English Edition
Dhivehi Edition

އިންސާނީ ކަރާމާތް ނުގެއްލޭގޮތަށް މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހަދާނޭގޮތު އެކްޝަން ޕްލޭނެއް އެކުލަވާލައިފި އެވެ. 2 ދުވަހުގެ މުއްދަތަށް އިސްކަންދަރު ކޮށީގައި ބޭއްވި “ފޮރެންސިކް ސްޓޭކްހޯލްޑާ މީޓިން”މި މީޓިންގް އަކީ މަރުވެފައިވާ މީހާގެ ހަށިގަނޑާ މެދު އިންސާނީ ކަރާމާތް ދަމަހައްޓާނެ މެޑިކަލް-ލީގަލް ސިސްޓަމެއް ގާއިމްކުރަން ބޭއްވި ބައްދަލުވުމެކެވެ.

ފުލުހުންނާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އަދި ދިވެހި ރެޑް ކްރެސެންޓް (އެމްއާރްސީ) ގުޅިގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެކި ދާއިރާތަކުގެ 18 މުއާސަސާއަކުން ބައިވެރިވި އެވެ. ސިއްހީ ދާއިރާއިން ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލްތައް ބައިވެރިވި އިރު، ކައުންސިލްތަކާއި ކަރެކްޝަނަލް ސާވިސަސްގެ އިތުރުން އިސްލާމިކް މިނިސްޓްރީ އަދި ނެޝަނަލް ޑިސާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ބައިވެރިވި އެވެ.

މި ބައްދަލުވުމުގެ ނިމުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހެލްތު މިނިސްޓްރީއެއްގެ ޒިންމާއަކީ މީހުންގެ ފުރާނަ ސަލާމާތްކުރުން ކަމަށް ވިއަސް، ފުރާނައެއް ގެއްލުމުން ވެސް އެ ތަނުގެ ޒިންމާތައް ނުނިމޭ ކަމަށެވެ. އެހެންކަމުން މަރުގެ ކަންތައްތަކާ ގުޅޭ ހުރިހާ ހިއްސާދާރުންނަށް ހާއްސަކޮށްގެން މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުން، މި ހަރަކާތް ރޭވި ފަރާތްތަކަށް އޭނާ ޝުކުރުއަދާ ކުރެއްވި އެވެ.

18 މުއާސަސާއަކުން ޖުމްލަ 44 މީހުން ބައިވެރިވި މި ބައްދަލުވުމުގައި މަޝްވަރާކުރި މައުލޫތަކުގައި ހަށިގަނޑު އެއްތަނުން އަނެއް ތަނަށް ގެންދާ އިރު ކަންތައް ކުރަންޖެހޭ އެންމެ ރަނގަޅު ގޮތާއި، އަދި ކާރިސާތަކުގައި މަރުވާ މީހުން ފާހަގަކުރާނެ ގޮތް ވެސް ހިމެނެ އެވެ.