English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ރަސްމީ ލޯންޗުކޮޅު ބޭނުން ކުރަމުން ގެންދަވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުން މިގޮތަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ކެމްޕެއިންގައި ރައީސް ސޯލިހް ކުރައްވަވާ ދަތުރުފުޅުތަކުގައި ދައުލަތުގެ ތަކެތި ބޭނުންފުޅު ކުރައްވަވާ ކަމަށް އިދިކޮޅުފަރާތްްތަކުން ބުނެ އެކަމަށް ފާޑުކިޔާފައިވަނިކޮށެވެ.

ރައީސް ޞޯލިޙު އާއި ކުރީގެ ރައީސް ނަޝީދު ދާދިފަހުން ކެމްޕެއިން ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވި އިރު ހުޅުމީދޫއަށް ވަޑައިގަތުމަށް ބޭނުންކުރެއްވެވީ ރައީސުލްޖުމްހޫރިއްޔާ ދަތުރު ކުރެއްވުމަށް ޚާއްސަ ކުރައްވާފައިވާ ލޯންޗުކޮޅެވެ. އެ ލޯންޗުކޮޅުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް ބޭފުޅުން ވަނީ ދަތުރުކުރައްވާފައެވެ.

ރައީސް ޞާލިޙުގެ ތަރުޖަމާން އިބްރާޙީމް ޙޫދު ޕީއެސްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުގައި ރިޔާސީ ލޯންޗުކޮޅު ބޭނުންކުރައްވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ޤައުމީ ދިފާޢީ ބާރުން ކަމަށެވެ.

“މިހާތަނަށް ރައީސް ކުރެއްވި ކެމްޕެއިންގެ ހުރިހާ ދަތުރުފުޅެއްގައިވެސް ހުރިހާ ޚަރަދެއްވެސް ކުރީ އެމްޑީޕީން . އޭގެތެރޭގައި ރައީސްގެއާއި އެމަނިކުފާނުގެ އަރިހުގައި ދަތުރުކުރެއްވި ވަފްދާއި، އެމަނިކުފާނުގެ ސެކިއުރިޓީ އޮފިސަރުންގެ ހުރުމާއި ދަތުރުގެ ޓިކެޓައި ހުރިހާ ޚަރަދެއްކުރެއްވީ އެމްޑީޕީން ” ޙޫދު ވިދާޅުވިއެވެ.

ޕާޓީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި ސަލާމަތީ ސަބަބުތަކަށްޓަކައި އެމްއެންޑީއެފުން ފުރިހަމަކުރަންޖެހޭ ކަންކަން އެފަރާތުން ފުރިހަމަކުރައްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އައްޑޫ ސިޓީގެ ހުޅުމީދޫއަށް ރިޔާސީ ލޯންޗުކޮޅުގައި ރައީސް ޞާލިޙްގެ އަރިހުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަޑައިގަތީ ރައީސް ޞާލިޙްގެ އެދިވަޑައިގަތުމަކަށްކަމަށާއި، އެއީ ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ކުރައްވާ އިޙްތިރާމެއްކަމަށް ހޫދު ވިދާޅުވިއެވެ.

1 ކޮމެންޓް
ލލ
މާޗް 13, 2019
ނުނޭ ނުނޭ އެންމެންގެ މުދާ އެކަމު ތިގޮތަށް ވަކި ބަޔެއްގެ ކެމްޕޭނަށް ބޭނުން ކޮށްގެން ނުވާނެ !