ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލައްޤައްޔޫމް އޮންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައިކަމަށް މިނިސްޓަރީ އޮފް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލަޖީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞޯލިޙް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނުކަންވެސް ކުރައްވަމުންގެންދަވާ ޢަލީ ޞޯލިޙް މިހެން ވިދާޅު އޭނާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ޢަލީ ޞޯލިޙް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، “ޔާމީން އޮންނަން ޖެހޭނީ ހަމަ ޖަލުގައި” ކަމަށެވެ. ޢަލީ ޞޯލިޙް މިހެން ވިދާޅުވިއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހީމް ވަނީ ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
“އަޅުގަނޑު ގޮވާލަން ބޭނުންވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާނުވާ ޖަހާފައި ޖަލުގައި ނުބޭންދޭނޭ. ދޫކޮށްލައްވާށޭ މިހާރުން މިހާރަށް.” ޤާސިމް އިބްރާހީމް ރޭ ވިދާޅުވެފައިވެއެވެ.
ޤާސިމް ރޭ އިތުރަށް ވިދާޅުވީ، އަނިޔާވެރި ނުވާނަމޭ ކިޔައިގެން، އެތޮފި އަޅައިގެން ތިބެގެން ޢަބްދުﷲ ޔާމީން އެހެން ޖަލަށް ލައިގެން ނުބޭންދޭނެ ކަމަށާއި، ޢަދުލު އިންސާފު ލިބެންޖެހޭނީ ހުރިހާ މީހުންގެ މައްޗަށްވެސް ހަމަހަމަކޮށް ކަމަށެވެ.