English Edition
Dhivehi Edition

ފުރަތަމައެހީ (ފަސްޓްއެއިޑް) ތަމްރީން ޕްރޮގްރާމެއް އައްޑޫސިޓީ ހިތަދޫގައި ބާއްވައިފިއެވެ. މިއީ ދިވެހި ރެޑްކްރެސެންޓް ސ. ގޮފީގެ ފަރާތުން ބޭއްވި ޕްރޮގްރާމެކެވެ. އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި 26 މީހުން ވަނީ ބައިވެރިވެފައެވެ. ޖުލައި 1 އިން 3 އަށް ކުރިއަށް ގެންދިޔަ “ސްޓޭންޑާޑް ފަސްޓް އެއިޑް ޓްރެއިނިން” ގައި އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުން މީހުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ނިންމާލައިފައިވަނީ އިއްޔެ ހަވީރުއެވެ. މިމަހު 8 އިން 10 އަށް ހުޅުމީދޫގައިވެސް މި ތަމްރީންޕްރޮގްރާމް ބާއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. އޭގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުންމަތީގެ މީހުންނަށެވެ. މި ތަމްރީނަށްފަހު ދިވެހި ރެޑްކްރެސެންޓުގެ ވޮލަންޓިއަރެއްގެ ގޮތުގައި ފަސްޓްއެއިޑް ދިނުމުގެ ފުރުސަތު އެމީހަކަށް ލިބިގެންދާނެއެވެ. މިއީ ކޮންމެއަހަރަކުވެސް ދިވެހި ރެޑްކްރެސެންޓުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.