English Edition
Dhivehi Edition

އިނގިރޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޖޭމްސް ޑައުރިސް އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

އިނގިރޭސި ސަފީރު، ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް އާއި ހުޅުދޫ ކައުންސިލަރ އިބްރާހިމް ޝުކުރީ އާއި ފޭދޫ ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ޖަމްޝީދާ މުޙައްމަދު އެވެ.

މިބައްދަލުވުމުގައި އައްޑޫސިޓީގެ ކަންކަން ހިނގަމުންދާ ގޮތާއި އާ ސަރުކާރާއެކު ކައުންސިލްގެ ހިންގުމަށް އައި ބަދަލުތަކާއި މަސައްކަތްތައް ރާވައި ހިންގާ ގޮތާއި ގުޅޭ ގޮތުން އިނގިރޭސި ސަފީރު އޮޅުން ފިއްލުވިއެވެ. އަދި ކައުންސިލުން ތައްޔާރުކޮށްފައިވާ ތަރައްޤީގެ ޕްލޭން ބައްލަވާލެއްވިއެވެ.

މިބައްދަލުވުމުގައި އައްޑޫސިޓީގެ ތަރައްޤީގެ ޕްލޭނާއި ގުޅޭގޮތުން އިނގިރޭސި ސަފީރަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވިގޮތުގައި އާ ސަރުކާރާއެކު އައްޑޫގެ ތަރައްޤީއަށް ގިނަ ކަންކަން ސަރުކާރުން ރާވާފައިވާ ކަމަށާއި އައްޑޫގެ ތަރައްޤީގެ ޕްލޭން ކުރިއަށް ގެންދާނީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ.

މިބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ އިނގިރޭސި ސަފީރަށް ހަދިޔާއެއް ވެދުމަށް އަރުވާފައެވެ. އިނގިރޭސި ސަފީރުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު އެމަނިކުފާނު ވަނީ ފުރާވަޑައިގެންފައެވެ.