު އެންމެންނަށް ވެސް ކުރާނެއެވެ. އެންމެ ފޯންކޯލަކުން ވެސް މީހެއްގެ ދިރިއުޅުމުގެ ހާލަތު އެއްކޮށް ބަދަލުވެދާނެއެވެ. އެހެންކަމުން އަންނަ ކޯލަކަށް ޖަވާބު ނުދިނުމުގެ ކުރިން އަދި އެއްފަހަރު ވިސްނާލާށެވެ.