English Edition
Dhivehi Edition

މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ ކޮންމެ މަންމަ އަކުވެސް، އަދި ބައްޕައަކުވެސް ދެކޭނެ ހުވަފެނަކީ ތިމާގެ ދަރިފުޅު ރަގަޅު، ހަރުދަނާ މީހަކަށްވުމެވެ. މިކަމަށް ހަޤީގަތަކަށް ހެދުމުގެ ގޮތުން ގިނަ ނިންމުންތަކެއް ނިންމައި ގިނަ ތައްޔާރީތަކެއްވެވެއެވެ. ދަރިފުޅުގެ ސިއްޙަތަށް އެންމެ ފައިދާހުރި ކާނާއިން ފެށިގެން ދަރިފުޅު ތަޢުލީމު އުނގެނެންދާނެ މަދުރަސާ ކަނޑައެޅުންފަދަ މުހިންމު ނިންމުންތައް ނިންމުމުގައި ކޮންމެ ބެލެނިވެރިއަކުވެސް ގިނަ ވަގުތުތަކެއް ހޭދަކުރާނެއެވެ.

ހަމަ ޔަޤީނުންވެސް ދަރިންނަށް އެންމެ ހެޔޮއެދޭފަރާތަކީ މައިންބަފައިންނެވެ. އެއްވެސް މަންމައަކު، އަދި ބައްޕައަކުވެސް އެބައެއްގެ ދަރިފުޅަށް ދެރަގޮތެއް ނޭދޭނެއެވެ. އެހެންކަމުން ދަރިފުޅަށްޓަކައި ނިންމާ ނިންމުންތަކަކީވެސް އެދަރިފުޅަށް އެންމެ ރަގަޅުގޮތް ކަމުގައި ބަލާފައި ނިންމާ ނިންމުންތަކެވެ. އެހެންނަމަވެސް ބައެއްފަހަރު މިފަދަ ހާލަތްތަކުގައި ތިމާގެ ދިރިއުޅުމުގައި ހާޞިލުނުވި ލަނޑުދަނޑިތައް ތިމާގެ ދަރިފުޅަށް ހާޞިލުކޮށްދިނުމުގެ ހުވަފެން ބެލުމުގައި މާބޮޑަށް މަޝްއޫލުވެވި، ތިމާގެ ދަރިފުޅު ހާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ދެނެގަތުމުގައި ބައެއް ބެލެނިވެރިންނަށް އިހުމާލުވެވޭތަން އާދެއެވެ.

މިކަން އެންމެ ބޮޑަށް ފެނިގެންދާ އެއް ދަނޑިވަޅަކީ އޯ ލެވެލް އަދި އޭލެވެލް ނިންމާފައި ވަޒީފާ ނުވަތަ މަތީ ތަޢުލީމު ހޯދުމަށް މިސްރަބު ޖަހާ ގިނަ ޒުވާނުން، އެމީހުން ކިޔެވި ދާއިރާއާއި މުޅިން ތަފާތު ދާއިރާތަކުން ކުރިއަށްދާދިއުމެވެ. ސައިންސް ކިޔެވި ދަރިވަރުން ބިޒްނެސްގެ ދާއިރާތަކުން ކުރިއަށް ދިޔުން، ނުވަތަ ބިޒްނެސް ކިޔެވި ދަރިވަރު ޕައިލެޓަކަށްވުން ފަދަ ކަންކަމަކީ މިދެންނެވިފަދަ ހާލަތްތަކެކެވެ. ކަން މިހެން ވެގެންދަނީ ތިމާގެ ދަރި ޑޮކްޓަރަކަށް، ނުވަތަ ކުންފުންޏެއްގެ ސީއީއޯ އަކަށް ހެދުމުގެ ނިޔަތުގައި ނިކުންނަ މައިންބަފައިންނަށް އެބައިމީހުންގެ ކުދިންގެ އެދުންތައް ދެނެނުގަނެވުމުގެ ސަބަބުންނެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށް ވެގެންދަނީ ގިނަ ކުދިން އެކުދިން ބޭނުންވާ ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި އޯލެވެލް ނުވަތަ އޭލެވެލް ހެދި އިރު ކިޔެވި މާއްދާތައް ދޫކޮށް ގުޅޭ ދާއިރާއަކުން ހަމަ އެފެންވަރުގެ ކޯސްތަކެއް ފުރިހަމަ ކުރުމުގައި ވަގުތު ހޭދަކުރުމެވެ. ބޭނުންވި ދާއިރާއިން ބިންގާ އެޅުނު ނަމަ ފަހުން ފުރިހަމަ ކުރުމުގައި ވަގުތު ހޭދަކުރަން ނުޖެހުނު ކޯސްތަކުގައެވެ.

 

ފަހަރުގައި ބައެއް ބެލެނިވެރިން މިފަދަ ނިންމުންތައް އެބައިމީހުންގެ ދަރިންގެ މަތިން ނިންމައިދެނީ ދަރިން ކުޑަ، ނުވަތަ އެންމެ ރަގަޅުގޮތް ނުވިސްނިދާނެކަމަށް ހީކޮށްފައި ކަމަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް ޤަބޫލުކުރަން ޖެހޭ ހަޤީގަތަކީ ތިމާގެ ދަރިފުޅު ހިތްނުރުހުންސް، ތިމާ ބޭނުން ދާއިރާއަކުން ދަރިފުޅު ކިޔަވައި ނިންމުމަށްފަހު ވަޒީފާއަށްނިކުމެއްޖެނަމަ، އެދަރިފުޅުގެ މުޅި އުމުރުގައި ހުންނަންޖެހޭނީ އޭނާ ގަޔާނުވާ ވަޒީފާއެއްގައި ކުރާހިތްނުވާ މަސައްކަތެއްކުރުމުގައިކަމެވެ. އެހެންކަމުން މިފަދަ ބޮޑެތި ނިންމުންތައް ނިންމުމުގައި ދަރިންގެ ބަސް ބެލެނިވެރިން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ދަރިފުޅުގެ ޚިޔާލަކީ އެންމެ އެކަށޭނެ ޚިޔާލެއް ނޫންކަމުގައިވާނަމަ، ވިސްނައިދޭށެވެ. އެހެންނަމަވެސް، މިކަކުގައި ތިމާގެ އެދުމަށްވުރެ، ތިމާގެ ދަރިފުޅުގެ ކުރިމަގާއި، ހަމައެހެންމެ އެދަރިފުޅުގެ އުފާވެސް ހަނދާން ބަހައްޓަށެވެ.

ކުޑައިރުއްސުރެ ދަރިފުޅުގެ ދިރިއުޅުމާއި ބެހޭ މިފަދަ ނިންމުންތައް ނިންމުމުގައި ދަރިފުޅު ޝާމިލު ކުރުމުން ބޮޑުވެގެން އަންނައިރު އެކުއްޖާއަށް މައިންބަފައިން ނެތް ދުވަހެއްގައިވެސް އެންމެ ރަގަޅު ނިންމުންތައް ނިންމޭނެކަމުގެ އިތުބާރު އަމިއްލަ ނަފްސަށް އޮންނާނެއެވެ. އަދި ދަރިންނާއި ބެލެނިވެރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ، ހެޔޮ ވިސްނޭ ޒިންމާދާރު ބަޔަކަށް ކުދިން ހެދުމަށް މަގުފަހިވެގެންދާނެއެވެ. އެހެނކަމުން ދަރިފުޅުގެ ދިރިއުޅުމުގެ ނިންމުންތަކުގައި ދަރިފުޅަށް އިސްރޯލެއް އަދާކުރިޔަ ދޭށެވެ.