ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓަކަށް އަންގާރަ ދުވަހު ދިމާވި މައްސަލައާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން މައާފަށް އެދިއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ Q2 118 މަތިންދާބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެއާޕޯޓު ރަންވޭގައި ނުޖެއްސި ގަޑިއިރަކަށްވުރެ ގިނައިރަށްފަހު ޖެއްސީ ކުއްލި ހާލަތުގައެވެ.
އެ ހާދިސާއާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯޓުން ދަތުރުކުރި ފަސެންޖަރުންނަށް ދިމާވި ދަތިތަކާއި އިހުސާސްކުރަން ޖެހުނު ނުތަނަވަސްކަމަށް ކުންފުނިން ނިހާޔަތަށް މާފަށް އެދޭ ކަމަށާއި، އަދި ހުރިހާ ފަސެންޖަރުން ބޯޓުގެ ކްރޫއަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އޭގެ އިތުރުން މޯލްޑިވިއަންއިން ބުނެފައި ވަނީ އެ ކުންފުންޏަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެންމެހާ ގަވާއިދުތަކާއި، ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ އިދާރާ އައިކޯއޯއިން ކަނޑައަޅައިފައިވާ އެންމެހާ ގަވާއިދުގެ ދަށުން އޮޕަރޭޓް ކުރާ އެއާލައިނެއް ކަމަށެވެ. ދަތުރުވެރިންނާއި ކުރޫންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ އެއާލައިނުން އެންމެ އިސްކަންދޭ ކަން ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
ގައުމީ އެއާލައިންގެ ބޯޓުގެ ލޭންޑިން ގިޔަރަށް ދިމާވި މައްސަލައެއްގެ ސަބަބުން ނުޖެއްސި ބުރުއަޅައަޅާ ގާތްގަނޑަކަށް ގަޑިއަކަށްވުރެ ގިނައިރު އޮންނަން ޖެހުނެވެ. އަހަރުނުފުރޭ ތުއްތު ކުއްޖަކާއެކު ޖުމްލަ 44 ފަސިންޖަރުން ބޯޓުން ދަތުރުކުރިއެވެ. ދިމާވި އެހާލަތުގައިވެސް ހިތްވަރު ދެއްކި ބޯޓުގެ ކެޕްޓަނާއި ވައިސް ކެޕްޓަން އަދި ކުރޫއަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.