English Edition
Dhivehi Edition

ދިވެހި ރެޑްކްރެސެންޓް ސ. ގޮފީގެ ހިތަދޫ ޔުނިޓާއި، އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ހިތަދޫ “މާކިޅި ފިނިމައިޒާން” ސާފުކޮށްފިއެވެ. މިއަދު ހަވީރު ބޭއްވި މިހަރަކާތުގައިވަނީ އެ މައިޒާނަށް އުކައިފައިވާ ހުސްފުޅިއާއި، ދަޅާއި، ކޮތަޅާއި އަދިވެސް އެފަދަ ސާމާނުތައް ނަގައި ސާފުކޮށްފައެވެ. އޭގެ އިތުރަށް މާކިޅި އައްސޭރިފަށުގައި ހެދިފައިވާ ވިނަތައްވެސް ވަނީ ނޮޅައި ވަރަށްބޮޑަށް ސާފުކޮށްފައެވެ. އެ މައިޒާނަށް އިތުރަށް ކުނި ނޭޅުމަށް އައްޑީސިޓީ ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މައިޒާން ސާފުކުރުމުގެ އިތުރަށް ހިތަދޫ އެޅެދީދީ މަގު(ބޮޑުމަގު) ގެ ދެފަރާތުގައި ބަހައްޓާފައިވާ ގަސްވަށިގަނޑުތަކުގެ ތެރެއަށް އަޅައިފައިވާ ފުޅިފަދަ ސާމާނު ނަގައިވަނީ ސާފުކޮށްފައެވެ. އަދި ހިތަދޫ ޔުނިޓުންވަނީ ހިތަދޫގެ ބައެއް ސަރަހައްދުތަކުގައި ސިޓީކައުންސިލުން ބަހައްޓައިފައިވާ ޑަސްޓްބިންތައް ހުސްކުރުމަށްފަހު ސާފުކޮށްފައެވެ. މިއަދުގެ މިހަރަކާތުގައި އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. މި ހަރަކާތުގައި ރެޑްކްރެސެންޓްގެ ދަރުމަވެރިންގެ އިތުރަށް އާންމުންގެ ތެރެއިން އިޖުތިމާއީ ވަރުގަދަރޫހުގައި ބައެއް މީހުންވަނީ ނުކުމެ ސާފުކުރުމުގައި ބައިވެރިވެފައެވެ. މިއީ އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫހުވަރުގަދަކޮށް އާލާ ކުރުމާއި، އާންމުން އެއްވެ އުޅޭ ތަންތަން ސާފްކޮށް ބޭއްވުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެވެ. މިފަދަ ހަރަކާތްތައް މުސްތަގުބަލުގައިވެސް ކުރިއަށް ގެންދާނެއެވެ.