English Edition
Dhivehi Edition

މާލެއައިން ފުރައިގެން އައްޑޫސިޓީގެ ގަމަށް އައި މޯލްޑިވިއަންގެ ފްލައިޓެއްގެ ލޭންޑިން ގިއާއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެއާޕޯޓަށް ލޭންޑް ނުވެ ގިނަ އިރުތަކެއް ވުމަށް ފަހު ސަލާމަތުން ބޯޓު ލޭންޑު ކޮށްފިއެވެ.

ބޯޓުގެ ލޭންޑިން ގިއާއަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ގިނަ އިރުތަކެއް ވަންދެން މަތީގައި އުދުހުމަށްފަހު ބޯޓު ލޭންޑު ކުރީ އާދައިގައި ވެސް ލޭންޑްކުރާ ގޮތަށް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

“އިމަޖެންސީގައެއް ނޫން ލޭންޑްކުރީ. މައްސަލަ ހައްލު ވެގެން ހަމަ ނޯމަލް ލޭންޑިން އެއް އެއީ” އައިލެންޑް އޭވިއޭޝަނުގެ މުަވައްޒަފަކު “އޭއޯ ނިއުސް ” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އެއާޕޯޓު ސަރަހައްދުގައި އުދުހެމުން ދިޔަ ވަގުތު ގަމުގެ އެއާޕޯޓު އޮތީ އިމަޖެންސީ ހާލަތަށް ގެނެސްފައެވެ. އަދި އެމްބިޔުލަންސާއި އެމްއެންޑީއެފުން ތިބީ ދިމާވެދާނެ ހާދިސާއަކަށް ތައްޔާރު އިމަޖެންސީގައެވެ.

ބޯޓު އެއާޕޯޓުގައި ނުޖެއްސި ގިނަ އިރުތަކެއް ވުމަށް ފަހު މިހާރު ސަލާމަތުން އެއާޕޯޓުގައި ވަނީ ލޭންޑް ކޮށްފައި ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި ބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންވެސް ހެޔޮ ހާލުގައި ތިބި ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ޑޭޝް 8 ކިއު 300 ގެ މި ބޯޓަކީ އައިލެންޑް އޭވިއޭޝަނަށް އެންމެ ފަހުން ގެނައި ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ.